މިފަހަރު "އަދަދު" އިން ރޯދަމަހަށް ހާއްސަކޮށް ގެނެސްދޭ އެންމެ ތަފާތު އެއް ޕްރޮގްރާމަކީ "ގޮނޑި" އެވެ. މި ޕްރޮގްރާމަކީ އަދި މިހާތަނަށް ރާއްޖޭގައި ނަގާފައި ނުވާ ކޮންސެޕްޓަކަށް ޝޫޓުކޮށް ތައްޔާރުކުރި ޕްރޮގްރާމެކެވެ. ރޯދަ މަހުގެ ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު ދުވަހު ގެނެސްދޭ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން، ޝޯގެ ތިންވަނަ އެޕިސޯޑުގައި ސުވާލުތައް އަމާޒުކުރީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަށެވެ. އޭނާއަށް ސުވާލުތައް އަމާޒުކުރީ އަމިއްލަ ދިރިއުޅުމާއި، ވަޒީފާ އާއި ކުރާ މަސައްކަތުގެ އިތުރުން ސިޔާސީ ދާއިރާ އިންނެވެ. އޭގެ ތެރެއިން ސިޔާސީ ދާއިރާއިން ކުރީ ސުވާލުތަކުގެ ތެރެއިން އެއް ޕަސެންޓު ސުވާލެވެ.
ސުވާލުގެ ބަޔަށް ފަހު ހާއްސަ ފޮޓޯ ޝޫޓެއް ވެސް ޝިޔާމް އާއެކު "އަދަދު" ގެ ޓީމުން ކުރިއަށް ގެންދިޔަ އެވެ. އެއީ ވެސް މި ޕްރޮގްރާމް ތަފާތުވާ އެއް ސަބަބެވެ. އެ ފޮޓޯ ޝޫޓުގައި ނެގި ފޮޓޯތައް ވެސް މި އާޓިކަލްގައި ހިމަނާލާނަމެވެ. ތިރީގައި ހިއްސާކޮށްފައި އެވަނީ މި ޝޯގެ އިންޓަވިއު ބައިގައި ކުރި ސުވާލުތަކަށް ޝިޔާމް ދިން ޖަވާބުތަކެވެ.
ޝިޔާމްގެ ހެއާ ސްޓައިލެއްގެ ގޮތުގައި އަބަދުވެސް 'ސްޕައިކް' ޖައްސަވާފައި ހުންނަނީ ކީއްވެތޯ؟
އެއީ ވަރަށް ކުރިންސުރެ އަޅުގަނޑު މި މަޖިލީހަށް އައުމުގެ ކުރިން ވެސް ގެންގުޅުނު ހެއާ ސްޓައިލެއް. ބައެއް މީހުން ބުނި މަޖިލިސް ކަހަލަ ތާކަށް ދާއިރު ދެން ތަންކޮޅެއް ރީތިކޮށް ފުނާ އަޅަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްޕައިކް ޖައްސާފައި ހުއްޓަސް ނޫނީ މައްޗަށް ފުނާ އަޅާފައި ހުއްޓަސް އެއީ ހަޑި ގޮތެއް ނޫން ކަންނޭނގެ. އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ މީހުން އެގޮތަށް އަޅާ ކަންނޭނގެ.
އެއީ ދެން ކުރިންސުރެ އާދަވެފަ ހުރި ގޮތް. ވަރަށް އުނދަގޫ ކަމެއް މި ހެއާ ސްޓައިލް ބަދަލުކުރުން. އަޅުގަނޑަށް ހީވަނީ ތަލަ ވަންދެން ހުންނާނީ އެކަހަލަ ގޮތަކަށް ކަންނޭނގެ.
ކިހާ ވަރަކަށް ބައްލަންތޯ ސްމާޓްކޮށް ހެދުން އެޅުމަށް؟
ވަރަށް ބޮޑަށް ބަލަން. ވަކިން ހާއްސަކޮށް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އައުމުގެ ކުރިން ވެސް ބަލަން ވީހާވެސް ރީއްޗަށް ޑްރެސް ކުރެވޭތޯ. ދެން އުމުރުފުރާ އާ ގުޅޭގޮތަކަށް ޑްރެސްކޮށްފަ ހުރެވޭތޯ ވަރަށް ބޮޑަށް ބަލަން. ދެން އޭގެ ތެރޭގައި އެނގިވަޑައިގަންނަވާނެ ރައްޓެހިން ވެސް ވަރަށް ކޮމެންޓު ކުރާނެ.
