ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިޔަށްގެންދާ ބޮޑު މަޝްރޫއަށް ހުށަހެޅިފައިވާ ފައިނޭންޝަލް ބިޑްތައް އިވެލުއޭޓްކުރަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ހުށަހެޅި ބީލަންތަކުގެ ޓެކްނިކަލް އިވެލުއޭޝަން މަރުހަލާ ނިންމާލުމަށްފަހު މިހާރު ފައިނޭންޝަލް ބިޑްތަކަށް ހުޅުވާލައި އެ ބިޑްތައް އިވެލުއޭޓްކުރަން ފަށާފައިވާ ކަމަށެވެ.
އުތުރުގެ މައި އެއާޕޯޓުގެ ގޮތުގައި އޮންނަ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރެއްގެ މައްޗަށް 1.3 މިލިއަން ފަސެންޖަރުންނަށް ހިދުމަތްދެވޭނެވަރުގެ ޓާމިނަލެއް ގާއިމުކުރުމަށް އޮތީ ނިންމައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އޭގެ އިތުރުން ވެސް އެ އެއާޕޯޓުގައި ދަތުރުފަތުރު ފުޅާކުރުމަށް އެހެން ގިނަ ވަސީލަތްތަކެއް ވެސް ގާއިމުކުރާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ، އެ މަޝްރޫއު ނިމުމުން، ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ބޭނުންކުރާ ބޮޑެތި އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓު ވެސް އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ.

އަދި އެ މަޝްރޫއު ނިމުމުން މެދުއިރުމައްޗާ، އޭޝިއާގެ އެކި ސަރަހައްދުތަކާއި އިރުމަތީ އެފްރިކާގެ ބައްރުގެ ގައުމުތަކުން ވެސް ސީދާ ދަތުރު އެ އެއާޕޯޓަށް ކުރުމުގެ ގާބިލުކަން ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުންނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ އުތުރުގެ އިގްތިސާދީ މައި ހަބެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، އުތުރުގައި ރިސޯޓުތަކާއި ސިޓީ ހޮޓަލް އަދި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރަން އެ މަޝްރޫއުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބޮޑު ކަންނެއްޔާއި އެހެން ބާވަތްތަކުގެ މަސްވެރިކަމުގެ ސިނާއަތްތައް ވެސް އެ މަޝްރޫއުގެ ސަބަބުން ފުޅާވެ، ބައިނަލްއަގްވާމީ ބޮޑެތި އާގުބޯޓުފަހަރަށް ހިދުމަތްދިނުމުގައި ވެސް އެ އެއާޕޯޓުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.












