ރަށްދެބައި މަގުގައި ހުންނަ ގަރާޖެއްގައި އަލިފާން ރޯވެ އަނދަމުން ދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މި ހާދިސާ ހިނގީ ގ. ނިއު ކޮލަމްބިއާ އާ އިންވެގެން ހުރި ގަރާޖެއްގަ އެވެ. އެމްއެންޑީއެފް އަށް އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ 16:26 ގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަލިފާން ރޯވެފައި ވާ މަންޒަރު ފެންނަ ވީޑިއޯތަކުން އެނގޭ ގޮތުގައި އެ ގަރާޖުގައި ހުރި ސައިކަލުތަކެއްގައި ވެސް ވަނީ ވަރަށް ބޮޑަށް އަލިފާން ހިފައި ރޯވެފަ އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަލިފާންގަނޑު މިހާރު ނިއްވާލާފައި ވާ ކަމަށް އެ ސަރަހައްދުގައި ހުރި "އަދަދު" ގެ ނޫސްވެރިޔާ ވަނީ މައުލޫމާތު ދީފަ އެވެ. އަދި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށް ވެސް މައުލޫމާތު ދެ އެވެ.
މި ހާދިސާގައި ގަރާޖަށް ލިބުނު ގެއްލުން އަދި ވަޒަންކުރެވިފައެއް ނުވެ އެވެ. އަލިފާން ރޯވި އިމާރަތަކީ ދެ ފްލޯއަށް ވަކަރުން ހަދާފައި ހުރި ތަނެކެވެ. މަތީ ފްލޯގައި އުޅުނީ ގަރާޖުގެ މުވައްޒަފުން ކަމަށާއި އެ އެންމެން ވެސް އަލިފާން ރޯވުމުން އެތަނުން ނެރެފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި އަދަދުގެ ނޫސްވެރިޔާ ވަނީ މައުލޫމާތު ދީފަ އެވެ.

އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުން އަންނައިރު އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައެއް ނުވެ އެވެ.











