ހަމަޖެހިފައިވާ ހިތަކުން އިލްމުވެރިއަކު ކޮށްދެއްވި ދީލަތި ހިދުމަތް

2012 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި އުސްމާން ޝަރަފްވެރިކަމުގެ ގައުމީ އިނާމާ އެކު. --ފޮޓޯ: ރައީސް އޮފީސް

2012 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި އުސްމާން ޝަރަފްވެރިކަމުގެ ގައުމީ އިނާމާ އެކު. --ފޮޓޯ: ރައީސް އޮފީސް

މި ރާއްޖެ ވަރަށް ގިނަ ޝޭހުން ދެކެފި އެވެ. އެކަމަކު އިއްޔެ އަވަހާރަވި ފަޟީލަތުއްޝައިހު އުސްމާން އަބްދުﷲ ފަދަ ޝޭހެއް މަދުވާނެ އެވެ. ދީނާއި ތައުލީމުގެ ރޮނގުގައި އޭނާ ކޮށްދެއްވި އާންމު ހިދުމަތާއި، ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ. ހަމައެއާ އެކު ވަރަށް ހާއްސަ އެހެން ސަބަބަކާ ވެސް ހެދި އެވެ. އެއީ އެ ހުރިހާ ހިދުމަތެއް ވެސް ކޮށްދެއްވީ އެއްވެސް އަމިއްލަ އެދުމެއް ނެތި، ހަމަޖެހިފައިވާ ހިތަކާއިގެން ކަމަށްވާތީ އެވެ.

ށ. މަރޮށްޓަށް އުފަން އުސްމާން އެންމެ ފުރަތަމަ ވެސް ބޭނުންވެވަޑައިގެންނެވީ ދީނީ ތައުލީމު އުނގެނޭށެވެ. ބޭރުން ކިޔަވައިގެން އޭރު ތިއްބެވި ބައެއް ދިވެހިންގެ އެހީތެރިކަމާ އެކު، އެންމެ ފުރަތަމަ ލީބިޔާ އިން އަދި ފަހުން މަދީނާ އިން އޭނާ އެ އުއްމީދު ހާސިލްކުރެއްވި އެވެ.

ކިޔަވައިގެން 1975 ވަނަ އަހަރު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވެސް އެޅުއްވީ، އުނގެނުނު އެއްޗެއް އެހެން ދިވެހިންނަށް އުނގަންނައިދެއްވުމުގެ ބިންގަލެވެ. އެގޮތުން ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރެއްވި އެވެ. އަދި ގާތް ދެ ބޭފުޅަކާ އެކު، މާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް، މަދަރުސަތުއްތޮއިބާގެ ނަމުގައި ހުޅުއްވި އެވެ. ސަރުކާރުން އެތަން އުވާލި ނަމަވެސް ދީނީ ތައުލީމު ފެތުރުއްވުމުގެ މަސައްކަތް ހުއްޓައެއް ނުލެއްވި އެވެ.

އުސްމާން ވެގެންދިޔައީ، ދީނީ ތައުލީމާއި އަރަބި ތައުލީމު ރާއްޖޭގައި ފުޅާކުރެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން 1980 ވަނަ އަހަރު ހުޅުއްވި މައުހަދުއް ދިރާސަތުލް އިސްލާމިއްޔާގެ އެންމެ ފުރަތަމަ އެއް މުދައްރިސަށެވެ. އައްޝޭހް މުހައްމަދު ޖަމީލް ދީދީ ފަދަ ބޭފުޅުންނާ އެކު، ޒުވާން އުސްމާން ވަނީ މައުހަދު، މިއަދު އެ ފެންނަ ތައުލީމީ ބިނާއަށް ކުރި ދަތުރުގައި މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. ހާއްސަކޮށް މުދިމުން އުފައްދައި، ތަމްރީނުކުރުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.

މައުހަދުގެ އޭރުގެ ދަރިވަރު އަދި ފަހުން އެތަނުގައި މަސައްކަތްކުރެއްވި ހަސަން ޝާކިރު މުހައްމަދު ވިދާޅުވި ގޮތުގައި އުސްމާންގެ އެންމެ ފާހަގަކުރެވޭ ކަމަކީ، އެއްވެސް މީހަކާ މެދު ނުވަތަ ކަމަކާ މެދު ހިތްހަމަނުޖެހުމުގެ އަސަރެއް ނުގެންގުޅުއްވުން ކަމަށެވެ.

