ދުނިޔޭގެ މަޝްހޫރު ކުޅިވަރު ތަރިން ގައުމުދެކެ ވާ ލޯބި ދެއްކުމަށް ގިނަ ކަންތައްތަކެއް ކުރެ އެވެ. ގައުމީ ދިދަ އަށް ބޮސްދިނުމާއި، ގައުމީ ކުލަތަކުގެ ޖާޒީ ބޭނުންކުރުމުގެ އިތުރުން އަޑު ހަރުކޮށް ގައުމީ ސަލާން ކިިޔުން ފަދަ ކަންކަން ފާހަގަކޮށްލެވެ އެވެ. މިއީ ބައެއް ގައުމުތަކުގައި ޅަ އުމުރުގައި ވެސް ފަރިތަކުރުވަމުން އަންނަ ކަންތައްތަކެކެވެ. ޔަގީނުން ވެސް މި ހުރިހާ ކަމެއް ވެސް ކުރެވެނީ ވަރުގަދަ ގައުމިއްޔަތަކާއި ލޯތްބެއް ހިތުގައި އޮންނާތީ އެވެ.
ގައުމު ތަމްސީލުކުރުމަކީ ކުޅިވަރު ކުޅޭ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފަށް ވާ ހިނދު، މި ޝަރަފް ހޯދުމަށް އެތައް ބުރަ މަަސައްކަތެއް ކުރެ އެވެ. އެތަށް ގުރުބާނީ އެއް ވެ އެވެ. އެތަށް މަރުހަލާތަކެއް ކަޑައްތު ކުރެ އެވެ. ގައުމީ ޓީމަށް ހޮވުމަށް ފަހު ގައުމަށްޓަކައި ކުޅުމުގެ ޖޯޝާއި ފޯރި ފެނުމަކީ އެކަމުން ކާމިޔާބީ ހޯދަން ލިބޭ އިތުރު ބާރަކަށް ވެދެ އެވެ. ޒުވާން އުމުރުން ފެށިގެން ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމަށް ޓަކައި މަސައްކަތްކުރެވެނީ މިހެންވެގެންނެވެ.
ރާއްޖޭގައި އެކި ކުޅީވަރުތަކުގައި މިވަގުތު އުއްމީދީ ޒުވާން ތަރިން ގިނަ އެވެ. މި ޒުވާން ކުޅުންތެރިންގެ ހިތްތަކުގައި ގައުމަށް އޮތް ލޯބި ފެނިފައި އާޝޯހު ނުވާނީ މަދު ބައެކެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުތައް ތަމްސީލްކޮށް ކުޅިވަރުގެ އެންމެ އުހުގައި ފައިތިލަ ސާބިތުކުރަމުން އަންނަނީ ވަރުގަދަ ގައުމީ ޖޯޝަކާ އެކުގަ އެވެ. ދާދިފަހުން ރާއްޖޭގެ އަންހެން އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހޯދައި، މި ވަގުތު އެ މަގާމުގައި ހުރި އުމުރުން އެންމެ 11 އަހަރުގެ ނަބާ ނިޝާން މި ދައްކައިދެނީ ވެސް ގައުމީ ލޯބީގެ ވަރުގަދަ މިސާލެކެވެ.
"އެހެން ކުދިންނާއި ހިލާފަށް މެޗުން ޕޮއިންޓެއް ލިބުނީމަ ނޫނީ މޮޅުވީމަ ނަބާ އަޑުބާރުކޮށް ގޮވާލާނެ "ސާބަހޭ" ކިޔާފައި. އަދި އެންމެ ފުރަތަމަވެސް ޖާޒީގެ މޭމަތީގައި އޮންނަ ދިދައިގައި އައްޖައްސާލާނީ" މިއީ ނަބާގެ ގައުމީ ލޯބީ ސިފަަކުރަމުން އޭނާގެ މަންމަ ނަޒްމާ ހަމީދު ދެއްކި މިސާލެކެވެ.
ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑު ހޯދި ނަބާ އެހެން ކުދިންނާއި ތަފާތޭ ބުނާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ޑރ. ނަޒްމާ ފާހަގަކުރާ ގޮތުގައި ނަބާގެ ގައުމީ ލޯބި ފެނިފައި އޭނާވެސް ބައެއް ފަހަރު އާޝޯ ހުވެ އެވެ. އެ އުމުރުގައި އެވަރުގެ އަސަރުގަދަ، ގައުމިއްޔަތު ހިމެނޭ ވާހަކަތައް ދައްކާތީ އެވެ.
"މެޗެއް ވިޔަސް، ޕްރެކްޓިސް އެއް ވިޔަސް ގައުމީ ދިދަ ނުޖަހާ ޖާޒީ އެއް އޭނާ ނުލާނެ. ނަބާ އަތުގައި ހުންނަ ހުރިހާ ޖާޒީއެއްގައި ރާއްޖޭގެ ނަން ޖަހާފައި ހުންނާނީ. އަމިއްލަ އަށް ނަބާ ބޭނުންވެގެން އަޅުގަނޑުމެން ގާތު ބުނެގެން ކުރި ކަމެއް އެއީ،" ރާއްޖޭގެ ގައުމީ ޓެނިސް ޗެމްޕިއަންގެ މަންމަ ބުންޏެވެ.
