އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެތަން އަލުން ހުޅުވޭނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ބުނެފި އެވެ.
ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ މަސައްކަތްތަކާ ގުޅިލާމެހިފައިވާ އޮލިމްޕަހުގައި ކުރިއަށްދާ މަސައްކަތްތަކާއި، އޮލިމްޕަސް އަލުން ހުޅުވޭނެ ތާރީހަކާއި ދޭތެރޭ އެ އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ވަނީ މިފަހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަންބޮޑުވުންތަކާއި ގުޅިގެން އޮލިމްޕަހުގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެމުން ހެރިޓޭޖް މިނިސްޓްރީން ބުނީ ކޮވިޑާ ހެދި ބަންދުކުރަން ޖެހުނު އޮލިމްޕަސް ތަރައްގީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަަސް ތެރޭ ކަމަށެވެ. އަދި އެ މަސައްކަތަކީ އޮލިމްޕަހަށް ޒަމާނީ އަދި ބޮޑެތި ބަދަލުތަކެއް ގެނުވާނޭ މަސައްކަތްތަކެއްކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
އެގޮތުން، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އޮލިމްޕަހުގެ ޓެރަސްއިން އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރަސް މަރާމާތުކޮށް، އޮލިމްޕަހުގެ އެކި ހިސާބުތަކުގައި ޝީޓު ކަނޑައިގެންދިއުމާއި، ރެނދުލުމުގެ ސަބަބުން ކޮންކްރީޓަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް މިހާރު މަރާމާތުކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މަރާމާތުގެ މަސައްކަތްތަކަށްފަހު، އޮލިމްޕަހުގައި ކުރިން ހުރި ކެފޭ، ފަންނީ އެކި ކަންކަމަށް ވެސް ބޭނުންކުރެވޭނެހެން މިހާރު ތަރައްގީކޮށްފައިވާއިރު އެތަނުގައި އަންހެނުންނާއި ފިރިހެނުންނަށް، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކިން ފާހާނާބަރިއެއް މިހާރު ގާއިމުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހުން ހިދުމަތް ހޯދުން ފަސޭހަކުރުމަށް އެތަނުގެ ހޯލަށާއި ގޯތިތެރެއަށް ފުރޮޅުލީ ގޮނޑީގައި ވަދެނުކުމެ އުޅުމަށް ހާއްސަ ރޭމްޕް އެކްސެސް ވެސް މިހާރު ގާއިމުކޮށްފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެ އެވެ.
އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް މަޝްރޫއުގެ ދަށުން ފަންޑުކުރާ އެ މަސައްކަތުގައި އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޒަމާނީ ފެންވަރުގެ ޕްރޮޖެކްޓަރެއް ގާއިމްކޮށް، އާ ސްކްރީނެއް ބަހައްޓައި، ހޯލުގެ އެކޯސްޓިކް ޓްރީޓްމަންޓް ހަދައި، ޒަމާނީ ސައުންޑް އަދި ލައިޓިން ސިސްޓަމެއް ވެސް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން ވެސް އެތަނުގައި އާ ޓިކެޓު ކައުންޓަރެއް ގާއިމުކޮށްފައިވާއިރު ފިލްމު ޓްރެއިލާ ދެއްކުމަށާއި ފިލްމު ޝެޑިއުލް އަދި އެހެނިހެން މައުލޫމާތާއި އިޝްތިހާރު ދެއްކުމަށް ހާއްސަ ސްކްރީންތަކެއް ބެހެއްޓުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި، އިމާރާތުގައި ޕްރެކްޓިސް ރޫމުތަކުގެ މަރާމާތްތަކެއް ވެސް ކުރަމުންދާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެ އެވެ.
ހެރިޓޭޖު މިނިސްޓްރީން ބުނީ އޮލިމްޕަހުގެ މަރާމާތަށް ބޭނުންވާ ބައެއް ސާމާނަކީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތި ކަމަށެވެ. އެ ސަބަބަށްޓަކައި ލަސްތަކެއް ވީނަމަވެސް، ވީހާވެސް އަވަހަށް އޮލިމްޕަހުގެ މަސައްކަތް ނިންމުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ނުވަތަ އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ހިދުމަތް ދޭން ފަށަން އެ މިނިސްޓްރީން އަމާޒުކުރާ ކަމަށެވެ.