"އުސްމާންގެ ފަރާތުން އެއްވެސް ޝަކުވާއެއް ނާންނާނެ. އަދި އުސްމާންއާ މެދު އެހެން މީހެއްގެ ވެސް ޝަކުވާއެއް ނޯންނާނެ،" ޝާކިރު ވިދާޅުވި އެވެ. "އެންމެންނާ ވެސް ގުޅޭ، މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި އޭރު ވެސް އަޅުގަނޑުމެންނަށް ޝޭހު ފާހަގަކުރެވުނީ."

ދާރުލްއީމާން ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އުސްމާން (ވ-3) ބައިވެރިވެވަޑައިގަންނަވަނީ.
ދާރުލްއީމާން ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އުސްމާން (ވ-3) ބައިވެރިވެވަޑައިގަންނަވަނީ.

ދާރުލްއީމާން ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އުސްމާން (ވ-3) ބައިވެރިވެވަޑައިގަންނަވަނީ.

އުސްމާންގެ އެންމެ އަލިގަދަ ހިދުމަތަކީ، އޭނާގެ ބޭބެ، މަޝްހޫރު ވިޔަފާރިވެރިޔާ މަރްހޫމް މަރޮށީ ހުސެއިން އަބްދުﷲ (އެމް.އެޗް.އޭ) އާ ގުޅިގެން އުފަން ރަށުގައި ހުޅުވި މަދަރަސަތުލް މުނައްވަރާ އެވެ. ސަރުކާރުން ތޮއިބާ އުވާލުމުން، ރަށުގައި ހުޅުވި އެ ސްކޫލަކީ ރާއްޖޭގެ އޭރުގެ ހާލަތާ ބަލާއިރު ވަރަށް ވެސް ފެންވަރު ރަނގަޅު ތަނެކެވެ. ރާއްޖޭން ބޭރުން ޓީޗަރުން ގެނެސްގެން އަރަބި ތައުލީމާއި އިނގިރޭސި ތައުލީމު ދިން އެ ސްކޫލަކީ، ވަސީލަތްތަކަށް ބަލާއިރު ވެސް، އުސްމާން އާއި ހުސެއިން އަބްދުﷲގެ ދީލަތިކަން ވަރަށް ބޮޑަށް ފެނުނު މަދަރުސާ އެކެވެ.

"އެއީ މާލޭން ނޫނީ ރަނގަޅު ފެންވަރެއްގެ ތައުލީމެއް ލިބެން ނެތް ދުވަސްވަރެއްގައި އެ ބޭފުޅުން ކޮށްދެއްވި ވަރަށް އަގުބޮޑު ހިދުމަތެއް. ހަމައެކަނި ރަށެއް ނޫން، އަތޮޅުގެ އެހެން ރަށްރަށުން ވެސް އެ ސްކޫލަށް ކިޔަވަން ކުދިން ދިޔަ،" އެ ސްކޫލުން ކިޔަވާ ވިދާޅުވި، އަދި މިހާރު އިސްލާމީ ޔުނިވާސިޓީގެ ޑީންއެއްގެ މަގާމު ފުރުއްވާ އަހުމަދު ސަލީމް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ އެކިއެކި ދިމާލުން ފެންނަ މިލަދުންމަޑުލު ދެކުނުބުރީގެ އެތައް ހިދުމަތްތެރިންނަކީ، އަމަލީ ގޮތުން އުސްމާން ހިންގެވި އެ ސްކޫލުން ތައުލީމީ ހަޔާތް ފެށި ދަރިވަރުންނެވެ. ފަހުން އުސްމާންގެ އާއިލާ އިން ވަނީ އެ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ގޮތަށް ސަރުކާރާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެތަނުން އަތް ދޫކޮށްލެއްވީ، އެތަނަށް ޒަމާނީ އެތައް ބަދަލުތަކެއް ގެންނެވުމަށް ފަހު އެވެ.

ދީލަތިކަމުގައި، އަބަދުވެސް މުށް ހުޅުއްވާލައިގެން ހުންނެވި އުސްމާނަކީ، ދީލަތިކަމާއި، އެކެއް އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އެ ކަމަކުން އިސްލާމުންގެ ތެރޭ އަށަގެންނެވި، ދީނުގެ ތިން ވަނަ ރުކުން ކަމުގައިވާ ޒަކާތް ނެރުމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރެއްވި ބޭފުޅެކެވެ.

