ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އިއުލާން ކުރައްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު"އަށް މިއަދު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ރައީސް މާދަމާ މެންދުރު 1:30ގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.
"އެއަށްފަހު އެ ކަމާ ގުޅޭ މިނިސްޓްރީތަކުން، ޕޭ ކޮމިޝަނުން އެކަމުގެ އިތުރު ތަފްސީލު ހާމަކުރާނެ،" އޭނާ ވިދާޅުވި އެވެ.

މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 ޕަސެންޓު ބޮޑުވާނެ އެވެ. އަދި ގްރެޖުއޭޓް ލެވެލްގެ ސެކަންޑްރީ ޓީޗަރަކަށް އިތުރުގަޑިއާ ނުލައި ހަމަ އެކަނި މުސާރައަށް 19،740ރ. ލިބޭނެ އެވެ.
އެ ދުވަހުގެ ވާހަކައިގައި ރައީސް ވިދާޅުވެފައި ވަނީ ތައުލީމީ ދާއިރާއަށް ކުރިއެރުން ގެނައުމަށްޓަަކައި ސަރުކާރުން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ބަޔަކީ އެ ދާއިރާއަަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރި މަސައްކަތް ކަމަށްވެސް ރައިސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެކަނިވެސް 4،000 އަށް ވުރެ ގިނަ ޓީޗަރުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ސަރުކާރުން ހޯދައި ދިނެވެ.
"ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި 20 ޕްރިންސިޕަލަކަށް މާސްޓަސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދާދެވިއްޖެ. މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
މީހުން ބިނާކުރުމުގެ އިތުރުން، ސްކޫލްތަކަށް ބޭނުންވާ އުމްރާނީ ގިނަ މަސައްކަތްތަކެއް ވެސް މިދިޔަ އަހަރު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ވިދާޅުވި އެވެ.












