ރިޕޯޓުނަމޫނާ ދައްކާ ކެޕްޓަނެއް، މަހޭގެ އަމާޒު ކްރިކެޓަށް ކާމިޔާބު މުސްތަގުބަލަކަށް

ނަމޫނާ ދައްކާ ކެޕްޓަނެއް، މަހޭގެ އަމާޒު ކްރިކެޓަށް ކާމިޔާބު މުސްތަގުބަލަކަށް

ގިނަ ކުޅިވަރުތަކެއްގައި ކުރިއަށް ދެވޭތޯ މަސައްކަތްކުރި، ހިތް ޖެހުނީ ކްރިކެޓަށް، މަހަފޫޒް ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކްރިކެޓް ކުޅުންތެރިންނާ އެކު ގައުމު ތަމްސީލްކޮށްފައި. މިއަދު ޒުވާން ގައުމީ ޓީމެއްގެ ކެޕްޓަނަކަށް ހުރެ، އޭނާ އެދެނީ ރާއްޖޭގެ ކްރިކެޓަށް ކާމިޔާބު މުސްތަގުބަލަކަށް

ނަމޫނާ ދައްކާ ކެޕްޓަނެއް، މަހޭގެ އަމާޒު ކްރިކެޓަށް ކާމިޔާބު މުސްތަގުބަލަކަށް

އަށް ޑިިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ކްރިކެޓް ކުޅޭ ޒުވާނުންގެ ނިސްބަތް ދިޔައީ އިތުރުވަމުންނެވެ. ކްރިކެޓަށް ޝައުގުވެރިވާ ޒުވާނުން، އެ ކަމަށް ހިތް ޖެހެނީ އެކި ސަބަބުތަކަށްޓަކަ އެވެ. ވަށައިޖެހޭ މާހައުލުން ފެންނަ ކަންކަމާ ކާމިޔާބު ކުުޅުންތެރިންގެ ފަރާތުން ހިތްވަރު ހޯދައި، ތަފާތު ކަންކަން މެދުވެރިވެގެންނެވެ. ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން، މުހައްމަދު މަހަފޫޒް (މަހޭ)ގެ ވާހަަކަ ވެސް ތަފާތެވެ.

ވިއްސަކަށް އަހަރު ދުވަހު ކްރިކެޓް ތެރޭގައި އުޅެފައިވާ، މަހޭ، 34، ގެ ކްރިކެޓް ވާހަކަ ފެށެނީ ޓީވީން އައި ހަބަރުތަކުންނެވެ. އެ ގޮތުން ރޭގަނޑު އަންނަ ޓީވީ ހަބަރަށް ފަހު، ކުޅިވަރު ހަބަރުތައް ކިޔާ ވަގުތު، މަހޭ އަށް އިވެނީ، ކްރިކެޓްގެ ވާހަކަ ތަކެވެ. އޭރު، ކްރިކެޓް މިއީ ކިހިނެއް ކުޅިވަރެއް ކަމެއް، އަދި ކިހިނެއްވާ ކަމެއްގެ މައުލޫމާތުގެ އެއްވެސް މިންވަރެއް އޭނާގެ ނެތެވެ. ކްރިކެޓް އިތުރަށް ދެނެގަންނަން ވިސްނައިގެން ހުއްޓައި، ދެން، މަހޭގެ އަތުގައި ނަސީބު ހިފީ 1999 ވަނަ އަހަރުގެ ވޯލްޑް ކަޕް ލައިވްކޮށް ފެންނަން ފެށުމުންނެވެ.

"1999 ގައި ކްރިކެޓް ވޯލްޑް ކަޕް ޓީވީއެމް އިން ލައިވްކޮށް ދެއްކީ އެ ފަހަރު މި ފެންނަނީ ކްރިކެޓް ކުޅޭތަން. އިންޑިއާ މެޗެއް ބެލުނީ. ބަލާފައި ވަރަށް އިންޓްރެސްޓްވި، ބަލާފައި، އެ އަހަރު ތެރޭ ސްކޫލުން އިއުލާނުކުރީ، ގިޔާސުއްދީން ސްކޫލުން މި އިއުލާނުކުރީ ކޮން ކުދިންނެއްހޭ ކްރިކެޓް ކުޅޭނީ، އިންޓަރެސްޓް ހުންނަ ކުދިން އަންނާށޭ ހަތަރެއް ޖަހާއިރު،" ކްރިކެޓް ފެށުނު ގޮތް މަހޭ ކިޔައިދިނެެވެ.

