ލަންޑަން (އޭޕްރީލް 22) - ވިމްބަލްޑަން ޓެނިސް މުބާރާތުގައި ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ނިންމައިފި އެވެ.
ޓެނިހުގެ އެންމެ ޝަރަފްވެރި ހަތަރު މުބާރާތު (ގްރޭންޑް ސްލޭމް)ގެ ތެެރެއިން އެއް މުބާރާތް ކަމަށްވާ، ވިމްބަލްޑަން ގައި ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް މުބާރާތް އިންތިޒާމްކުރާ ފަރާތން ހެދީ ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އެޅި ފިޔަވަޅެއްގެ ތެރެއިންނެެވެ. ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވެނީ ހަނގުރާމައިގައި ރަޝިއާއާ ބައިވެރިވާތީ އެވެ. މި ފިޔަވަޅުތަކަކީ އިނގިރޭސި ސަރުކާރުގެ ތެރެއިން އައި ނިންމުންތަކެކެވެ.
އިނގިރޭސި ސަރުކާރާ ގުޅިގެން ވިމްބަލްޑަން އިން މި ނިންމުމާ ދެކޮޅަށް ޓެނިހުގެ ބައިނަލްއަގުވާމީ އެސޯސިއޭޝަންތަކުން ވަނީ އަޑުއުފުލައިފަ އެވެ. ފިިރިހެނުންގެ ޓެނިހުގެ އިސް ފަރާތް، އޭޓީޕީން ބުނީ މި ނިންމުމަކީ ކުޅިވަރުގައި ނުރަނގަޅު ސިފައެއް އަށަގެންނެވުމަށް ކުރެވުނު ގޯސް ކަމެއް ކަމަށެވެ. އަދި އަންހެން ޓެނިހުގެ ބެލެނިވެރި ފަރާތެއް ކަމަށްވާ ޑަބްލިއުޓީއޭ އިން ބުނީ މިއީ އިންސާފުގެ ހަމަތަކާ ނުބައްދަލު، ގެއްލުން ބޮޑު ނިންމުމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ވިމްބަލްޑަން މެޗެއްގެ ތެރެއިން ރަޝިއާގެ ޑަނީލް މެޑްވެޑޭވް.-- ފޮޓޯ: އޭއެފްޕީ
ވިމްބަލްޑަންގެ މި ނިންމުމާ ހެދި ޓެނިހުގެ ރޭންކިންގެ މަތީ ފަންތީގައި ތިބި ކުޅުންތެރިންނަށް ވެސް އަސަރުކުރާނެ އެވެ.
އެ ގޮތުން ފިރިހެން ރޭންކިން އެއް ވަނައިގައި ކުރިން އޮތް، އަދި މި ވަގުތު ދެ ވަނައިގައި އޮތް ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި އަންހެން ރޭންކިން ހަތަރެއްގައި އޮތް ބެލަރޫސްގެ އަރީނާ ސަބަލެންކާ އަށް މި ފަހަރުގެ ވިމްބަލްޑަންގެ އިތުރުން، އިނގިރޭސި ކޯޓުތަކުގައި ކުޅޭ އެއްވެސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.
އޭޓީޕީ އާއި ޑަބްލިއުޓީއޭ އިން މަސައްކަތް ކުރަމުން އަންނަނީ ބެލަރޫސް އާއި ރަޝިއާގެ ދިދައިގެ ދަށުން ނޫން ގޮތަކަށް ވިޔަސް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދޭށެެވެ. އެ ގޮތަށް ފުރުސަތު ދޭން އެއްބަސްވެއްޖެނަމަ ބެލަރޫސް އާއި ރަޝިއާ ކުޅުންތެރިން ކުޅޭނީ ނިއުޓްރަލް ކުޅުންތެރިންގެ ގޮތުގަ އެވެ. އެއީ އެއްވެސް ގައުމެއްގެ ދިދައިގެ ދަށުނެއް ނޫނެވެ.
ވިމްބަލްޑަންގެ މި ނިންމުމުގެ ސަބަބުން ގިނަ ކުޅުންތެރިން އަންނަނީ އެކަމަށް ނުރުހުން ފާޅުކުރަމުންނެވެ. މިއީ އިންސާފުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށާާއި ކުޅިވަރު ނުބައި މިސްރާބަކަށް ގެންދިއުމަށް ހިންގާ އަމަލެއް ކަމަށް ގިނަ ކުޅުންތެރިން ގަބޫލުކުރެ އެވެ.
ވިމްބަލްޑަން މުބާރާތް އޮތީ ޖޫން 27 އިން ފެށިގެން ޖުލައި 10 އަށެެވެ. މިދިޔަ އަހަރުގެ ވިމްބަލްޑަން ތަށި އުފުލާލީ ސާބިއާގެ ނޮވަކް ޖޮކޮވިޗާއި އޮސްޓްރޭލިއާގެ އެޝްލެއި ބާޓީ އެވެ. މިއީ ޖޮކޮވިޗް ތަށި އުފުލާލި ހަ ވަނަ ފަހަރެވެ.











