ބްލޮގަރު ޔާމީން ރަޝީދު މަރާލިތާ ފަސް އަހަރު ފާއިތުވެގެން ގޮސްފައިވާ ނަމަވެސް އެ މައްސަލައަށް އިންސާފު ލިބިފައި ނުވާ ކަމަށާއި އެ މަރު ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.
ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތު ވެއްޖެ ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލް ހައި ކޯޓަށް ހުށަހަޅައިފައި ވަނި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ދަށު ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެ ދެ މީހުންގެ މައްޗަށް ހުކުމް ކުރީ އުމުރަށް ޖަލަށް ލުމާ އެކު މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ޔާމީންގެ އާއިލާއަށް ދިނުމަށެވެ. އެއީ މަރަށް މަރު ހިފަން ޔާމީންގެ މަންމަ ބޭނުން ނުވުމުންނެވެ.
ޓަރާންސްޕޭރެންސީން ބުނީ ޔާމީންގެ މަރަށް ފަސް އަހަރު ވެގެން ދިޔައިރުވެސް އިންސާފު ލިބިފައި ނުވި ނަމަވެސް އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އަދި ޔާމީން މަރާލުމަށް ފައިސާ ހަރަދު ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

އަދި މިހާރުގެ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޔާމީން މަރުގެ މައްސަލަ ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ގޮވާލާފަ އެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. ރިލްވާން ވެސް މަރާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ފަހުން ހާމަކޮށްފައިވެ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށް ފަހު އެވެ.
ޔާމީން ރަޝީދު މަރާލި ކަމަށް ދަށު ކޯޓުގައި ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ނެގުމުގެ ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހިޖުރީ ދެ މަހު ރޯދަ ހިފުމަށެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމް ގުނަނީ 25 އަހަރަށެވެ.