ދެން ފާޑެއްގެ އެއްޗެއް ލައިފިއްޔާ ކައިރީގަ މިއުޅޭ ރައްޓެހިން ވެސް އެއަށް ކޮމެންޓު ކުރާނެ. އެހެންވީމަ އަޅައި ނުގަންނަ ކަހަލަ ހަމަ ރީތި ޑީސެންޓު ޑްރެސް ކޯޑެއްގައި ހުރެވޭތޯ ބަލަނީ.

ރޯދަމަހަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ "ގޮނޑި" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގެ ފޮޓޯ ޝޫޓްގެ ތެރެއިން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި. ކިހިނެއްތޯ އިންސްޕަޔާވީ ޑައިވިން ދާއިރާއަށް ވަނުމަށް؟
ޑައިވިންއަކީ ވަރަށް ކުރިންސުރެ ކުރަން ބޭނުންވި ކަމެއް. އަޅުގަނޑުމެން ރަށް، ނައިފަރަކީ ވަރަށް ގިނަ ޑައިވަރުން، ރާއްްޖޭގެ އެންމެ ފުރަތަމަ ޑައިވިން ކުރަން ފެށި ބޭބޭފުޅުން ނައިފަރުގައި މި އުޅެނީ. ޑައިވިންގެ ނަމުން ނަމަ ބޭބެ އުޅޭނެ. ބޭބެ ވަރަށް ގިނަ ދުވަސްވެއްޖެ ޑައިވިން ކުރާތާ. ބޭބެއަކީ ވަރަށް އިންސަޕަޔަރިން ފިގާއެއް.
ޑައިވިންގެ އެ ސްޓައިލާ، އެ ހުންނަ ކޫލްނެސް އާއި، ދެން އަޅުގަނޑަށް ވަރަށް ކަމުދޭ ޑައިވިން ކުރާ މީސްމީހުންގެ ދިރިއުޅުން އެ ހުންނަ ގޮތް. އަދި ޑައިވިން އޭގެ ޒާތުގައި ވެސް. އަޅުގަނޑުމެންނަކީ މޫދުގަ ކުޑައިރުއްސުރެ އުޅޭ ބައެއް. ޔަގީނުން ވެސް ސްނޯކްލިންއަށް ދޭ.
ޑައިވިނަށް ދާން ބޭނުންވި އެންމެ ބޮޑު އެއް ސަބަބަކީ ސްނޯކްލިންގައި ވެސް ހޭދަކުރާ ވަގުތު ތަންކޮޅެއް ކުޑަވެފައި އޮންނަނީ. އެހެންމެ ޑައިވިން ކުރާއިރު ވަރަށް ގިނަ ވަގުތު ކަނޑު އަޑީގައި އުޅެވޭ ކަމަށް އޭރުގެ ވިސްނިފައި އޮންނަނީ. އެ ދެން މަސްމަހާމެއްސާއެކު މިހެން އުޅެން ވަގުތު ލިބެޔޭ. ވަރަށް ފުނުގަ ވަރަށް ގިނަ ވަގުތު އުޅެވެޔޭ.
ދެން އެކަހަލަ ކަންކަން ހުންނާތީ އަޅުގަނޑަށް ވަރަށް ބޭނުންވީ ޑައިވިން ކުރަން. އަބަދުވެސް މޫދުގަ އުޅެން. ޑައިވިން އޭޒް އަ ކެރިއާ އޭރުގަ ވަރަށް ބޭނުންވި. ސްކޫލްގަ އުޅުނުއިރު ވެސް ކެރިއާއެއް ގޮތަށް ޑައިވިން ކުރަން ވިސްނައިގެން ހުރީ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ތި ހުންނެވީ. މެމްބަރަކަށް ނުވިނަމަ ކޮން ދާއިރާއަކުންތޯ ފެންނާނީ؟
އަޅުގަނޑު ދެން ޑައިވިން ކެރިއާ ދެން މި ޒަވާޖީ ހަޔާތަކަށް ފަހު ހުއްޓާލަން ޖެހުނީ. ދެން އަޅުގަނޑު ވަރަށް ބޮޑަށް އުޅުނިން މާކެޓިން ދާއިރާގައި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑު ވަރަށް ޝައުގުވެރިކަން ވެސް ހުރޭ. ހީވަނީ މާކެޓިން ދާއިރާގެ ކޮންމެވެސް ދިމާލެއްގަހެން އަޅުގަނޑު އުޅޭނީ. ވަރަށް ޝައުގުވެރިކަން މިހާރު ވެސް ހުރޭ.
