ޖަރުމަނު ވިލާތުގައި މިހާރު ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު ލަތީފު (ސީވީޑް ލަތީފު) އަނބުރައި ގެންނަވައި އޭނާގެ ބަދަލުގައި އެމަގާމަށް އާއިޝަތު ޝާން އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އެކި ގައުމުތަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނާ މަގާމު ހަވާލުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭތީ ރައީސް މަޖިލީހަށް މި ބަދަލު ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރީ މިއަދު އެވެ. އެހެން ނަމަވެސް, މަޖިލީހަށް ރައީސް އެކަން ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުކަން މަޖިލީހުގެ ތަޅުމަށް މިއަދު އިއްވި ސިޓީގައި އޮތް ތާރީހުން އެނގެ އެވެ.
ޖަރުމަނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރާ އާއިޝަތު ޝާން މިހާރު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އޭނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލް އެވެ.
ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން އަހުމަދު ލަތީފަށް ދެއްވީ 2019 ވަނަ އަަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އޭނާ އަނބުރާ ގެންނަވަނީ ކީއްވެކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ޖަރުމަނުން އަނބުރާ ގެނައުމަށް ފަހު ލަތީފު ދެން ހަމަޖައްސާނީ ކޮން މަގާމަކަށް ކަން ވެސް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަހުމަދު ލަތީފަށް ދެއްވަނީ.

އަހުމަދު ލަތީފަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ބޭބެ އެވެ.