"ދެން، އިންޑޯ އަށް އައީ. އައިސްފައި ފުރަތަަމަ ދުވަހު ކްރިކެޓްގެ ސްކިލް އެއްޗެހި ހަދާފައި ހިތަށް އެރީ، ކްރިކެޓޭ ކުޅޭނީ، އެ ހިސާބުން އެ ފެށުނީ،"

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މަހަފޫޒް (މަހޭ): ކްރިކެޓް ކުޅެން ފެށީ ގިނަ ކުޅިވަރުތަކެއްގައި އުޅުމަށް ފަހު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ޒަމާނުއްސުރެ އަށަގަނެފައި އޮންނަ އެއް އާދަ އަކީ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިއަކު ނުވަތަ އެތުލީޓަކު، ގިނަ ކުޅިވަރުތަކެއްގައި ޝާމިލުވެ އުޅުމެވެ. ކުރިއަށް ދާން ބޭނުންވާ ރަނގަޅު ކުޅިވަރެއް އެނގެނީ ވެސް އެތައް ކުޅިވަރެއްގެ މަގުން ހިގައިގެން، އަސްލު ދާން ބޭނުންވާ މިސްރާބާ ހަމައަށް ލޯ ހުޅުވޭ ފަހުންނެވެ. މަހޭގެ ވާހަކަ ވެސް އޮތީ މި ކަހަލަ ގޮތަކަށެވެ.

މަހޭ، ވެސް ކްރިކެޓް ކުޅެން ފެށީ ގިނަ ކަންކަން ތަޖުރިބާ ކުރި ފަހުންނެވެ. މަހޭގެ ބޭބެ، ހަސަން މުހައްމަދު އަކީ ކްލަބް ވެލެންސިއާގެ ގޯލްކީޕަރު ކަމަށްވާތީ، މަހޭ ފުރަތަމަ ބޭނުންވީ ކީޕަރަކަށް ކުޅޭށެވެ. އެހެން ނަމަވެސް ކަލާފާނު ސްކޫލްގައި ޓީމަށް ނޭރުމުން އެ ހިޔާލު ދޫކޮށްލި އެވެ. އޭގެ ފަހުން ޓޭބަލް ޓެނިސްގެ އިންޓަ ހައުސް މުބާރާތުގައި ހަތަރު ވަނަ ދިޔަ ކަމުގައި ވިޔަސް، އެ ކުޅިވަރުން އޭނާ ކުރިއަށް ދިއުމުގައި މާބޮޑު ސަމާލުކަމެއް ނެތެވެ. އޭގެ ފަހުން ގިޔާސުއްދީން ސްކޫލް އަށް ބަދަލުވެ، ފެތުމުން ކުރިއަށް ދާން ޝައުގުވެރިވި ނަމަވެސް ޓީމަށް ނޭރުމުން، އެކަން ވެސް ދޫކޮށްލީ އެވެ. މި ހުރިހާ ކުޅިވަރެއްގެ ތެރެއިން އެކިއެކި ތަޖުރިބާ ލިބި، އޭނާ އަށް އެންމެ ފަހުން ނުކުމެވުނީ ކްރިކެޓްގެ މައިދާނަށެެވެ.

"އެ ހިސާބުން ނިންމީ މި (ކްރިކެޓް) ހުއްޓައެއް ނުލާނަމޭ، ކުރިއަށް ގެންދާނީއޭ، އެކަމަކު، މީގެ ވަރަށް ބައިވަރު ޗެލެންޖަސް (ގޮންޖެހުން) އައި. އެއީ އެހާ ބަޔަކު ލައިކްވާ (ގަޔާވާ) ކުޅިވަރެއް ނޫން. އެކަމަކު، އައިސްފައި އައި ފީލް ރައިޓް އެބައުޓް ދިސް އޭ (މިއީ ރަނގަޅު ކުޅިވަރުކަން އެނގުނު). ކިޔާނެ މީހަކު އެއްޗެހި ކިޔާފާނޭ، އައި ވިލް ޕްރޫވް ދެމް ރޯންގް އޭ (އެ މީހުން ދެކޭގޮތް ގޯސްކަމަށް ދައްކާނަމޭ). ކްރިކެޓުން ކެރިއަރެއް، ނޫނީ މީގެ އިން ކުރިއަށް ހަމަދާނީއޭ،" މަހޭ ބުންޏެވެ.

