މިސްކިތަށް އަރާއިރު، ނުވަތަ ދިރިއުޅޭ ގޭގެ ވަކި ބަޔަކަށް ވަންނަނަމަ ވެސް އަރައިގެން ހުންނަ ފައިވާން ބޭލުމަކީ އެއީ ކުރަންޖެހޭ ކަމެއްކަން އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެކެވެ. މިކަމުގައި އޭދަފުށީގައި އޮތީ ތަފާތު އާދައެކެވެ. ވިޔަފާރިކުރަން ފިހަރާއަކަށް ވަންނަނަމަ ފިހާރައިގެ އެތެރެއަށް ވަންނާނީ ފައިވާން ބާލައި ހުސްފަޔާ އެވެ. ޒަމާންތަކެއް ވަންދެން އޭދަފުށީގެ ހުރިހާ ފިހާރައެއްގައި ވެސް އޮތީ މި ގަވާއިދެވެ. އަދިވެސް ބައެއް ފިހާރަތަކުން އެ އުސޫލު ހިފަހައްޓަ އެވެ. ކަސްޓަމަރުން އެ ގަވާއިދުތަކަށް ތަބާވެސް ވެ އެވެ. މިއީ އޭދަފުށިން ފެންނަ ތަފާތު، ރީތި އާދައެކެވެ.
އޭދަފުށީގެ ބޮޑުމިނުގައި ފަހުން ހިއްކި ސަރަހައްދާއެކު ބަލާއިރު ގާތްގަނޑަކަށް 55 ހެކްޓަރު ހުންނާނެ އެވެ. ރަސްމީ ގޮތުން، ވިވަގުތަށް ކަނޑައަޅާފައިވަނީ 30.9 ހެކްޓަރު ކަމުގަ އެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެފް-10 އެވެ.
އޭދަފުށްޓަކީ މިހާރު ބ.އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. މިރަށުގައި ދިރިއުޅެނީ އެއަތޮޅު ފަސްދޭތެރެ ފުނަދޫއާއި އުނޑޫދޫއާއި މާއްޑޫ މީހުންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ދުވަސްވަރު، 1968 ގައި، ހުކުރު ހަމަނުވާ ކޮންމެ ރަށަކީ ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ގާނޫނު ފާސްވުމާއެކު މި ތިން ރަށަކީ ފަޅުރަށް ކަމަށް ސަރުކާރުން ހަމަޖެއްސެވި އެވެ. އެހެންވެ، އެ ތިން ރަށުގެ މީހުން ބަދަލުކުރެވުނީ އޭދަފުށްޓަށެވެ. ފަސްދޭތެރެ ފުނަދޫގެ 23 ގޭގެ މީހުންނާއި އުނޑޫދޫގެ 22 ގޭގެ މީހުންނާއި މާއްޑޫއިން 32 ގޭގެ މީހުން އޭދަފުށްޓަށް ބަދަލުކުރެވުނީ 1968 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެރަށް އާބާދުކުރެވުނުތާ 50 އަހަރު ފުރުނު ރަންޔޫބީލް ފާހަގަކުރީ 2019 ވަނަ އަހަރު އެވެ.

މާއްޑޫން ހޮވައިގެން އޭދަފުއްޓަށް ގެނެސްފައިވާ ކާށި، ބައިބަޔަށް ބަހަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީގައި މިހާރު ތިބީ 1649 ފިރިހެނުންނާއި 1787 ފިރިހެނުންނާއެކު ޖުމުލަ 3436 މީހުންނެވެ. 1985 ވަނަ އަހަރުން ފެށިގެން ރަށުގެ އާބާދީ އަންނަނީ އެއް ނިސްބަތެއްގައި އިތުރުވަމުންނެވެ. 1985 ވަނަ އަހަރު އާބާދީގައި ތިބީ 1773 މީހުންނެވެ. 2014 ވަނަ އަހަރު އާބާދީގައި 2530 ތިބިއިރު 2017 ވަނަ އަހަރު 3339 މީހުން އާބާދީގައި ހިމެނެ އެވެ. މިހާރު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 3000 މީހުންނެވެ.
އިހަށް މިރަށަކީ ފޭލިވިއުމާއި މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ. އެހެންނަމަވެސް، ޒަމާނަށް އައި ބަދަލާއެކު، އެ މަސައްކަތްތައް މުޅިންހެން އުވިގޮސް، ރަށަށް ލިބޭ އާމްދަނީ މިހާރު ބަރޯސާވެފައި އޮންނަނީ މިރަށުގައި ހުންނަ ސަރުކާރުގެ އެކި އިދާރާތަކުން އުފެދޭ ވަޒީފާތަކާއި، ރަށުގައި ހިންގާ ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކަށެވެ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގައިވެސް މިރަށުގެ ޒުވާނުން ވަޒީފާ އަދާކުރެ އެވެ. ރަށުގެ އަންހެނުން ފަންގިވިނުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކޮށްއުޅެ އެވެ. ވިޔަފާރިއެއްގެ ސިފައިގައި ދަނޑުވެރިކަމުގެ މަސައްކަތެއް މިރަށުގައި ނުކުރެ އެވެ.