އޮޕްޒިޝަން އެމްޕީއެެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެހެން ޕާޓީތަކުން ވެސް ވަރަށް އެޑްމަޔާ ކުރައްވާތަން ފެނޭ ޝިޔާމްގެ މަސައްކަތްތަށް. އެއީ ކީއްވެގެން ކަމަށްތޯ ގަބޫލުކުރައްވަނީ؟
އަޅުގަނޑުގެ އެއްވެސް ޒާތީ ހަސަދައެއް ނޯންނާނެ. އަޅުގަނޑު މި ކުރަނީ ސިޔާސީ ގޮތުން މަސައްކަތްތަކެއް. އަޅުގަނޑުމެން އަދި އޮޕޮޒިޝަންގަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާއިރު ވެސް އަޅުގަނޑުމެން ސިޔާސަތަށް ބޮޑަށް ފާޑުކިޔަނީ. ކަންކަން ރަނގަޅު ކުރުމަށްޓަކައި މި ފާޑުކިޔަނީ.
އަޅުގަނޑަށް ހީވަނީ އަދި ސަރުކާރުގެ މެމްބަރުންނަށް ވިޔަސް އަދި ސަރުކާރު ވިޔަސް އެކަންކަން ގަބޫލުކުރޭ ކަންނޭނގެ. އަދި، އެއީ އޮންނަން ޖެހޭ ރޯލެއް ކަމަށް ވެސް ގަބޫލުކުރޭ. މި މުޖުތަމައުގައި ޒާތީ ނުވަންޏާ އަޅުގަނޑަށް ހީވަނީ މި ރަނގަޅު ކަންނޭނގެ ހުރިހާ އެންމެނާ ވެސް ގުޅިގެން އުޅެވޭ ކަންނޭނގެ. ޒާތީވީމަ ކަންނޭނގެ މައްސަލަ މި ޖެހެނީ.
ސިޔާސީ ކަންކަމުގައި އުޅޭއިރު ޒާތީ ވާކަށް ވެސް ނުޖެހޭ. އެހެން ވީމަ އަޅުގަނޑަށް ވާހަކަ ނުދެއްކޭ އެއްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވެސް އަދި، ކިތަންމެ ވަރަކަށް ރައްޔިތުންގެ މަޖިލީހުގައި މިގޮތަށް ޑިބޭޓު ކުރިއަސް، ބަހުސް ކުރެވި، ރައްދު ދެވި ކަންތައްތައް ކުރެވުނު ނަމަވެސް، އަތް ނުފޯރާ ފަށަކަށް ޔަގީނުން ވެސް އަޅުގަނޑު ވާހަކަތަކެއް ނުގެންދަން. ވަރަށް ބަލަން.

"ގޮނޑި" ޕްރޮގްރާމްގެ ފޮޓޯ ޝޫޓު ތެރެއިން ޝިޔާމް --- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު
ސިޔާސީ މައިދާނަށް އެންމެ ފުރަތަމަ ނުކުންނެވި އިރާ މިހާރު ތިޔަ ހުންނެވި ހިސާބާ މެދު ހިތްހަމަޖެހޭތޯ؟
އާދެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ދާއިރާގައި އަޅުގަނޑު މަސައްކަތް ކުރެވެނީ މި ވަރަށް ރަނގަޅު ޕްލެޓްފޯމެއްގައި. ވަރަށް ރަނގަޅު ލީޑަރެއްގެ ފަހަތްޕުޅުގައި މަސައްކަތް މި ކުރެވެނީ. ޔަގީނުން ވެސް އަޅުގަނޑަށް ކުރިއަށް ދާން ވަރަށް ބޮޑަށް ފުރުސަތު އޮވޭ މި ޕްލެޓްފޯމްގަ.
މިވަގުތު މަސައްކަތް ކުރަމުން މިދާ ޕާޓީ އާއި ލީޑާޝިޕާއި މި ހުރިހާ ކަމަކަށް ބަލާއިރު އަޅުގަނޑަށް ފުރުސަތުތައް ވަރަށް ފަހިކޮށް ފެންނަނީ. ސިޔާސީ ކަންތައް ފެއްޓި އިރާ، ކުރު މުދައްތެއް ދެއްތޯ. އަޅުގަނޑު ސިޔާސީ ގޮތުން އެކްޓިވްކޮށް މަސައްކަތް ކުރަން ފެށީ 2013 ވަނަ އަހަރު. އޭގެ ކުރިން އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން.
