މިލާން (އޭޕްރީލް 27) - އިޓާލިއަން ލީގުގައި މިރޭ ބޮލޯނިއާ އަތުން 2-1 އިން ބަލިވެ، އިންޓަ މިިލާނަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ލީގު ހޯދުމުގެ އަމިއްލަ ބާރު ލިބިފަ އެވެ.
ބާކީ ހަތަރު މެޗަށް ނުކުންނައިރު، މިލާން އެއް ވަނައިގައި އޮތީ 34 މެޗުން 74 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އަށް ލިބިފައިވަނީ 34 މެޗުން 72 ޕޮއިންޓެވެ. މިލާނުން ބާކީ ހުރި މެޗުތަކުން މޮޅުވެއްޖެނަމަ 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
މިލާނަށް ބާކީ އޮތް ހަތަރު މެޗު: ފިއޮރެންޓީނާ (އަމިއްލަ ދަނޑުގައި)، ވެރޯނާ (ރަށުންބޭރުގައި)، އެޓަލަންޓާ (އަމިއްލަ ދަނޑުގައި)، ސަސުއޯލޯ (ރަށުންބޭރުގައި)
އިންޓަ އަށް ބާކީ އޮތް ހަތަރު މެޗު: އުދިނޭޒީ (ރަށުންބޭރުގައި)، އެމްޕޮލީ (އަމިއްލަ ދަނޑުގައި)، ކަލިއަރީ (ރަށުންބޭރުގައި)، ސަމްޑޯރިއާ (އަމިއްލަ ދަނޑުގައި)
ބޮލޯނިއާ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އިންޓަ އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން އީވާން ޕެރިސިޗް އެވެ. އިންޓަގެ ލީޑުފުޅާކުރަން އެ ޓީމުގެ ގިނަ އެޓޭކްތަކެއްގައި ބައިވެރިވި، ލަޓާރޯ މާޓީނޭޒް އާއި ޔަކީން ކޮރޭއާ އަށް ލިބުނު ފުރުސަތުތަކުގައި އެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ބޮލޯނިއާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
އިންޓަ ފަހަތަށް ދިޔަ މަދު ބޯޅަތަކުގެ ތެރެއިން ތަނަވަސްވި ފުރުސަތެއްގައި މެޗުގެ 28 ވަނަ މިނިޓްގައި ބޮލޯނިއާ އިން އެއްވަރުކުރި އެވެ. މިއީ އިންޓަގެ ކުރީގެ ފޯވާޑް، މާކޯ އާނައޮޓޮވިޗް ޖެހި ގޯލެކެވެ. ބޮލޯނިއާގެ މޫސާ ބަރޯ ނެގި ހުރަހަކުން އާނައޮޓޮވިޗް މި ގޯލު ޖެހީ ބޮލުންނެވެ.
ބަދަލުތަކެއް ގެނެސްގެން އިންޓަ އިން ދެ ވަނަ ހާފުގައި އަލުން ލީޑުނެގޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެެ. އެކަމަކު، އޭގެއިން އެއްވެސް ފުރުސަތެއްގައި ގޯލެއް ނުޖެހުނެވެ.
ބޮލޯނިއާ މޮޅުވި ގޯލަކީ މެޗުގެ 81 ވަނަ މިނިޓްގައި މިރޭ އިންޓަގެ ގޯލު ބެލެހެއްޓި އެ ޓީމުގެ ދެ ވަނަ ކީޕަރު އަންްދްރެއީ ރަޑޫ ހެދި ގޯހަކުން ޖެހި ގޯލެކެވެ. އިންޓަގެ އެއް ވަނަ ކީޕަރު ސާމިރް ހަންޑަނޯވިޗް އަނިޔާގައި ހުރުމުން މިރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު ދިނީ ރަޑޫ އަށެވެ. ރަޑޫ ގޯލުގައި ހުއްޓައި، އިންޓަގެ ޕެރިސިޗް ފަހަތަށް އެއްލި ބޯޅައެއް ރަނގަޅަށް ފޮނުވާނުލެވި ގޯލު ކުރިމަތިން މުޅިން ހުސްކޮށް ލިބުނީ ބޮލޯނިއާގެ ނިކޯލަ ސަންސޯނޭ އަށެވެ. ބަދަލަކަށް ކުޅެން އެރި ސަންސޯނޭ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ބާކީ ވަގުތާއި އިތުރު ވަގުތުގައި ވެސް އިންޓަ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުނުވި އެވެ.
އިޓާލިއަން ލީގުގައި މިރޭ އެޓަލަންޓާ ކުޅުނު މެޗުން ވަނީ 4-4 އިން ޓޮރިނޯއާ އެއްވަރުވެފަ އެވެ. ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ 4-0 އިން އުދިނޭޒީ އަތުން ބަލިވެފަ އެވެ.












