ފިތުރު އީދު ދުވަހު ހަވީރު 4:00 ފެށިގެން ރޭގަނޑު 8:00 ހަމައަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ރޭ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި އޮތީ އީދު ދުވަހު ހަވީރު މާލޭގައި "ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް" ހަމަޖައްސާފައިވާ ކަމަށެވެ.
އީދު ދުވަހު ހިނގާފައި އުޅޭ ގޮތަށް ފުރަތަމަ ހަމަޖެއްސީ މީގެ 25 ވަރަހަށް އަހަރު ކުރިންނެވެ. އޭގެ ފަހުން ވަރަށް ގިނަ އަހަރު، ކޮންމެ އީދު ދުވަހެއްގެ ވަކި ވަގުތަކު މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރެ އެވެ.
އޭގެ އިތުރުން، ވަޅު އީދު ދުވަހު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އިވެންޓު ބާއްވާ ސަރަހައްދުގެ ބައެއް މަގުތަކުގައި ދުވަހު ވެސް ވެހިކަލް ދުއްވުން އޮތީ މަނާކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ހޯމް މިނިސްޓްރީގެ ފަރާތުން "ކޮއްކޮމެންގެ އީދު" ގެ ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރު ބާއްވާނީ ރަސްފަންނު ސަރަހައްދުގައިކަމުން މަޖީދީމަގުގެ ބަޔަކާއި އެ ސަރަހައްދުގެ ބައެއް މަގުތަކުގައި ވަޅު އީދު ދުވަހު ވެހިކަލް ނުދުއްވޭނެ ކަމަށެވެ.