ކާމިޔާބު އުކުންތެރިއާ މަހޭ، ފުރަތަމަ ބޯޅަ އުކަން ފެށީ ގޭ ގޯޅިގަނޑުގެ ތެރެއިން

ކްރިކެޓްގައި ރާއްޖޭގެ އެންމެ ރަނގަޅީ ފީލްޑިން އާއި ބޯލިން އެވެ. މަހޭ އަކީ މޮޅު ސްޕިނަރެކެވެ. އޭނާ އަށް އެކަން ދަސްވީ ވެސް ތަފާތު ގޮތަކަށެވެ. ކޮންމެ މީހެއް ވެސް ނަކަލު ކުރާ ނުވަތަ ކަމެއް ދަސްކުރާ މަޝްހޫރު ކުޅުންތެރިއަކު ހުންނާނެ އެވެ. އެ ގޮތަށް މަހޭ ވެސް މޮޅު ސްޕިނަރަކަށް ވާން ޝައުގުވެރިވެ، މަސައްކަތް ކުރީ، ލަންކާގެ ކުޅުންތެރިޔާ، މުތިއާ މުރަލިތަރަންގެ ވައްޓަފާޅި އަށް ބޯޅަ އުކަން ދަސްކުރުމަށެވެ.

"1999 ގައި ވޯލްޑް ކަޕް ބަލާލިއިރު، ފެނުނީ ދެ ކަމެއް. ސަޗިން އާއި ގަންގޫލީ ބެޓްކުރާތަން. ދެން މުރަލިތަރަން ބޯލް ކުރާތަން. ދެން ގޭގަ އިންނަ ގޯޅިގަނޑުގައި ޓީޓީ ބޯޅަ އަކުން މުރަލީގެ ސްޕިން އެކްޝަން، ނޫނީ އިނގިލިން އެެ ގެންނަ ޗޭންޖަސް މި ޓްރައި ކުރަނީ،" މޮޅު ބޯލަރަކަށް ވުމުގެ ދަތުރު ފެށިގެން އައިގޮތް މަހޭ ކިޔައިދިނެވެ.

"ދެން، ކަޒިންސް (ދެބޭންގެ ދެދަރި ކުދިން) ތިބޭނެ އެއް އޭޖެއްގެ ފޯ ފައިވް ބޯއީސް ވަރު (އެއް އުމުރެއްގެ ހަތަރެއް ނޫނީ ފަސް ފިރިހެން ކުދިން)، ދެން ހަމަ ފިލާގަނޑެއް ހިފައި އެކަކު ބެޓްކުރާއިރު، ޕިންޕޮން ބޯޅައެއް ނަގައިގެން، ސްޕިން ކުރެވޭތޯ ބަލަނީ،"

މަހޭ، ގިޔާސުއްދީންގެ ޓީމުން ފުރުސަތު ހޯދަން އައިއިރު، އޭނާ އަށް ޓީމުން ޖާގައެއް އޮތީ ބާރަށް އުކައިގެން ނޫން ކަމަށް، އޭރު ޓީމުގެ ކޯޗު ބުނުމާ އެކު އިތުރު ވިސްނުމަކަށް ދިޔަ އެވެ. ބާރަށް އުކާ ކުޅުންތެރިން ޓީމުގައި ގިނަވުމުން ކޯޗު ލަފާދިނީ ސްޕިން ކުރުމަށެެވެ. އެއީ، މަހޭ، އަމިއްލަ އަށް ދަސްކުރަމުން އައި ކަމަކަށްވާތީ މާ އުނދަގޫ ކަމަކަށް ނުވި އެވެ. ނަސީބު ވެސް ރަނގަޅުވުމާ އެކު އުކި ބޯޅަތަކުން ރަނގަޅު، ވިކެޓްތަކެއް ނެގި މަހޭ ސްކޫލް ޓީމަށް އެރީ އެވެ. އެތައް ކުޅިވަރަކުން ނުވެ، އޮތް ކަމެއް ކްރިކެޓުން ހާސިލްވުމުން އޭނާ ހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫނެވެ.

