މުމްބާއީ، އިންޑިއާ - (އޭޕްރިލް 9) މެޗުގެ އެންމެ ފަހު އޯވަރުތަކުގައި ދެއްކި މޮޅު ކުޅުމާ އެކު އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ގުޖުރާތު ޓައިޓަންސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް މޮޅުވެއްޖެ އެވެ.
ގުޖުރާތު އާއި ލަކްނޯ މޮޅާ އެކު އެކު މި ދެ ޓީމު ވަނީ ތާވަލްގެ ކުރިއަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ ގުޖުރާތު ތާވަލްގެ ދެ ވަނަ އަށް ޖެހިލިއިރު، އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ލަކްނޯ ވަނީ ތިން ވަނަ އަށް އަރައިފަ އެވެ. މި ދެ ޓީމަކީ އައިޕީއެލްގެ ތާރީޚުގައި އަލަށް ވާދަކުރާ ދެ ޓީމެވެ.
މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް ގުޖުރާތު އެންމެ ފަހުން ކުޅުނު މެޗުން މޮޅުވީ ޕަންޖާބު ކިންގްސް އާ ވާދަކޮށް ހަ ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ނިންމީ ފީލްޑިން ކުރާށެވެ.
ޕަންޖާބު ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހެދި އެވެ. އޯވަރެއްގައި އެވަރެޖްކޮށް އެ ޓީމުން ދިހަ ލަނޑު ހެދިއިރު، މިއީ ވާދަވެރި މެޗަކަށް ބަލާނަމަ ވަރަށް ރަނގަޅު ސްކޯ އެކެވެ. ޕަންޖާބު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 27 ބޯޅައިން 64 ލަނޑު ހެދި އޯލްރައުންޑަރު ލިއަމް ލިވިންސްޓޯން އެވެ. މި އިނިންގްސްގައި ގުޖުރާތުގެ ސްޕިން ބޯލަރު، ރާޝިދު ޚާން ހަތަރު އޯވަރުގައި 22 ލަނޑަށް 3 ވިކެޓު ނެގި އެވެ. މީގެ އިތުރުން ދަރުޝަން ނަލްކަންޑޭ 3 އޯވަރުގައި 37 ލަނޑަށް 2 ވިކެޓު ނެގި އެވެ.
ގުޖުރާތުން ޖަވާބުގައި ކުޅެން އަރައި މެޗުގެ ކުރީކޮޅު ވިކެޓުތަކެއް ގެއްލުވާ ނުލައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. މިގޮތުން އުއްމީދީ ބެޓްސްމަން ޝުބަމް ގިލް 59 ބޯޅައިން 96 ލަނޑު ހެދި އެވެ. އަދި 19 ވަނަ އޯވަރުގައި ޝުބަމް ނުބައިވިއިރު، 20 ވަނަ އޯވަރުގެ ފުރަތަމަ ބޯޅައިން ކެޕްޓަން ހަރްޑިކް ޕާންޑިޔާ ނުބައިވުމާ އެކު މި މެޗުން އެ ޓީމް ބަލިވެދާނެކަމަށް ބެލެވުނެވެ. ފަހު ދެ ބޯޅަ އުކަން އޮތްއިރު ގުޖުރާތު މެޗުން މޮޅުވާން 12 ލަނޑު ބޭނުންވި އެވެ. ގިނަ ބަޔަކު ހައިރާންކޮށްލައި މި މުބާރާތުގެ އެންމެ ފޯރިގަދަ ވަގުތުކޮޅުގައި އޯލްރައުންޑަރު ރަހުލް ތެވާތިއާ ވަނީ ފަހު ދެ ބޯޅަ ވެސް ހަޔަކަށް ޖަހައި މެޗުން ގުޖުރާތު މޮޅުކޮށްދީފަ އެވެ.
ލަންކޯ ސުޕާ ޖަޔަންޓްސް އާއި ޑެލީ ކެޕިޓަލްސް ވާދަކުރި މެޗުގައިވެސް ފެނުނީ ފަހު ދެ އޯވަރުގެ ޖާދުލެކެވެ. ލަކްނޯ މި މެޗުން މޮޅުވީ ބާކީ އެންމެ ދެ ބޯޅަ އުކަން އޮއްވާ ހަ ވިކެޓުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ލަކްނޯ އިން ނިންމީ ޑެލީ އަށް ފުރަތަމަ ބެޓްކުރަން ފުރުސަތު ދޭށެވެ. ޑެލީ ޓީމުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 149 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 61 ލަނޑު ހެދި ޕްރިތުވީ ޝާ އާއި ނުބައިނުވެ، 36 ބޯޅައިން 39 ލަނޑު ހެދި ކެޕްޓަން ރިޝަބް ޕާންޓްގެ އިތުރުން ނުބައިނުވެ 28 ބޯޅައިން 36 ލަނޑު ހެދި ސަރްފަރާޒް ޚާން އެވެ.
ޖަވާބުގައި ލަކްނޯ ކުޅެ އަރައި އެންމެ ފަހު ދެ އޯވަރުގައި މެޗު އަންބުރާލި އެވެ. ފަހު ދެ އޯވަރަށް ދިޔައިރު އެ ޓީމަށް ބޭނުންވަނީ 19 ލަނޑެވެ. އެ ގޮތުން 19 ވަނަ އޯވަރުގައި އެކަނި 14 ލަނޑު ހަދައި ލަކްނޯއިން ފަހު އޯވަރަށް ދިޔައިރު އިތުބާރު ހޯދި އެވެ. ނަމަވެސް ފަހު އޯވަރުގެ ފުރަތަމަ ބޯޅައިން ދީޕަކް ހޫޑާ ނައިބެ ޕްރެޝަރަށް ދިޔަ އެވެ. ދެން ކުޅެން ނުކުތީ ޒުވާން އަޔުޝް ބަޑޯނީ އެވެ. އޭނާ ކުރިމަތިލި ފުރަތަމަ ބޯޅައިން ލަނޑެއް ނުހެދުނު ނަމަވެސް ޖެހިގެން އައި ދެ ބޯޅައިގެ ތެރެއިން ފުރަތަމަ ބޯޅަ ހަތަރަކަށް އަދި ދެ ވަނަ ބޯޅަ ހަޔަކަށް ޖަހައި އަޔުޝް ވަނީ ލަކްނޯ މޮޅުކޮށްދީފަ އެވެ.
މި އިނިންގްސްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުއިންޓޮން ޑި ކޮކް އެވެ. އޭނާ ވަނީ 52 ބޯޅައިން 80 ލަނޑު ހަދައިފަ އެވެ.
މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. މެންދުުރު ފަހު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއި ސުޕަ ކިންގްސް ނުކުންނާނީ ސަންރައިޒާސް ހައިދްރަބާދާއި ދެކޮޅަށެވެ. މިރޭ ކުޅޭ މެޗުގައި މުމްބާއި އިންޑިއަންސް ނުކުންނާނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި ދެކޮޅަށެވެ.












