މި ހިނގާ ރޯދަ މަހު ބައެއް ވަގުތު ތަކުގައި މާލޭގެ މަގުތައް އިންތިހާއަށް ބާރުބޮޑުވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދައި ދިނުމަށް މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ވަކި ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށެވެ.
ނަމަވެސް، ހަވީރު 4:30 އާއި ރޭގަނޑު 8:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
މާލޭގެ އިތުރުން ސިނަމާލެ ބުރިޖުން ވެސް ވިޔަފާރި މުދާ އުފުލޭނެ ހާއްސަ ގަޑިތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
މިގޮތުން، ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އަދި މި އިއުލާނާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.