އެހެންވީމަ ސިޔާސީ ހަޔާތުގައި މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިއްޖެ. ހަމަ ރަނގަޅު ހިސާބެއްގެ ހުރީ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޮޕޮޒިޝަންގައި ވަރުގަދަ ބޭފުޅަކަށް ވުމުގެ ސިއްރަކީ ކޮބައިތޯ؟
އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެހާ ބޮޑަށް އެ ފެންނަނީ އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަދުވީމަ ކަމަށް ވެސް ވެދާނެ. ވަރަށް މެމްބަރުން މަދެއް ނޫންތޯ. ނުވަ މެމްބަރުން މިތިބީ. ދެން މަސައްކަތް ވެސް ގިނަ. މައިނޯރިޓީ އެހާ މައިނާ ވީމަ.
އޮޕޮޒިޝަން މެމްބަރުން މަދުވެ ކުރަން ޖެހޭ މަސައްކަތްތައް ގިނަވީމަ އަސްލުގަ އެޕިއަރެންސަސް ގިނަވާނެ. އެއީ މިސާލަކަށް ކޮމިޓީތަކުގައި ވެސް އަޅުގަނޑުމެން ފުލްކޮށް އުޅޭނެ. ރައްޔިތުންގެ މަޖިލީހުގަ ވެސް އަޅުގަނޑުމެން މިސާލަކަށް ވާހަކަ ނުދައްކައިފިއްޔާ އޮޕޮޒިޝަން ނުވެސް ފެންނާނެ. އެމްޑީޕީގެ 65 މެމްބަރުން ތިއްބާއިރު ފަހަރުގައި ވަކިވަކި މެމްބަރުން އެހެން ނުފެންނަނީ އެހާ ބައިވަރު މެމްބަރުން ތިބީމަ.
އަޅުގަނޑު ބަލަން މަޖިލީހަށް ހުށަހެޅޭ ހުރިހާ ބިލަކަށް ވެސް ބަހުސް ކުރެވޭތޯ. އަޅުގަނޑަށް އެނގުނު އެއްޗެއް ނޫނީއްޔާ ގަބޫލުކުރާ ގަބޫލުކުރުމެއް ނޫނީ ޕާޓީގެ ސިޔާސަތު ޕްރޮމޯޓުކޮށް ޕާޓީ ދެކޭ ގޮތް ވެސް ހާމަކޮށް މި ހުރިހާ ކަމެއް ކުރެވޭތޯ ބަލަން. ކޮންމެ ބިލަކަށް ވެސް، ކޮންމެ ކޮމިޓީ ރިޕޯޓަކަށް ވެސް އަޅުގަނޑު ބަލަން ހަމަ ކޮންޓްރިބިއުޓް ކުރެވޭތޯ.
މީގެ ފަސް އަހަރު ފަހުން ޝިޔާމްއަށް، ޝިޔާމްގެ ޕޮލިޓިކަލް ކެރިއާ ފެންނަނީ ކިހިނެއްތޯ؟
އެނގިވަޑައިގަންނަވާނެ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަގްސަދަކަށް މިވަނީ ވެރިކަން ހޯދުން. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ 2023 ގައި ޕީޕީއެމްގެ ވެރިކަމެއް ރައީސް ޔާމީނާއެކު ފެށޭތޯ. އަޅުގަނޑުގެ ވިސްނުން އެބަ ހުރި މި ވެރިކަން ޕާޓީއަށް ލިބިއްޖެނަމަ. ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މި އަދާކުރެވެނީ.
އެގްޒެކެޓިވްގައި ސަރުކާރުގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުމުގެ ވިސްނުން އެބަ ގެންގުޅެން. އެހެނަސް ސީދާ ސީދާ އެގޮތަށް އެކަން ނިންމީއެއް ނޫން. ސިޔާސީ ކަންކަމުގައި އުޅޭއިރު ސިޔާސީ މަގާމެއް ލިބިއްޖެނަމަ ފެނިދާނެ ހަމަ.
އެހެން ސިޔާސީ ޕާޓީއަކުން ޝިޔާމް ފެނިދާނެތޯ؟
ނުފެންނާނެ








