ހުޅުމާާލެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި އެވެ.
ހަމަލާދީ މަރާލާފައިވަނީ ބަންގްލަދޭޝް މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި, އެއީ ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު, އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ރެސްޓޯރެންޓްގައި މަސައްކަތް ކުރާ ބިދޭސީ އެހެން މުވައްޒަފެކެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
ވަޅިން ހަމަލާދީފައިވަނީ, ރެސްޓޯރެންޓް ބަދިގެ ތެރޭގައި މިއަދު ހަވީރު ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ހަމަލާ އަމާޒުވެފައިވަނީ ބަންގްލަދޭޝް މީހާގެ ބޮލަށާއި ކަރަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
ހަމަލާދިނުމުން ބަންގްލަދޭޝް މީހާ ހޮސްޕިޓަލަށް ގެންދިޔުމުގައި ގިނަ އިރުތަކެއްވީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން, އެ މަގުން ދިޔަ ޓެކްސީއެއް މަޑުކޮށް އެމީހާ އެރުވުމަށް އެކަމަށް ދެކޮޅު ހެދުމުން އެމްބިއުލާންސްއަށް ގުޅައިގެން ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދެވުނީ ހަމަލާދިންތާ ގާތްގަނޑަކަށް 30 މިނެޓް ފަހުން ކަމަށް އެނގިފައިވެ އެވެ.

ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.













