ކިއޭވް، ޔޫކްރެއިން (އޭޕްރީލް 27) - ރަޝިއާ އިން ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައިވާ ޔޫކްރެއިނުގެ ޕްރިމިއާ ލީގު ޗެމްޕިއަނެއް ކަނޑަނާޅައި ނިންމާލައިފި އެވެ.
ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ އިން ޔޫކްރެއިނަށް އަރައި ހަނގުރާމަކުރަން ފެއްޓުމާ އެކު ޔޫކްރެއިން ލީގު ވަނީ ހުއްޓާލައިފަ އެވެ. ސީޒަން ދެ ބައިވެފައި އޮއްވައި، ޔޫކްރެއިން ލީގު ހުއްޓާލިއިރު، އެއް ވަނައިގައި އޮތީ ޝަހުތަރު ޑޮނެސްކް އެވެ. އެއީ ދެ ވަނައިގައި އޮތް ޑިނަމޯ ކިއޭވް އަށް ވުރެ ދެ ޕޮއިިންޓް އިތުރަށް ހޯދައިގެންނެވެ.
ޔޫކްރެއިން ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ 24 ވަނަ ދުވަހު ލީގު ހުއްޓާލިއިރު، މަގާމުތައް ރޭވިފައިވާ ގޮތަކީ މި ސީޒަނުގެ އެންމެ ފަހުގެ ތާވަލު ކަމަށެވެ. އަދި މި ގޮތަށް ނިންމި ކަމުގައި ވިޔަސް އެއްވެސް ޓީމަކަށް ޗެމްޕިއަންކަން ނުދޭން ވަނީ ލީގުގެ ބޯޑުން ފާސްކޮށްފައި ކަމަށެވެ.
ޔޫކްރެއިންގެ ލީގުގެ އެއް ވަނަ އާއި ދެ ވަނަ އަށް ލިބޭ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ޖާގަތަށް ދޭނީ ޝަހުތަރާއި ޑިނަމޯ ކިއޭވަށް ކަމަށް ލީގުގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
ރަޝިއާ އިން ދެމުން އަންނަ ހަމަލާތައް ހުއްޓޭނެ ދުވަހެއް، ޔަގީންކަމާ އެކު ބުނަން ނޭނގޭތީވެ، ފީފާގެ އެހީތެރިކަމާ އެކު ޔޫކްރެއިންގެ ކްލަބްތަކަށް ކުޅެމުން އަންނަ އެހެން ގައުމުތަކުގެ ކުޅުންތެރިންނާއި ޔޫކްރެއިން ޓީމުތަކަށް އިރުޝާދު ދެމުން އަންނަ ބިދޭސީ ކޯޗުންގެ ކޮންޓްރެކްޓް މައްސަލަތަކަށް ވަނީ ލުއިގޮތްތަކެއް ހޯދަން ފަށައިފަ އެވެ.
ފީފާ އިން އަންގާފައިވަނީ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިން/ކޯޗުން ޔޫކްރެއިނާއި ރަޝިއާގެ ކްލަބްތައް ދޫކޮށްލަން ބޭނުންވެއްޖެނަމަ ދެ ފަރާތް އެއްބަސްވެވޭ ރަނގަޅު ގޮތަކަށް ކުރިއަށްދެވޭނެ ކަމަށެވެ، އަދި ކޮންޓްރެކްޓް އުވާލަން ކްލަބުން ބޭނުންވެއްޖެނަަމަ ވެސް ފީފާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ވަނީ އަންގައިފަ އެވެ.