މަހޭ، "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ޓީމަށް އެންމެ ފުރަތަމަ މަހޭ ކުޅެން ފެށީ، އުމުރުން 16 އަހަރުގައި، 2003 ވަނަ އަހަރު ނޭޕާލްގައި ބޭއްވި އޭސީސީ އިމާޖިން ނޭޝަންސް ކަޕްގަ އެެވެ. ސްކޫލްގައި އުޅެމުން ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތުގެ ބޭނުން ވެސް މަހޭ ހިފީ ކެރިގެންނެެވެ. މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތެއް ކަމަށްވާތީ، ދިމާވި ކޮންމެ ކަމެއްގައި އޭނާ ހުރީ ސާބިތުވެ އެވެ.

"ވަރަށް ރަނގަޅަށް ހަދާންވޭ މަހޭގެ ފުރަތަމަ މެޗު، މޫސާ ކަލީމްގެ ކެޕްޓަންސީގައި ބޫޓާނާ ދެކޮޅަށް ކުޅުނީ. ފުރަަތަމަ އޯވަރުގައި ވިކެޓެއް ވެސް ލިބުނު، އަފްޒަލް ފާއިޒު ބޯޅަ ވެސް ހިފީ. ވަރަށް ޔަންގް އޭޖްގައި އެއީ، ސްކޫލްގައި އުޅެމުން. އެ ފަހަރު ޓީމަށް އެރުނީ ކްރިކެޓް ދަސްކޮށްދިން އެއް ކޯޗު ރިޕްލޭސްކޮށްފައި. އެ މުބާރާތުގައި ދެ މެޗު ކުޅެލަން ލިބުނީ. އެ ދެ މެޗުގެ ހަނދާނެއް ނުނެތޭނެ،" މަހޭ ބުންޏެވެ.

"ފުރަތަމަ ގައުމީ ޓީމަށް އެރުމުން އާއިލާ ވަރަށް އުފާވި، އޭރު ކްރިކެޓް ރަނގަޅަށް ނޭނގޭ މީހުން ވެސް ވަރަށް ހިތްހަމަޖެހިފައި މަރުހަބާ ކީ. އެއީ ޒުވާން އުމުރުގައި ގައުމީ ޓީމަކަށް ކުޅެލަން ލިބުނީމަ،"

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަހޭ މަސައްކަތް ކުރީ ނަމޫނާ ކުުޅުންތެރިއަކަށް ވުމަށެވެ. އެ ގޮތުން އަމިއްލަ، އިންޑިވިޖުއަލް ކާމިޔާބީ އަށް ވުރެ އިސްކަން ދިނީ ޓީމުގެ ކަންކަމަށެވެ. މިއީ، އޭނާ އަށް ގައުމީ ކްރިކެޓް ކެޕްޓަންކަން ލިބުމުގައި ވެސް އިސް ދައުރެއް އަދާކުރި ކަމަކެވެ.

ރާއްޖޭގެ ކްރިކެޓްގައި މިހާތަނަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ހާއްސަ މެޗުތަކުގައި މަހޭ ވަނީ ކުޅެފަ އެވެ. އެ ގޮތުން އޭނާ އެންމެ ހަނދާން ވަނީ ރާއްޖޭން 2010 ވަަނަ އަހަރުގެ އޭސީސީ ޗެލެންޖް މުބާރާތުގެ ފައިނަލަށް ދާން ވެގެން، ކުރި ދަތުރުގައި ފަހު ވިކެޓް ލިބުނު ވަގުތުކޮޅެވެ.

"އެ ވިކެޓުން ޔަގީންވީ ރާއްޖެ ޕްރޮމޯޓްވީ އޭސީސީގެ އެލީޓް ސްޓޭޖަށް، އެއީ ހަމަ އެންމެ ބޮޑު އެޗީވްމަންޓް، ފައިނަލުން މޮޅުވުމަށް ވުރެ އެ ދުވަހު މާ އުފާވި، އަނެއް ސްޓޭޖަށް ގެންދެވުނީމަ، އެ ގަޑީގައި ހިތަަކަށް ނާރާ ފައިނަލެއް އޮތް ކަމަކަށް ވެސް،" މަހޭ، އުފަލާ އެކު އެ ހަނދާންތަކުގެ ވާހަކަ ހިއްސާކުރި އެވެ.

