ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 14) - ޕަންޖާބު ކިންގްސް އަތުންވެސް ބަލިވެ, މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި މެޗަކުން މޮޅުވާން މުމްބާއީ އިންޑިއަންސް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
މިހާތަނަށް މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް އައިޕީއެލްގެ އެންމެ ކާމިޔާބު ޓީމު މުމްބާއީ ވަނީ ބަލިވެފަ އެވެ. މުމްބާއީ އަތުން މޮޅުވެ، ޕަންޖާބު ވަނީ ހަ ޕޮއިންޓް ހޯދައި ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.
އިއްޔެ ކުޅުނު މެޗުގައި ޕަންޖާބު އަތުން މުމްބާއީ ބަލިވީ 12 ލަނޑުންނެވެ. އިއްޔެ، ޓޮސް ދިމާވުމުން މުމްބާއީން ނިންމީ ޕަންޖާބަށް ފުރަތަމަ ކުޅެން އަރަން ފުރުސަތު ދޭށެވެ.
ޕަންޖާބު ކުޅެން އަރާ 20 އޯވަރުގައި 5 ކުޅުންތެރިން ނުބައިވެގެން 198 ލަނޑު ހެދި އެވެ. މި އިނިންގްސްގައި ޓީމުގެ ފެށުން ރަނގަޅަށް ދިޔުމާ އެކު ރަނގަޅު ސްކޯއެއް ކުރަން މަގު ފަހިވި އެވެ. މި ގޮތުން އޯޕަނިން ދެ ބެޓްސްމަނުން ކަމަށްވާ ކެޕްޓަން މަޔަން އަގަރްވާލް އާއި ޝިކަރު ދަވަން ވެސް ހާފް ސެންޗަރީ އެއް ހެދި އެވެ. މަޔަންކް ވަނީ 32 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. ޝިކަރު ދަވަން ވަނީ 50 ބޯޅައިން 70 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި މުމްބާއީ އިންޑިއަންސް އިން ކުޅެން އަރައި ފުރަތަމަ ފަނަރަ އޯވަރުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭރު ވާދަވެރިކޮށް ސޮކޯ އޮތް ނަމަވެސް އެ ވަގުތު ކުޅެމުންދިޔަ ތިލަކް ވަރުމާ ނުބައިވެ، ދެން ކުޅެން ނުކުތް ކެއިރެން ޕޮލާޑް ވެސް ނުބައިވުމާ އެކު އެ ޓީމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. މުމްބާއީގެ އުންމީދުތައް ފުނޑުފުނޑުވީ 43 ލަނޑުން ސުރްޔަކުމާރު ޔާދަވް ނުބައިވުމާ އެކުގަ އެވެ. ވިހި އޯވަރު ހަމަވިއިރު، 9 ކުޅުންތެރިން ނުބައިވެގެން މުމްބާއީ އަށް ހެދުނީ 186 ލަނޑެވެ. މި އިނިންގްސްގައި ޕަންޖާބުގެ އޮޑިއަން ސްމިތު ތިން އޯވަރުގައި 30 ލަނޑަށް ހަތަރު ވިކެޓު ނެގި އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ރާޖަސްތާން ރޯޔަލްސް އާއި ގުޖުރާތު ޓައިޓަންސް އެވެ. މި މެޗުން މޮޅުވާ ޓީމެއް ލީގުގެ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.












