ހޫނު ނުވަތަ ފިނިފެން ތައްޓަކަށް ވިޔަސް ، ލިނބޯކޮޅެއް ފިތާލައިގެން ނުވަތަ ލިނބޯ ފޮއްޗެއް ވައްޓާލާއިގެން ހެނދުނު ހުސްބަނޑާ ބުއިމަކީ މިހާރު އާދައަކަށް ވަމުން އަންނަ ކަމެކެވެ. އޭގެ އެތައް ފައިދާއެއްގެ ވާހަކަ އެއް ބަޔަކު ދައްކަ އެވެ. " ހަމަ އަސްލުވެސް އެކަމުން ފައިދާ ވޭތަ؟" އަނެއް ބަޔަކު އަދިވެސް ކުރަނީ މިސުވާލެވެ.
މި ލިއުމުގައި ބަލައިލާނީ ލެމަން ވޯޓާއިން (ލިނބޯ ފެނުން) ލިބޭ ކަމަށް މީހުން ބުނާ ފައިދާ ތަކާއި ސައިންޓިފިކް ގޮތުން އެކަން އޮތް ގޮތަށެވެ. ހަގީގަތުގައި ވެސް ލިނބޯ ފެނުން ފައިދާތަކެއް ވޭހޭ ކުރާ ސުވާލަށް މިހާރުން މިހާރަށް ވެސް އާނއެކޭ ބުނެވިދާނެ އެވެ. އެހެނީ ލިނބޯ ފެނާ ބެހޭ ގޮތުން މިހައިތަނަށް އެތައް ދިރާސާތަކެއް ކޮށްފައި ވާއިރު އެ ދިސާރާތަކުން ދައްކާފައި އޮތީ ބަރުދަން ލުއިކުރުމަށް އެހީތެެރިވެދިނުމާއިި ހަންގަނޑު ރީތިވުމުން ފެށިގެން ގޮސް ހަޖަމު ރަނގަޅުވުމާ ހަމައަށް އެތައް ފައިދާތަކެއް ލިނބޯފެނުން ލިބޭ ކަމަށެވެ.
ފާޑުކިއުމުގެ ނަޒަރަކުން ކަންކަމާ ވިސްނާ މީހުންނަށް މިވަރަކުން އަދި ނުފުދޭނެ އެވެ. ފައިސާތަކެއް ވެޔޭ ބުނަންޏާ އެކަން ވާގޮތް ވެސް ކިޔައިދޭން ޖެހޭނެ އެވެ. ތިރީގައި މިވަނީ ލިނބޯ ހުތުގައި އެކުލެވޭ މާއްދާތަކުގެ ލިސްޓެއް ނުވަތަ "ނިއުޓްރިޝަނަލް ޑާޓާ" އެވެ.
- ހަކަތަ: 11.7 ކިލޯ ކެލަރީސް
- ވިޓަމިން ސީ: 21.6 މިލިގްރާމް
- ފޮލޭޓް: 6.1 މައިކްރޯގްރާމް
- ކެލްސިއަމް: 3.3 މިލިގްރާމް
- މެގްނީޒިއަމް: 2.8 އެމްޖީ
- ފޮސްފޮރަސް: 2.8 މިލިގްރާމް
- ޕޮޓޭސިއަމް: 58.3 މިލިގްރާމް
ލިނބޯހުތުގެ ނިއުޓްރިިޝަނަލް ޑޭޓާއަށް ބަލާ އިރު އެއީ ފޮލޭޓާއި ޕޮޓޭސިއަމުން މުއްސަނދިވެފައިވާ އަދި ވަރަށް ރަނގަޅަށް ވިޓަމިންސީ ލިބޭ އެއްޗެއް ކަމެވެ. އަދި އެއީ ސެޗުރޭޓެޑް ފެޓާއި ކޮލެސްޓްރޯލް ފަދަ ބައިތައް މަދު އެއްޗެކެވެ.
ޕިއާ ރިވިއުޑް ޖާނަލް ގައި 2017 ވަނަ އަހަރު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ވިޓަމިންސީ އެކުލެވޭ ކާބޯތަކެތި ބޭނުންކުުރުމަކީ ވިޓަމިންސީ އެކުލެވޭ ކްރީމްތައް ހަމުގައި އުނގުޅުމަށް ވުރެ މާ އަވަހަށް ހަންގަނޑަށް އޭގެ ފައިދާ ކުރާ ކަމެކެވެ. އެއީ ހަމުގައިވާ ފާރުތައް ފަސޭހަކޮށް، ލަކުނު ވެސް މާ އަވަހަށް ފިލުވައިދޭ ކަމެކެވެ.
ޖާނަލް އޮފް ފުޑް ކެމިސްޓްރީގައި 206 ވަނަ އަހަރު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން "ސިޓްރަސް" (ލިނބޯ، އޮރެންޖް ފަދަ ބާވަތްތައް ހިމެނޭ އާއިލާ)ގެ ޖޫސްތައް އެއްކޮށްފައި ބޯން ދިނުމުން، މީދަލުގެ ހަމުގައި ރޫޖެހުން ހުއްޓުނެވެ. އެއީ އެކަމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ ކޮލަގެން، އެ ޖޫސްތައް ދިނުމުން، މީދަލުގެ ހަށިގަނޑުގައި އުފެދުން އިތުރުވީމަ އެވެ.
"ނިއުޓްރިއެންޓްސް" ޖާނަލް ގައި 2017 ވަނަ އަހަރު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ދުވާލަކު 200 މިލިގްރާމްގެ ވިޓަމިންސީ ބޭނުންކުރުމުން، ރޯގާ އާއި ނިއުމޯނިއާ އިން ސަލާމަތްވާ ވަރަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ވެ އެވެ. ނިއުޓްރިޝަނަލް ޑޭޓާއަށް ބަލާ އިރު ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސީގެ ނިސްބަތުން ބަލާ ނަމަ 139 ޕަސެންޓް ލިނބޯ ހުތުގައި އެކުލެވިގެން ވެ އެވެ.
އެހެންވީމާ ލިނބޯ ފެނުން ލިބޭކަމަށް މީހުން ގަބޫލުކުރާ ފައިދާތަކުގެ ތެރެއިން ހަންގަނޑު ރީތިވުމާއި ދިފާއީ ނިޒާމު ވަރުގަދަވުމަކީ ސައިންޓިފިކް ގޮތުން ބާރުލިބޭ ވާހަކަ އެކެވެ. އެކަމަކު ހަޖަމުރަނގަޅުވުމާއި ބަރުދަން ލުއިވުމަށް ބާރުލިބޭނެ ހޯދުންތަކެއް އަދި ނެތެވެ.