ޕްރޮފެޝަނަލް ކެރިއަރެއް ބިނާ ކުރުމަކީ ބުރަބޮޑު ކަމެއް - މަހަފޫޒް، ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން

އެންމެ ފުރަތަމަ މަހޭ ގައުމީ ޓީމުގައި ހިމެނުނުއިރު، އުޅުނީ ސްކޫލްގައި ކަމަށްވާތީ، އޭރަކު ވަޒީފާ އަކަށް ނުދެ އެވެ. އެކަމަކު، ސްކޫލް ނިމުނުތަނުން، ވަޒީފާ އަކަށް ދިއުމުގެ ޕްރެޝަރު އާއިލާގެ ފަރާތުން ކުރިމަތިވި ކަމަށް މަހޭ ބުންޏެވެ. ސަބަބަކީ ރާއްޖޭގެ ސަގާފަތުގެ ތެރެއިން އައިސްފައިވާ އެއް ގަބޫލުކުރުމަކީ ކިޔެވުން އިތުރަށް ކުރިއަށް ނުގެންދާނަަމަ ކުޅިވަރަކަށް އެއްކޮށް ފޯކަސް ކުރުމުގެ ބަދަލުގައި ޖެހޭނީ ވަޒީފާއެއް އަދާކުރަމުން ކުޅިވަރަށް ވަގުތު ދޭށެވެ. މިއީ އަދިވެސް ރާއްޖޭގެ މެޖޯރިޓީ ކުޅިވަރު ކުޅުންތެރިންގެ ހާލަތެވެ.

"ކްރިކެޓަކީ އޭރު ގިނަ ބަޔަކަށް ބެލެވުނު ގޮތުގައި މާ ބޮޑު ފިއުޗާއެއް ނެތް އެއްޗެއް. އެކަމަކު، ކުޅިވަރަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން ކޮންމެ ދުވަހަކު ވެސް ހޭލައިގެން މި ތަނަށް މި އާދެވެނީ. މަންމަ މެންނަށް ފެންނާނީ ނިދަން އަންނަ ގަޑީގައި އެކަނި. ދެން، އުޅުނީ ޕްރެކްޓިސް ކުރުމާއި މެޗު ކުޅުމުގައި. އަނެއްކާ، ޖޮބެއް ލިބުނީމަ ޓައިމް މެނޭޖްކުރުން. އޭރު ކުޅެން އައިރު ރެސްޓް ނުލިބި ފިޓްނަސް މެއިންޓެއިން ނުކުރެވިގެން އިންޖަރީސްތައް އައި. މުބާރާތަކަށް ދެވޭތޯ، ޓީމަށް އެރޭތޯ އަބަދުވެސް މަސައްކަތް ކުރަމުން މި އަންނަނީ،" ހުރި ޗެލެންޖްތަކުގެ ތެރެއިން ހައްލު ހޯދާ ގޮތަށް އިޝާރާތްކޮށް މަހޭ ބުންޏެވެ.

މަހޭ، ކްރިކެޓުން ކުރިއަށްދާން ހިތްވަރު ލިބުނު އަނެއްކަމަކީ ވަށައިޖެހޭ މާހައުލުން ފެނުނު މަންޒަރެވެ. އޭނާ އަށް ގައުމީ ޓީމުގައި ކުޅެލަން ލިބުނީ ރާއްޖޭގެ ކްރިކެޓްގެ ލެޖެންޑުންގެ ކެރިއަރުގައި ވެސް ރަނގަޅު ވަގުތެއްގަ އެެވެ. އެ ކުޅުންތެރިންނާ އެއްކޮށް ގައުމު ތަމްސީލް ކުރަން މަހޭ ލިބުނު ފުރުސަތަކީ ތާއަަބަދަށް ހަނދާނުގައި ހުންނާނެ ކަމެއް ކަމަށް އޭނާ ބުނެ އެވެ.

އެންމެ ބޮޑަށް ހަނދާން ހުންނަ އެއް ކަމެއްގެ ގޮތުގައި މަހޭ ބުނީ ބޭރު ގައުމުތަކަށް ދިއުމުން ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެެރެއިން މޫސާ ކަލީމް ފަދަ ތަރިންނަށް ބޭރުގެ ގައުމުތަކުން އެ ލިބޭ އިހުތިރާމް ކަމަށެވެ.

"ދުބާއީގައި މޫސަބެ ކްރިކެޓް އިން ރިޓަޔާކުރަން ނިންމާފައި އިއުލާނުކުރީމަ ވަރަށް ދެރަވި، ދެން ހިތަށް އެރި ކިހިނެއްހޭ ދެން ކްރިކެޓް ކުރިއަށްދާނީ. މި ގެއްލުނީ ލީޑަޝިޕެކޭ، ކާކުހޭ މީތި ކުރިއަށް ނަގާނީ،" ކްރިކެޓްގައި އެންމެ މާޔޫސްވި އެއް ދުވަހުގެ ހަނދާން އާ ކުރަމުން މަހޭ ބުންޏެވެ.