ރައީސް މައުމޫން ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްޝަނެއްގެ ގޮތުގައި އުފެއްދެވި ޒަކާތާ ބެހޭ އޮފީހުގެ ފުރަތަމަ ވެރިޔަކަށް ލެއްވެވީ ވެސް އުސްމާނެވެ. އޭގެ ފަހުން އެ އޮފީސް ޑިޕާޓްމަންޓް އޮފް ރިލީޖަޒް އެފެއާޒްގެ ދަށަށް އަދި އޭގެ ފަހުން ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވި އިރު ވެސް ހިންގެވީ އުސްމާނެވެ.

"ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ، އުސްމާން އަބްދުﷲ އޭ ދެންނެވުމަކީ، އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ކަމަކަށް ނުދެކެމެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

އުސްމާން ޓީވީ ޕްރޮގްރާމެއްގައި.
އުސްމާން ޓީވީ ޕްރޮގްރާމެއްގައި.

އުސްމާން ޓީވީ ޕްރޮގްރާމެއްގައި.

ޒަކާތަށް ދިވެހިން ހޭލައްވައިލި އިލްމުވެރިޔާގެ ގޮތުގައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިފަކުރެއްވި އުސްމާން ވަނީ އެ ރޮނގުން ވަރަށް ގިނަ ދިރާސާތައް ކުރައްވައި، އަދި ޝާއިއުނުކުރެއްވި ނަމަވެސް ފޮތް ލިޔުއްވައިފަ އެވެ. ރާއްޖޭގެ ޝޭހަކު ވިދާޅުވި ގޮތުގައި އޭނާ ބޭރުން ކިޔެވިއިރު، ޒަކާތާ ބެހޭ މައުލޫމާތުކޮޅެއް ހޯދުމަށް އުސްމާން އަށް ގުޅުމުން، ފޮނުއްވީ، އެކަމާ ގުޅޭ މައުލޫމާތުގެ ހަޒާނާއެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނީ. ޒަކާތް ނެރުމާ ގުޅޭގޮތުން އެފަދަ އިލްމީ މަސައްކަތްތަކެއް ދިވެހި ބަހުން މީހަކު ކޮށްފައި ހުރި ކަމަކަށް އަޅުގަނޑު ހިޔެއް ނުކުރަން،"

އުސްމާން ވަނީ ދީނުގެ އެހެން ރޮނގު ރޮނގުން ވެސް އަދަބީ މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން [ދަމުނަމާދާއި ސުންނަތް ނަމާދުތައް]، އަދި [އިސްލާމްދީނުގައި އަންހެނުންގެ އައުރަ] ނަމުގައި ފޮތް ލިޔެ ޝާއިއުކުރެއްވި އެވެ. މީގެ އިތުރުން [ފިގުހުއް ސުންނާ] އާއި ފަޟީލަތުއްޝައިހު އުސައިމީންގެ ފޮތެއް ތަރުޖަމާކުރައްވައި ނެރުއްވި އެވެ. މިހާތަނަށް ލިޔެވުނު ކީރިތި ރަސޫލާގެ އެންމެ ފުރިހަމަ ސީރަތު ކަމަށް ގިނަ ބަޔަކު އެއްބަސްވާ "އައް ރަހީގުލް މަޚްތޫމް" ނުވަތަ "ދި ސީލްޑް ނެކްޓާ" ފޮތް ވެސް އުސްމާން ދިވެހި ބަހަށް ގެންނެވި އެވެ. ނަމަވެސް އެ ފޮތަށް ޗާޕުގެ ހޫނުކަން ލިބޭ ގޮތެއް ނުވި އެވެ.

އުސްމާން ވަނީ ރައީސް އޮފީހުން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ނެރުނު ހަބަރުސިޓީއެއް ކަމަށްވާ 'ދީނުގެމަގު' އަށް ގިނަ އަދަދަކަށް ލިޔުއްވައިފަ އެވެ. އަދި ދީނީ މަޖައްލާ 'ދަރުމަ' އަށް ވެސް ވަރަށް ގިނަ މަޒުމޫނު ލިޔުއްވި އެވެ. މީގެ އިތުރުން އުސްމާން ވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުން ޝާއިއުކުރި 'އައް މިންބަރު' މަޖައްލާގެ ނާއިބު އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ.

