މެންޗެސްޓާ (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން ލެސްޓާ ސިޓީން އެއްވަރުކުރި މެޗުގައި އެ ޓީމުގެ ޒުވާން ޑިފެންޑަރު ވެސްލީ ފޮފާނާ މުޅި ދުވަހު ރޯދަ ހިފައިގެން ހުރެ ދެއްކި މޮޅު ކުޅުމަށް ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ތައުުރީފުކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން ފްރާންސްގެ ސެއިން އެޓިއެން އަށް 40 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު ލެސްޓާ އިން ފޮފާނާގެ ސޮއި ހޯދީ ހުނަރުވެރި މޮޅު ކުޅުންތެެރިއަކަށް ވާނެ ކަމުގެ ޔަގީންކަމާ އެކު އެވެ.
ލެސްޓާ އިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ސައުތެމްޓަނާ ބައްދަލުކުރި މެޗުގައި ފޮފާނާ 90 މިނިޓް ކުޅުނެވެ. އެ މެޗަށް ފޮފާނާ ނުކުތީ ރޯދަ ވިއްލިތާ 15 މިނިޓް ފަހުންނެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާ އެކު ލެސްޓާ ކުޅުނު މެޗުގެ 60 ވަނަ މިނިޓްގައި ފޮފާނާ ބަދަލުކުރީ އޭނާ ރޯދަ ވިއްލަން ވަގުތު ދޭށެވެ.
މިދިޔަ އަހަރު އޮގަސްޓް މަހުގައި ޕްރީ ސީޒަން ތެރެއިން ފައިބިންދައިގެން ދިޔަ ފަހުން، އުމުރުން 21 އަހަރުގެ ފޮފާނާ ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައީ ފްރާންސްގެ ރެނެސް އަތުން އެގްރިގޭޓުން ލެސްޓާ މޮޅުވެ، ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗުގަ އެވެ. މިދިޔަ މަހު 17 ވަނަ ދުވަހު ކުޅުނު އެ މެޗުގައި ލެސްޓާގެ ހަމައެކަނި ގޯލު ޖެހީ ވެސް ފޮފާނާ އެވެ.
ބޮޑު އަނިޔާއިން އެނބުރި އައިސް ފޮފާނާ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗަކީ ރާއްޖެ ގަޑިން ރޭ ޔުނައިޓެޑް އަތުން ލެސްޓާ ޕޮއިންޓެއް ހޯދި މެޗުގަ އެވެ. މި މެޗުގެ 90 މިނިޓް އެއްކޮށް ކުޅުނުއިރު، ފޮފާނާ ހުރީ އިއްޔެ ރޯދަ ހިފައިގެންނެވެ. ރޯދަ ވިއްލާ ވަގުތު ޖެހުނީ މެޗަށް ފަހު އެވެ.
މެޗަށް ފަހު ރޮޖާސް ބުނީ ރޯދަ ހިފައިގެން ހުރެ، ފޮފާނާ ދެއްކީ މޮޅު ކުޅުމެއް ކަމަށާއި އެ ފެންވަރުގެ ކުޅުމެއް ދެއްކުމުން ފޮފާނާގެ ހަގީގީ ފެންވަރު ވަޒަންކޮށްލެވޭނެ ކަމަށެވެ. މީގެ ކުރިން ވެސް ރޮޖާސް ވަނީ އެކި ފޯރަމްތަކުގައި ފޮފާނާ އަށް ތައުރީފުކޮށްފަ އެވެ.
ރޭ ޔުނައިޓެޑްގެ އެޓޭކިން ކުޅުންތެރިން ހުއްޓުވުމުގެ އިތުރުން ފޮފާނާ ވަނީ ގޯލެއް ޖެހުމާ ވެސް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން މެޗުގެ ދެ ވަނަ ހާފުގައި ލެސްޓާ އިން ދެ ވަނަ ފަހަރަށް ލީޑުނަގަން ކުރި މަސައްކަތުގައި ޖޭމްސް މެޑިސަން ނެގި ހިލޭ ޖެހުމަކުން ފޮފާނާ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.












