އީދު ދުވަހު ކ. މާފުށީގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ކައުންސިލުން ދޭ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހް "އަދަދު" އަށް ވިދާޅުވީ އީދު ދުވަހު ކައުންސިލުން ދޭ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށް ކައުންސިލުން ދިން ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ދުވަހު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އީދު ދުވަސް މިފަހަރު ވެސް ކުލަގަދަކޮށް މާފުށީގައި ފާހަގަކުރަން ނިންމާފައިވާއިރު، ރައީސްގެ ދެކަނބަލުން އަދި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ އެ ދުވަހު މެންދުރު ކައުންސިލުން ދޭ ހާއްސަ ފަރިއްކޮޅުގައިކަމަށް ސޮލާހު ވިދާޅުވި އެވެ.
އަދި ފަރިއްކޮޅަށްފަހު އެ ދުވަހު ހަވީރު އެނބުރި މާލެ ވަޑައިގަތުމަށް ރައީސް ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ސޮލާހް ވިދާޅުވި އެވެ.
އީދު ދުވަހާއި ގުޅިގެން މާފުށީގައި މިފަހަރު މުޅި ދުވަހަށް ބަހާލައިގެން ފެސްޓިވަލް ސްޓައިލަށް ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދަށްފަހު ސަގާފީ ހެނދުނުގެ ފަރިއްކޮޅަކާއި ސައި ފޮދެއް ބާއްވަން ހަމަޖެހިފައިވާއިރު، ކުޑަކުދިންގެ ހަވީރަކާއި، ހުރިހާ އުމުރުފުރާއަކަށް ބާއްވާ މިއުޒިކް ޝޯއެއް އެރޭ އެރަށުގައި އޮންނާނެ އެވެ.

އީދަށް ގާތްގަނޑަކަށް 5،000 އަށްވުރެ ގިނަ މީހުން އެރަށަށް އަންނާނެކަމަށް އެރަށު ކައުންސިލުން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.












