ހިޔާ ފްލެޓުތަކަށް ކުލި ދެއްކުމުގެ މުއްދަތު ޖޫރިމަނާއެއް ނާރާ ގޮތަށް މި މަހުގެ ނިޔަލަށް އިތުރުކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.
އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތު އިތުރުކޮށް ދިނީ ކުލީގެ ކަންކަމާ ގުޅިގެން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އިތުރަށް ހޭލުންތެރި ކުރުމުގެ ގޮތުން ކަމަށެވެ.
މިގޮތުން މިއަދުން ފެށިގެން ކޮންމެ ރެޔަކު 20:00 އިން 23:00 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބަހައްޓައިގެން މި މަސައްކަތް ކުރިޔަށް ދާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ޖޫރިމަނާއާ ނުލައި ކުލި ބަލައިގަތުން މި މަހުގެ ނިޔަލަށް އިތުރުކޮށްދިން ނަމަވެސް، މެއި މަހުން ފެށިގެން ކޮންމެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ތިން ފަހަރެއްގެ މަތިން ގްރޭސް ޕީރިއަޑް މުއްދަތު އިތުރުކުރުމަށް ފަހު، ހިޔާ ފްލެޓުގައި މީހުން ދިރިއުޅެން ފެށިތާ ހަތް މަސް ފަހުން މި އެޕްރީލް މަހުން ފެށިގެން ކުލި ނަގަން ފަށާފައިވާއިރު، ކުލި ނުނެގުމަށް ހިޔާ ޔޫނިއަންއިން ވަނީ ގޮވާލައިފަ އެވެ.
މި ފްލެޓުތަކަށް ދައްކަން ޖެހެނީ ފްލެޓު ކުލީގެ 7،500ރ. އާއި މެއިންޓެނަންސް ފީއަށް 1،000ރ. ހިމެނޭހެން، 8،500ރ. އެވެ. މި އަދަދާ މެދު ހިޔާ ފްލެޓު ލިބުނު މީހުންގެ މެދުގައި ދެބަސްވުމާއި ހިޔާލު ތަފާތުވުން އޮތަސް، ހުރިހާ ރައްޔިތުން ކުލި ދައްކަން އެޗްޑީސީން ވަނީ އަންގާފަ އެވެ.