އުސްމާނަކީ ދީނީ މައުލޫމާތު ފެތުރުއްވުމުގައި މީޑިއާއާ ވެސް ވަރަށް ރަށްޓެހި ބޭފުޅެކެވެ. ނުވަދިހައިގެ އަހަރުތަކާއި، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަށް އޭނާ ނާރުއްވާ ދުވަހެއް މަދުވާނެ އެވެ. މިސްކިތްތަކުގައި ވެސް ވަރަށް ގިނައިން ވައުޒު ދެއްވަ އެވެ. އެކަންކަމުގެ ތެރެއިން، އުސްމާންގެ އެންމެ ފާހަގަކުރެއްވޭ އެއް ސިފަޔަކީ، ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވި ގޮތުގައި ނުހަނު މަޑުމައިތިރިކަމާއެކު، މީހުނަށް ގަބޫލުކުރެވޭނޭ ހުއްޖަތާ ބުރުހާނުތައް ދައްކަވަމުން ނަސޭހަތް ދެއްވުމުވެ.

"(އެއީ) އަޑުއަހާމީހުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިންހުންނެވި މާތްބޭކަލެކެވެ،" މުއިއްޒު ފޭސްބުކުގައި ލިޔުއްވި އެވެ. "(އެއީ) ދީނީ ދަރުސް ދެއްވުމުގައި ސިޔާސީ ކޯޅުންތަކުގެތެރޭން ދުރުވެހުންނެވި ޒާހިދު، ވަރައަވެރި ބޭކަލެއް (ވެސް) މެއެވެ."

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ފޭސްބުކުގައި ލިޔުއްވި ގޮތުގައި ދީނުގެ ކަންކަން އޮޅުއްފިލުއްވައި ދެއްވުމުގައި އުސްމާން ގެންގުޅުއްވި ރީތި އަދި މަޑުމަތިރިގޮތަކީ އަބަދުވެސް އެވާހަކަތަށް އަޑުއަހާ ގަބޫލުކުރަން ފަސޭހަވި ކަމެއް ކަމަށެވެ.

"(އެއީ) ރައްޔިތުންގެ އިތުބާރު، ލޯބި އަދި އިހުތިރާމް ހޯއްދަވާފައިވާ މަޑުމައިތިރިކަމުގެ ލާމަސީލު ޝެއިހެއް،"

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ އެމް.އެޗް.އޭ ގެ ހިއްސާދާރެއްގެ ގޮތުގައި، މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވަން ފުރުސަތު އޮތް ނަމަވެސް އުސްމާން ހިޔާރުކުރެއްވީ، އިސްލާމީ ދައުވަތުގެ ދެއްވުމުގެ ސާދާ މަގެވެ. ވަގުތު ހޭދަކުރެއްވީ ފައިސާގެ ތެރެއަކު ނޫނެވެ. އާއްމުންނަށް ދީނުގެ ކަންކަން އުނގަންނަވައިދެއްވުމުގަ އެވެ.

ދިވެހި ދައުލަތުން ވަނީ އުސްމާންގެ މަސައްކަތް ބަލައިގަނެ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން 2012 ވަނަ އަހަރު އޭނާ ޝަރަފްވެރިކަމުގެ އިނާމު ދީފަ އެވެ. އެ ދުވަހު ރައީސް އޮފީހުން އިއްވި ބަޔާނުގައި ބުނި ފަދައިން އެ ރޮނގުން ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އުސްމާން ކޮށްދެއްވާފައިވާ ހިދުމަތްތައް ދިވެހި ކޮންމެ ފަރުދަކު ބަލައިގަންނަނީ ހިތްހެޔޮކަމާއެކު އެވެ. އެ ހިތްހެޔޮކަން ރިވެލިކޮށްދެނީ ހަމަޖެހިފައިވާ ހިތަކުން އޭނާ ކޮށްދެއްވި ދީލަތި ހިދުމަތްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް.

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބް މިހުރީ އެކައުންޓިން ކިޔަވައިދޭން

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

އިންޖީނުގެ އީޖާދީ ދުނިޔެއެއްގައި އުޅޭ، ލާމު މާމެންދޫ ނެއްބެ

މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ސުލްތާނާ މުދައްރިސް: ތިން ޖީލުގެ އެދުރު

ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.

މާޗު މަހު ޖެންޑާއަށް ރިޕޯޓުކުރީ 206 މައްސަލަ

Newsletter

Get the latest news delivered straight to your inbox