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ) މަހޭ އަށް ގައުމީ ޓީމުގެ ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ނަމޫނާ ދެއްކި ކުޅުންތެރިންގެ ލެގަސީ އާއި ކުޅަދާނަ ކެޕްޓަނުންގެ ލީޑަޝިޕް ދިރުވުމަކީ ކުޅިވަރެއް އޭގެ އަސްލު މަގުގައި ކުރިއަށް ދިއުމަށް ލިބޭނެ އެންމެ ފަހި ފުރުސަތެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން މަހޭ އަށް ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރުމުން އޭނާ ބޭނުންވީ ލެޖެންޑުންނާ އެކު އެ ކުރެވުނު ތަޖުރިބާގެ އަލީގައި މިހާރު މި އޮތް ކްރިކެޓްގެ ޖީލުގެ ބޭނުންތަކަށް ސާބިތުވެ، ހުރެވޭނެ ކެޕްޓަނަކަށް ވުމެވެ.

"އެންމެ ފުރަތަމަ ވެސް ބޭނުންވީ މޫސަބެގެ ލީޑަޝިޕް ގެނެވޭނެ ގޮތަކަށް ދާން. ކިހިނެއްހޭ، ކުޅުންތެރިން އެކަތިގަނޑަކަށް ހެދޭނީ. މިހާރު މި އޮތީ، މުޅިން ޔަންގް ޖެނެރޭޝަނެއް، މި ޖެނެރޭޝަންގެ އެންމެންގެ މައިންޑްސެޓް ތަފާތުވާނެ. ސްކިލް ލެވަލް ތަފާތު، ކޮމްޕެޓިޝަން ވަރަށް ބޮޑު، އެއީ ހަމަ މެއިން ޗެލެންޖަކީ، ވިސްނަން ޖެހެނީ މުޅި ޓީމު އެންމެން އެކައްޗެއް ކިޔައިގެން އެންމެންގެ 100 ޕަސެންޓް ޕޮޓެންޝިއަލް ނެރޭނީ ކިހިނެއްތޯ، އަދިވެސް އެއީ ޗެލެންޖެއް،" މަހޭ ބުންޏެވެ.

ރާއްޖެ ވަށައިގެން މި އޮތް ސަރަހައްދުގެ ގިނަ ގައުމުތަކަކީ ކްރިކެޓްގެ ދުނިޔޭގެ ޗެމްޕިއަނުންނެވެ. އެ ގައުމުތަކުން ކުރިއެރުން ހޯދަމުން އަންނަނީ ޒަމާންތަކެއް ވަންދެން ކުރަމުން އައި ރަނގަޅު މަސައްކަތުގެ ސަބަބުންނެވެ.

ރާއްޖޭން ކްރިކެޓްގެ އަނެއް ހަރުފަތަށް ދާން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޓާފެއްގައި ކުޅެވޭނެ ފުރުސަތު އަމިއްލަ ގައުމުގައި ލިބުމެވެ. ހަމައެކަނި މުބާރާތަަކަށް ދާން ވުމުން ޓްރެއިނިން ކޭމްޕެއް ނޫނީ ޓާފްގައި ދެ މެޗެއް ކުޅެލައިގެން ބޭނުންވާ މިސްރާބަށް ނުދެވޭނެކަން މާޒީގެ ތަޖުރިބާ އިން އެ ހުރީ ފެންނާށެވެ.

"މަހޭ، މެން ކްރިކެޓް ކުޅެން ފެށިއިރު، ތައިލެންޑް، އަފްގާނިސްތާން ނުވެސް ކުޅޭ، އޭގެ ތިން ހަތަރު އަހަރު ފަހުން އަފްގާން ފެށީ، އެކަމަކު، އެ މީހުން ވެސް ފެސިލިޓީސް އާއި އިންފްރާކްސްޓްރަކްޗާ އާއި ޓާފް ގިނަ ކޮށްގެން ކުޅުންތެރިން ގިނަ ކޮށްގެން ކުޅެން ފެށީ،" މަހޭ ބުންޏެވެ.