ރާއްޖޭގެ އެހެން ރަށްރަށުގައި ހިނގާ ބާވަތުގެ އިގްތިސާދީ މަސައްކަތް މިރަށުގައި މަދުނަމަވެސް ރަށުތެރެ އަބަދުވެސް ތިޔާގި އެވެ. އާންމު ވިޔަފާރިކުރާ 82 ފިހާރައެއް މިރަށުގައި ހިންގާއިރު މުޅިންހެން ހުރީ ވަރަށް ރަނގަޅަށް ވިޔަފާރިވާ ފިހާރަތަކެވެ. މިރަށުން ނުލިބޭނޭ މުދަލެއް ނެތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިރަށް ވެފައި އޮތީ މުޅި އަތޮޅުގެ ވިޔަފާރި ހަބަށެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ފަސް ތަނެއް އެބަހުއްޓެވެ. ރަޖިސްޓްރީކޮށްފައި ހުރީ އެންމެ ގެސްޓްހައުސްއެކެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅަށް ބެލެހެއްޓިގެން ގަވާއިދުން ހިންގާ ގެސްޓްހައުސްއެއް ނޫނެވެ. ރަނގަޅު ފެންވަރަށް ހަދާފައިހުރި ކުއްޔަށްދޭ ކޮޓަރިތައް މިރަށުގައި ގިނަ އެވެ.
މިވަގުތު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ވިޔަފާރިތަކާ ގުޅިގެން ރަށަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް ހާއްސަކުރެވިފައިވާ އިތުރު ބަނދަރެއް ނެތުމާއި، ރަށުގެ މަގުތައް ހެދިފައި ނެތުމުގެ ސަބަބުން ވިސްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާއި، ރަށުގެ ބިމުގެ ދަތިކަމެވެ.
އޭދަފުށީގައި މިވަގުތު އެއްވެސް މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ހިނގަމުން ނުދެ އެވެ. ރޭވިފައި ހުރި މަޝްރޫއުތަކަށް ބަލާއިރު މަގުހެދުމާއި، ގައުމީ ދަތުރުފަތުރުގެ ނިޒާމުގައި މިރަށް ހިމެނުމުގެ މަޝްރޫއު ދަނީ ކުރިއަށެވެ.

އޭދަފުށި
މާލެއާއި ގާތްގަޑަކަށް 64 މޭލު ދުރުގައި އޮންނަ އޭދަފުށްޓަށް ސްޕީޑް ލޯންޗެއްގައި ދަތުރުކުރަން ހޭދަވަނީ ދެ ގަޑިއިރެވެ. އޭދަފުށްޓަކީ ހުރިހާ ރޮނގަކުން ބެލިކަމުގައިވިޔަސް އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ތަރައްގީވެފައި އޮތްރަށެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް 24 ގަޑިއިރުގެ ކަރަންޓު ލިބެންފެށީ 2000 ގެ ކުރީކޮޅު އެވެ. އެހެންނަމަވެސް އޭދަފުށީގައި 1995 ވަނަ އަހަރުންފެށިގެން 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ލިބެ އެވެ. ރަށުގައި ނަރުދަމާ ނިޒާމް ވަނީ ގާއިމް ކުރެވިފަ އެވެ. 900 ފޫޓު ދިގުމިނުގެ ބަނދަރާއެކު ލަފާފުރުން އޮތީ ފަސޭހަ ކުރެވިފަ އެވެ. ރާއްޖޭގައި ފޯނާއި އިންޓަނެޓްގެ ހިދުމަތްދޭ ދެ ކުންފުނީގެ މުހިންމު ހުރިހާ ހިދުމަތްތަކެށް މިރަށުން ލިބެންހުރެ އެވެ. ރަށުގައި އޭލެވެލްއާ ހަމަޔަށް ހިލޭ ތައުލީމް ހާސިލް ކުރެވެ އެވެ. މާސްޓާސް ފެންވަރަށް ކޯސްތައް ކުރިއަށްގެންދާ ވިލާކޮލެޖުގެ ކެމްޕަހެއް މިރަށުގައި ހުރެ އެވެ. ރަށުގައި ހުންނަ އަތޮޅުހޮސްޕިޓަލުން 24 ގަޑިއިރު ހިދުމަތް ލިބެ އެވެ.
ޒަމާނީ ތަރައްގީގެ ހުރިހާ ފަސޭހަތަކެއް ލިބެން އޮތް މިރަށުގެ އާންމު ދިރިއުޅުން އުފާވެރި އެވެ. ރަށުތެރޭގެ މާހައުލު އެކުވެރި އެވެ. މުނާސަބަތުތައް ފާހަގަކުރުމުގައި ޖޯޝާއި ފޯރި ގަދަ އެވެ. ހިޔާލުތައް އުފެއްދުންތެރި އެވެ. މި ހުރިހާ ކަމަކާއެކު ބަލާއިރު، މި އީދު ޗުއްޓީ ހޭދަކޮށްލާނޭ ރަށެއް ކަނޑައެޅުމުގައި އޭދަފުށި ބާއްވަންޖެހެނީ ލިސްޓުގެ އެންމެ ކުރީގަ އެވެ.










