މުމްބާއީ، އިންޑިއާ (އޭޕްރީލް 11) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް )ގައި އެންމެ ފަހުން ކުޅުނު މެޗުން ރާޖަސްތާން ރޯޔަލްސް މޮޅުވެ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް އާއި ޗެންނާއީ ސުޕަ ކިންގްސް ކުޅުނު މެޗުތަކުން ބަލިވެ، ތާވަލްގެ ފުލަށް ވެއްޓިއްޖެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓު ލީގު ކަމަށްވާ އައިޕީއެލް ތާވަލްގެ އެއް ވަނައިގައި މި ވަގުތު އޮތީ ރާޖަސްތާން ރޯޔަލްސް އެވެ. އެއް ވަނަ އިން ފެށިގެން ފަސް ވަނައިގައި އޮތް ޓީމަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެކަމަކު ނެޓް ރަން ރޭޓަށް ބަލާއިރު ރާޖަސްތާނަށް ކުރި ލިބެ އެވެ. އެ ޓީމު ލީގުގައި މިހާތަނަށް ބަލިވެފައިވަނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުން އެކަންޏެވެ.
އެންމެ ފަހުން ރާޖަސްތާން މޮޅުވީ ލަކްނޯ ސުޕަ ޖަޔަންޓްސްއާ ވާދަކޮށް 3 ލަނޑުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ލަކްނޯއިން ނިންމީ ދެ ވަނަ އިނިންގްސް ގައި ބެޓްކުރާށެވެ. ރާޖަސްތާން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 165 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 36 ބޯޅައިން 59 ލަނޑު ހެދި ޝިމްރޮން ހެތުމަޔާ އެވެ. ލަކްނޯގެ ކްރިޝްނައްޕާ ގޯތަމް އާއި ޖޭސަން ހޯލްޑަ މި އިނިންގްސްގައި ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނެގި އެވެ.
ލަކްނޯއިން ކުޅެން އަރާ 20 އޯވަރުގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. ފަހު އޯވަރާއި ހަމައަށް ނޭވާ ހިފަހައްޓާލަން ޖެހުނު މި އިނިންގްސްގައި ލަކްނޯ އަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވި ފުރަތަމަ އޯވަރުގައި ކެޕްޓަން ކޭއެލް ރާހުލް އަދި ގޯތަމް ފުރަތަމަ ބޯޅައިން ނުބައިވުމުންނެވެ. އެންމެ ގިނަ ލަނޑު ހެދި ކުއިންޓޮން ޑި ކޮކް އަށްވެސް ހެދުނީ 39 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރާޖަސްތާންގެ ސްޕިން ބޯލަރު ޔުޒްވެންދްްރަ ޗަހާލް މި އިނިންގްސްގައި ހަތަރު ވިކެޓް ނެގި އެވެ.
މުބާރާތުގައި މިދިޔަ ހަފްތާ ބަންދުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޑެލީ ކެޕިޓަލްސް އިންވަނީ ކޮލްކަތާ ނައިޓް ރައިޑާސް އަތުން ފަސޭހަ މޮޅެއް ހޯދާފަ އެވެ. ސާޅީސް ހަތަރު ލަނޑުން ޑެލީ މޮޅުވި މި މެޗުގައި އެ ޓީމުން ފުރަތަމަ ކުޅެން ނުކުމެ 215 ލަނޑު ހެދި އެވެ. މިއީ މި ސީޒަންގައި ރެކޯޑު އަދަދެކެވެ. ޑެލީގެ ޕްރިތުވީ ޝާ އާއި ޑޭވިޑް ވާނާ ވެސް ވަނީ މި މެޗުގައި ހާފް ސެންޗަރީ އެއް (50 ލަނޑު) ހަދާފަ އެވެ.
ކޮލްކަތާ ޓީމު ކުޅުން ނުކުމެ 19.4 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 54 ލަނޑު ހެދި ކެޕްޓަން ޝްރެޔަސް އައްޔަރެވެ. ރާޖަސްތާންގެ ކުލްދީޕް ޔާދަވް މި އިނިންގްސްގައި ހަތަރު އޯވަރުގައި 35 ލަނޑަށް ހަތަރު ވިކެޓް ނެގި އެވެ. އަދި ޚަލީލް އަހުމަދު ހަތަރު އޯވަރުގައި 25 ލަނޑަށް ތިން ވިކެޓު ނެގި އެވެ.
މުމްބާއީ އާއި ޗެންނާއީ މޮޅެއް ނުލިބި ފުލުގައި
މުބާރާތުގެ އެންމެ ކާމިިޔާބު ދެ ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް އާއި ޗެންނާއީ ސުޕަ ކިންގްސް އެންމެ ފަހުން ކުޅުނު މެޗުތަކުން ވެސް ވަނީ ބަލިވެފަ އެވެ. ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ. ދެ ޓީމް އޮތީ ތާވަލްގެ ފުލުގަ އެވެ.
މުމްބާއީ އެންމެ ފަހުން ކުޅުނު މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުން ބަލިވީ ހަތް ވިކެޓުންނެވެ. މި މެޗުގައި ފުރަތަމަ ކުޅެން އަރާ މުމްބާއީ އަށް ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 151 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 37 ބޯޅައިން 68 ލަނޑު ހެދި ސޫރްޔަކުމާރު ޔާދަވް އެވެ. ދެ ކުޅުންތެރިއަކު ފުރަތަމަ ބޯޅައިން ނުބައިވިއިރު، ކެޕްޓަން ރޯހިތު ޝަރުމާ އަށް ވެސް ހެދުނީ 26 ލަނޑެވެ.
ބެންގަލޫރުން ކުޅެން އަރައި މެޗު ކާމިޔާބުކުރީ ބާކީ ނުވަ ބޯޅަ އުކަން އޮއްވަ އެވެ. އެ ޓީމުގެ އަރުޖުން ރާވަތު އެކަނި 66 ލަނޑު ހެދިއިރު، ވިރާތު ކޯލީ 48 ލަނޑު ހެދި އެވެ.
ޗެންނާއީ އެންމެ ފަހުން ކުޅުނު މެޗުގައި ބަލިވީ ސަންރައިޒާސް ހައިދްރާބާދު އަތުން އަށް ވިކެޓުންނެވެ. މި މެޗުގެ ފުރަތަމަ ކުޅެން އަރާ ޗެންނާއީ އަށް ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 154 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު މުއީން އަލީ 48 ލަނޑު ހެދިއިރު، އަމްބަތީ ރަޔޫޑޫ 27 ލަނޑު ހެދި އެވެ.
ޖަވާބުގައި ހައިދްރާބާދު ކުޅެން އަރައި 17.4 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެ 155 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހައިދްރާބާދުގެ އަބީޝެކް ޝަރުމާ 50 ބޯޅައިން 75 ލަނޑު ހެދި އެވެ. މީގެ އިތުރުން ރާހުލް ޓްރިޕާތީ 15 ބޯޅައިން 39 ލަނޑު ހެދި އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ހައިދްރާބާދާއި ގުޖުރާތު ޓައިޓަންސް އެވެ. މިހާތަނަށް ލީގުގައި މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ އަލަށް އަައިޕީއެލްގައި ކުޅެމުން އަންނަ ގުޖުރާތެވެ.












