މުމްބާއީ، އިންޑިއާ (އޭޕްރީލް 29) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް ގުޖުރާތު ޓައިޓަންސް ޕްލޭ އޮފް ބުރާއި ފިޔަވަޅަކަށް ގާތަށް ޖެހިލިއިރު، ކޮލްކަތާ ނައިޓްރައިޑާސް އަތުން ދިއްލީ ކެޕިޓަލްސް މުހިންމު މޮޅެއް ހޯދައިފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ލީގުގެ ކުރީގައި މިވަގުތު އޮތް ގުޖުރާތުން ވަނީ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. މުބާރާތުގެ ޕްލޭއޮފް ބުރުން ޖާގަ ހޯދަން އެ ޓީމަށް ބޭނުންވަނީ އެންމެ މޮޅެކެވެ. މި ސީޒަންގައި ޕްލޭ އޮފްގެ ޖާގަ އެއް އެންމެ ފުރަތަމަ ޔަގީން ކުރެވޭނެ ޓީމަކީ ވެސް ގުޖުރާތެވެ. ދެ ވަނައިގައި އޮތީ ރާޖަސްތާން ރޯޔަލްސް އެވެ. ރާޖަންސްތާނަށް ޕްލޭއޮފް ބުރުން ޖާގަ ހޯދަން އަދި ދެ މޮޅު ބޭނުންވެ އެވެ. ގުޖުރާތު އަތުން ބަލިވި ހައިދަރުއާބާދު އޮތީ ތިން ވަނައިގަ އެވެ.
އެންމެ ފަހުން ކުޅުނު ފަސް މެޗު ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި އޮތް ހައިދަރުއާބާދު އަތުން ގުޖުރާތު މޮޅުވީ އެންމެ ފަހު އޯވަރުގައި ދެއްކި މޮޅު ކުޅުމާ އެކު 5 ވިކެޓުންނެވެ.
މެޗު ފެށިގެން އެންމެ ފަހު ވަގުތާއި ހަމައަށް ހައިދަރުއާބާދު މޮޅުވާނެކަމަށް ބެލެވުނެވެ. އެ ޓީމުން ކުޅެން އަރައި ފުރަތަމަ އިނިންގްސްގައި ހަ ކުޅުންތެރިން ނުބައިވެގެން 195 ލަނޑު ހެދި އެވެ. އަބީޝެކް ޝަރުމާ 42 ބޯޅައިން 65 ލަނޑު ހެދިއިރު، އެއިޑެން މާކްރަމް 40 ބޯޅައިން 56 ލަނޑު ހެދި އެވެ. މި އިނިންގްސްގައި ގުޖުރާތުގެ މުހައްމަދު ޝަމީ 4 އޯވަރުގައި 39 ލަނޑަށް 3 ވިކެޓު ނެގި އެވެ.
ހައިދަރުއާބާދު ކުޅެން އަރައި ފަހު އޯވަރާއި ހަމައަށް ދިޔައިރު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. ފަސް ވިކެޓު ގެއްލުނުއިރު، ފަހު ހަ ބޯޅައިން 22 ލަނޑު ބޭނުންވި އެވެ. ނަމަވެސް ކުޅަދާނަ އޯލްރައުންޑަރު ރާޝިދު ހާން ވަނީ މި އޯވަރުގެ ފަހު ހަތަރު ބޯޅައިން ތިން ބޯޅަ ހަޔަކަށް ޖަހައި މެޗުން ގުޖުރާތު މޮޅުކޮށްދީފަ އެވެ. އެ ޓީމު މި މެޗުން މޮޅުވުމުގައި ރާޝިދު ޚާން އެކޭ އެއްގޮތަށް ރަހުލް ތެވާތިއާގެ ކުޅުން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ހައިދަރުއާބާދުގެ ކުޅަދާނަ ބޯލަރު އުމްރާން މަލިކް އެކަނިމާ އެކަނި މި އިނިންގްސްގައި 5 ވިކެޓު ނެގި އެވެ. ހައިދަރުއާބާދު މެޗުން ބަލިވިޔަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އުމްރާން މަލިކަށެވެ.
މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދިއްކީ ކެޕިޓަލްސް އިން ވަނީ ކޮލްކަތާގެ މައްޗަށް މުހިންމު މޮޅެއް ހޯދާފަ އެވެ. ލީގުގެ އެއް ހަމައެއްގައި އޮތް ދެ ޓީމުގެ ކުރިމަތިލުން ދިއްލީ އިން ހަތަރު ވިކެޓުން ކާމިޔާބުކުރުމާ އެކު ޕްލޭއޮފްގެ ޖާގައަކަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި ވަނީ އުންމީދު އާ ވެފަ އެވެ.
މި މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެން ނިކުމެ ކޮލްކަތާ އަށް 20 އޯވަރުގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ކޮލްކަތާގެ ނިތިޝް ރާނާ 34 ބޯޅައިން 57 ލަނޑު ހެދިއިރު، ކެޕްޓަން ޝްރެޔަސް އައްޔަރު 37 ބޯޅައިން 42 ލަނޑު ހެދި އެވެ. ދިއްލީގެ ބޯލަރުން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކުލްދީޕް ޔާދަވް 3 އޯވަރުގައި 14 ލަނޑަށް 4 ވިކެޓު ނެގިއިރު، މުސްތަވިޒުއްރަހުމާން 4 އޯވަރުގައި 18 ލަނޑަށް 3 ވިކެޓު ނެގި އެވެ.
ދިއްލީ ކެޕިޓަލްސް ޖަވާބުގައި ކުޅެން ނުކުމެ ބާކީ އެއް އޯވަރު އޮއްވާ 150 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. މެޗުގައި ވަކި ވަކި ކުޅުންތެރިންނަށް ވުރެ ބޮޑަށް ދިއްލީގެ މެދު އޯޑަރުގެ ގިނަ ބެޓްސްމަނުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ކޮލްކަތާގެ އުމޭޝް ޔާދަވް މި މެޗުގައި މުހިންމު 3 ވިކެޓެއް ނެގި ނަމަވެސް ބާކީ ތިބި އެހެން ބޯލަރުންނަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޕަންޖާބު ކިންގްސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ. ޕްލޭ އޮފްގެ ޖާގަ އެއް ހޯދަން ޕަންޖާބަށް މި މެޗުން މޮޅެއް މުހިންމުއިރު، ލަކްނޯ މި މެޗުން މޮޅުވެ ޕްލޭއޮފުން ޖާގަ ހޯދަން ފިޔަވަޅަކަށް ކައިރިއަށް ޖެހިލެވޭނެ އެވެ.












