ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދޭން އުފައްދާފައިވާ ސަރުކާރުގެ ބޭންކް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްދޭ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި އެވެ.
އެސްޑީއެފްސީގެ ލޯނުތަކަށް އެދުމުގެ ފުރުސަތު މެދުކަނޑާލާފައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ވުމަށް ފަހު އެ ބޭންކުން މިއަދު ބުނީ، ދެ ވިޔަފާރިއަކަށް ދޫކުރަމުންދާ ލޯނަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
މާދަމާއިން ފެށިގެން ފުރުސަތު ހުޅުވާލަނީ ކުދި އަދި މެދު ފަންތީގެ އާންމު ވިޔަފާރިތަކަށް ދޫކުރާ "ވިޔަފާރި އެހީ" ލޯނު ސްކީމަށާއި ދަނޑުވެރި ވިޔަފާރިތަކަށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނަށެވެ. އެހެން ލޯނުތަނަށް އެދުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވައިލާނެ ކަމަށް އެސްއެމްއީ ބޭންކުން މިއަދު ބުންޏެވެ.
އެސްޑީއެފްސީގެ ލޯނުތަކަށް އެދުމުގެ ފުރުސަތު މެދުކަނޑާލީ މިދިޔަ ޑިސެމްބަރުމަހުގެ ހަވަނަ ދުވަހު އެވެ. އޭރުން ފެށިގެން އެ ފުރުސަތު މެދުކަނޑާލައިފައި އޮތީ އެ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ކަމަށް އެސްޑީއެފްސީން އޭރު ބުނެފައިވެ އެވެ.