"މިހާރު ބަލާލާއިރު، އެ މީހުން އެ ތިބީ އޯޑީއައި ލެވަލްގައި ވޯލްޑް ކަޕް ވެސް އެ ކުޅެނީ. ނޭޕާލް ވެސް ހަމަ އެހެން، ނޭޕާލް ވެސް އެއީ މަހޭ މެންނާ އެއް ލެވަލެއްގައި އުމުރުފުރާގެ ކްރިކެޓް ފެށި ގްރޫޕްތައް. އެކަމަކު، އެ މީހުން މާ ރަނގަޅު ހިސާބެއްގައި އެ ތިބީ ފެސިލިޓީގެ ތަފާތުން. ބުނެލަން އޮތީ، ފުރަތަމަ ކަމަކަށް ހިނގާށޭ ޓާފަކުން ފަށަން،"

ބޭރު ގައުމުތަކުގެ ކޯޗުންނާއި ކުުޅުންތެރިން ރާއްޖޭގެ ބޯލިން އާއި ފީލްޑިން އަށް ވަރަށް ތައުރީފުކުރެ އެވެ. ރާއްޖެ އަށް މައްސަަލަ ދިމާވަނީ ބެޓިންގަ އެވެ. އެކަން ހައްލުވާން އޮތީ ޔަގީނުން ވެސް ޓާފްގައި ކުޅޭ ނިސްބަތް ގިނަވި ދުވަހަކުންނެވެ.

ކެރިއަރުގައި ވިއްސަކަށް އަހަރު ހޭދަކުރެވުނުއިރު، މަހޭ ހުރީ އަދިވެސް ކަންކަން ރަނގަޅުކުރެވޭނެ ކަމުގެ އުންމީދުގަ އެވެ. އޭނާ ރާއްޖޭގެ ކްރިކެޓުން ދެކެން ބޭނުންވާ ދުވަސްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެެރެއިން އެއް ކަމަކީ ވޯލްޑް ކަޕް ކޮލިފައިން ސްޓޭޖުގައި ދެ މެޗެއް ކާމިޔާބުކޮށް އަނެއް ލެވަލާ ކައިރިއަށް ދެވޭތޯ މަސައްކަތް ކުރުމެވެ. ކޮންމެ ފަހަރަކު ހަނި ފަރަގަކުން ނާކާމިޔާބުވުމުން އާދަޔަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން މަހޭ ވެސް ބޭނުމެވެ.

"ކޮންމެ ފަހަރަކު ވެސް ކޮލިފައިން ސްޓޭޖުގެ މެޗުތަކަށް ގޮސްފައި ވަރަށް ކްލޯސްކޮށް މި އަންނަނީ. ކޮންމެ އަހަރަކު ވެސް ހާޑް ފައިޓް އެބަދެވޭ، އެކަމުގައި ކެރިއަރު އެއްކޮށް މި ދަނީ. އެހެން ކުޑަތަންކޮޅަކުން ބަލިވެގެން މި އަންނަނީ. ބޭނުންވަނީ އެބައި ބާއްވާފައި މޮޅުވެގެން އަންނަން. ދެ މެޗުން މޮޅުވެގެން ކޮލިފައިންއާ ގާތަށް ދާން ބޭނުން،" މަހޭ ބުންޏެވެ.

މަހޭ ގަބޫލުކުރާގޮތުގައި މިހާރު އޮތް ކްރިކެޓް ގައުމީ ޓީމަށް އެކަން ކުރެވިދާނެ އެވެ. އެކަމަކު، ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި އުޅެނީ ހަމައެކަނި ކުޅުންތެރިންނަށް ނުވެގެން ނޫން ކަމެވެ. ކްރިކެޓަށް އަންނަން ޖެހޭ ސަޕޯޓް މިހާރަށް ވުރެ ފުރިހަމަ އަށް ލިބެން ޖެހެ އެެވެ. އިންފްރާސްޓްރަކްޗާ އާއި ލިބޭ ފުރުސަތައް އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ކްރިކެޓަށް ވެސް އިތުރުވެއްޖެނަމަ، މިހާރު އޮތް ކްރިކެޓްގެ ގައުމީ ޓީމުން ވެސް ތަފާތު ދައްކާނެކަމުގެ ޔަގީންކަން ދޭން މަހޭ އެ ހުރީ ތައްޔާރަށެވެ.

އައްޒާމް އަލިފުޅު

ސްޕޯޓްސް އެޑިޓަރ

އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox