އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން އާންމުން ގާނޫނުތަކަށް ހޭލުންތެރިކުރުވަން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
އޭޖީ އޮފީހުން ބުނީ، އެ ކެމްޕޭން ކުރިއަށްގެންދަނީ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު އާންމުންނަށް އޮޅުންފިލުވައިދިނުމަށް ކަމަށެވެ.
އެގޮތުން، އާންމުންނަށް ގާނޫނުތައް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފީ ބޭނުންކޮށްގެން އެ ކެމްޕޭން ކުރިއަށް ގެންދަނީ އޭޖީ އޮފީހުގެ ޓްވިޓާ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގަ އެވެ.
"މި ކެމްޕޭންގެ ބޭނުމަކީ ގާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންސާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުން،" އޭޖީ އޮފީހުގެ ސްޕޯކްސްޕާސަން ހުސެއިން ހަސަން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އެ ކެމްޕޭނުގެ ދަށުން މައިގަނޑުކޮށް އާންމުންނަށް ކިޔައިދޭނީ ޖެންޑާ އީކުއަލިޓީ ގާނޫނު، އާއިލާއާ ބެހޭ ގާނޫނު، ޖިންސީ ކުށްކުށާއި ބެހޭ ގާނޫނުތައް، ހިއުމަން ޓްރެފިކިން ހުއްޓުވުމާ ގުޅޭ ގާނޫނު އަދި ފުލުހުންގެ ގާނޫނު ފަދަ ގާނޫނުތައް ކަމަށެވެ.

އެ ކެމްޕޭނުގެ ދަށުން އެންމެ ފުރަތަމަ ވީޑިއޯއެއް ނެރެފައިވަނީ ދިވެހި ގާނޫނުއަސާސީއާ ގުޅޭގޮތުންނެވެ. އެ ވީޑިއޯ މިހާރު އޭޖީ އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އޭޖީ އޮފީހުން ވަނީ އެފަދަ ހަރަކާތްތަކުގަައި ޔޫއެންޑީޕީން ދޭ އެހީތެރިކަން ވެސް އަގުވަޒަންކޮށް އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.













