މުމްބާއީ، އިންޑިއާ (އޭޕްރީލް 24) - ޖެހިޖެހިގެން ފަސް މެޗުން މޮޅުވެ، އިންޑިއަން ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ސަންރައިޒާސް ހައިދަރުއާބާދު ޖެހިލިއިރު، މިހާތަނަށް ކުޅުނު ހަތް މެޗުންވެސް މުމްބާއީ އިންޑިއަންސް ބަލިވެއްޖެ އެވެ.
މިދިޔަ ސީޒަންގައި ލީގުގެ ފުލަށް ދިޔަ ހައިދަރުއާބާދު ފެށުން މި ސީޒަންގައި ވެސް ފެނުނީ ދަށް ކޮށެވެ. އެ ގޮތުން ފުރަތަމަ ދެ މެޗުން އެ ޓީމު ވަނީ ބޮޑު ތަފާތަކުން ބަލިވެފަ އެވެ. ނަމަވެސް ތިން ވަނަ މެޗުގައި ޗެންނާއީ އަތުން ހޯދި ބޮޑު މޮޅާ އެކު އެ ޓީމުން ފޯމު ބަދަލުކޮށްލި އެވެ. އޭގެ ފަހުން ވަރުގަދަ ކޮށް ސީޒަން ފެށި ޓީމްތަށް ބަލިކޮށް މިހާރު ވަނީ ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ.
ލީގު ދެބައިވިއިރު، އެ ޓީމުން ވަނީ މިހާތަނަށް ލީގުގައި ހޯދި އެންމެ ބޮޑު މޮޅު ވެސް ހޯދައިފަ އެވެ. އެއީ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި ވާދަކޮށްގެންނެވެ. ބާކީ 12 އޯވަރު ކުޅެން އޮއްވާ ސަންރައިޒާސް ހައިދްރާބާދުން މެޗު ކާމިޔާބުކުރީ ނުވަ ވިކެޓުންނެވެ.
މި މެޗުގައި ފުރަތަމަ ބެޓްކުރަން ނުކުމެ ބެންގަލޫރަށް ހެދުނީ 16.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 68 ލަނޑެވެ. މިއީ 2017 ގެ ފަހުން ޓީމަކުން ހެދި އެންމެ ދަށް ސްކޯ އެވެ. އައިޕީއެލްގެ ތާރިހުގައި އެންމެ ދަށް ސްކޯ އެއް ހެދި ޓީމަކީވެސް ބެންގަލޫރެވެ. އެ ގޮތުން 2017ގެ ސީޒަންގައި އެ ޓީމަށް 9.4 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 49 ލަނޑެވެ.
މި އިނިންގްސް އަށް ބަލާއިރު، ބެންގަލޫރުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީ އަދި ދިނޭޝް ކާތިކް ނުބައިވީ އެންމެ ލަނޑެއްވެސް ނުހެދި އެވެ. ކެޕްޓަން ފަފް ޑު ޕްލެސިސް އަށް ވެސް ހެދުނީ އެންމެ ފަސް ލަނޑެވެ. ހައިދަރުއާބާދުގެ އުކުންތެރިންގެ ތެރެއިން މާކޯ ޔަންސެން ހަތަރު އޯވަރުގައި 25 ލަނޑަށް ތިން ވިކެޓު ނެގި އެވެ. މި ތިން ވިކެޓު ވެސް ޔަންސެން ނެގީ އޭނާ އުކި ފުރަތަމަ އޯވަރުގަ އެވެ. ޔަންސެންގެ އިތުރުން ތަންގަރަސޫ ނަޓަރާޖަން ތިން އޯވަރުގައި 10 ލަނޑަށް ތިން ވިކެޓު ނެގި އެވެ.
ހައިދަރުއާބާދުން ބެޓްކުރަން ނުކުމެ ފަސޭހަކަމާ އެކު 68 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކުރި އެވެ. އަށް ވަނަ އޯވަރުގައި އެ ޓީމުން ބޭނުންވި ވަރަށް ލަނޑު ހަމަކުރިއިރު ގެއްލުނީ އެންމެ ވިކެޓެކެވެ. އެއީ އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު، 28 ބޯޅައިން 47 ލަނޑު ހެދި އަބީޝެކް ޝަރުމާގެ ވިކެޓެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗެއް ނިމިފައިވާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް އަށް ވަނީ ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު ހަތް މެޗުންވެސް އެ ޓީމް ވަނީ ބަލިވެފަ އެވެ. ފުލުން ދެ ވަނައިގައި އޮތް ޗެންނާއީ ސުޕަ ކިންގްސް ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ސެމީގެ ޖާގަ އެއް ހޯދަން އެޓީމުން ބާކީ އޮތް ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކުރަން މަޖުބޫރެވެ.
އެއް ވަނައިގައި މިވަގުތު އޮތީ އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ގުޖުރާތު ޓައިޓަންސް އެވެ. ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ތިން ވަނައިގައި އޮތީ ރާޖަސްތާން ރޯޔަލްސް އެވެ. ސީޒަންގެ ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކުރި ކޮލްކަތާ ނައިޓް ރައިޑާސްގެ ފޯމުވަނީ ގެއްލިފަ އެވެ. މި ދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ކޮލްކަތާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެ މިހާރު ވަނީ ތާވަލްގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ.
ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް އިއްޔެ ފަށާފައިވާއިރު، މިއަދު ދެ މެޗެއް ކުޅޭނެ އެވެ. މިރޭ ކުޅޭ މެޗުތަގައި ވާދަކުރާނީ ލަކްނޯ ސުޕަ ޖަޔަންޓްސް އާއި މުމްބާއީ އިންޑިއަންސް އެވެ. މިރޭ ކުޅޭ މެޗުގައި ޗެންނާއީ ނުކުންނާނީ ޕަންޖާބު ކިންގްސް އާ ދެކޮޅަށެވެ.












