ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވަައިލެއްވުމަށް ފަހު މިރޭ އެނބުރި ރާއްޖެއަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން މިދިޔަ ބުރާސްފަތި ދުވަހު ފެއްޓެވި އެދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ސަރުކާރުގެ އިސް އޮފިޝަލަކު މި ނޫހަށް އޭރު ވިދާޅުވިގޮތުގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮޑް ސާޖަރީއަށް ފަހު އަލުން ޑޮކްޓަރަށް ދެއްކެވުމަށެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ "ރައީސްގެ ހާލުކޮޅު ރަނގަޅު" ކަމަށެވެ.
ތައިރޮޑް ސާޖަރީ ކުރައްވަން ރައީސް ސިންގަޕޫރަށް ވަޑައިގަތީ ފެބްރުއަރީ 23 ގައެވެ. ސާޖަރީ ކުރެއްވީ ފެބްރުއަރީ 25 ގަ އެވެ. ތިން ގަޑިއިރުގެ ސާޖަރީއަކަށް ފަހު އެ މަނިކުފާނު ހޮސްޕިޓަލުގައި އިތުރު ހަތަރު ދުވަހަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެއްވި އެވެ. އެ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެންނެވީ މާޗު 6 ގަ އެވެ.
ސާޖަރީއަށް ފަހު ހާލުކޮޅު ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިއައީ، އަޅުގަނޑުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކޮށްގެން. މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮ ދުއާކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ޝުކުރު ދަންނަވަން،" މާޗު 13 ވަނަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.
ސާޖަރީ އަށް މާލެ ވަޑައިގެން ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދެވި އެވެ. ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ރަށްރަށަށް ވެސް ވަޑައިގެންނެވި އެވެ.