ގައުމީ މުބާރާތުގެ ތައްޓަށް ފަހު ޓެނިހުން ކުރިއަށްދާން ނަބާ ބޭނުންވާތީ އޭޑީކޭ ހޮސްޕިޓަލުގައި އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށް ނަބާގެ މަންމަ ޑރ. ނަޒްމާ ވަނީ އިންޑިއާގެ ބެންގަލޫރަށް ދިރިއުޅުން ބަދަލު ކޮށްފަ އެވެ.

މާލޭގެ ޓެނިސް ކޯޓުގައި ނަބާ މެޗެއްގެ ތެރެއިން.
ބެންގަލޫރުގެ މަޝްހޫރު ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑެމީގައި ނަބާ ތަމްރީން ހަދަމުން އަންނައިރު އޭނާގެ ކިޔެވުމުގެ ކަންކަންވެސް ބަލަހައްޓަމުންދަނީ ވަރަށް "ބެލެންސްކޮށް" ކަމަށް ޑރ.ނަޒްމާ ފާހަގަކުރި އެވެ.
ދުވާލު ދެ އިރު ތަމްރީން ހެދި ކަމުގައިވިޔަސް ކިޔެވުމަށް ވެސް ނަބާ ބޮޑު އިސްކަމެއްދޭ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފަ އެވެ. ބެންގަލޫރަށް ބަދަލުވުމުގެ ކުރިން މާލޭގައި ކިޔެވި ދުވަސްވަރު ވެސް ކުލާހުން އެންމެ މަތީ މާކްސް ހޯދާ ކުދިންގެ ތެރޭގައި ނަބާ ހިމެނެ އެވެ. އަދި އިތުރު ހަރަކާތްތަކުން ވެސް ނަބާ ފަހަތަށް ޖައްސައިލެވެނީ މަދު ފަހަރަކު އެވެ. ކުޅިވަރާއި ކިޔެވުން އެއްކޮށް ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއްކަން ސާބިތުކޮށްދޭ ދިވެހި ކުޅުންތެރިންގެ ލިސްޓުގައި މި ވަގުތު ވެސް ނަބާގެ ނަން އޮންނާނެ އެވެ.
"ވަރަށް ފަޚުރުވެރިވޭ ނަބާ ގައުމުދެކެ ވާ ލޯބި ފެނިފައި. އޭނާގެ ކިޔަވާ މޭޒުގައި ހުންނަ ތަކެތީގެ ތެރޭއިން އެންމެ ރީތިކޮށް ފަރުވާތެރިކަމާ އެކު ގެންގުޅޭނީ ގައުމީ ދިދަ. އަދި ނިދާ އެނދާ ދިމާލު ފާރުގައި ވެސް ބޮޑު ދިދައެއް އޮންނާނެ ދަމާފައި." ބައިގަރުނުވީ ރާއްޖޭގެ ގައުމީ ޓެނިސް މުބާރާތުގެ ތާރީހުގައި ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ ނަބާގެ މަންމަ ބުންޏެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ޕޭސް ސްޕޯޓްސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށް ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ، ނަބާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ނަބާ އަކީ ރާއްޖޭގެ އެންމެ ފަހުގެ ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންގެ އިތުރުން ޖޫނިއާ ބައިންނާއި ޑަބަލްސް ބައިގެ ޗެމްޕިއަންކަން ވެސް ނަބާ ހޯދި އެވެ.
ނަބާގެ އެންމެ ބޮޑު އެއް އުންމީދަކީ ޓެނިހުން ބައިނަލްއަގްވާމީ މެޑަލްއެއް ރާއްޖެ އަށް ހޯދައިދިނުމުވެ. އެ ގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދުމަށް އޭނާ ހުރީ ވަރުގަދަ އަޒުމެއްގައި ކުރިއަށް ދިއުމަށް އަމާޒުހިފައިގެންނެވެ. އާއިލާގެ ސަޕޯޓް އޮތުމަކީ މި ދަތުރުގައި އޭނާ އަށް ބޭނުންހިފޭނެ ބޮޑު ހިތްވަރެކެވެ.

ނަބާ ރާއްޖޭގައި ކުޅުނު މެޗެއްގެ ތެރެއިން.-
އިންޑިއާގެ ބެންގަލޫރުގައި ހަދަމުން އަންނަ ތަމްރީންތަކުގެ ތެރެއިން އެ ސިޓީގެ ޕޭސް ސްޕޯޓްސް އެކަޑެމީގެ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ނަބާ ހޯދިއިރު، މިއީ މިދިޔަ އަހަރުގެ ގައުމީ މުބާރާތަށް ފަހު ނަބާ ކުޅުނު ފުރަތަމަ މުބާރާތެވެ. އެހެންކަމުން ނަބާގެ ކެރިއަރުގެ ދުވެލި ހުރީ ރަނގަޅު މިސްރާބެއްގައިކަން ސާފެވެ.
"ފައިނަލް މެޗުން މޮޅުވި ޕޮއިންޓަށް ނަބާ ސާބަހޭ ކިޔާފައި ގޮވީމަ، އެތަނުގައި ތިބި އިންޑިއާގެ ބައެއް ބެލެނިވެރިން އަޅުގަނޑު ގާތު އެހި ނަބާ އެބުނީ ކީކޭ ހެއްޔޭ؟" ގައުމީ ބަހަށް ނަބާ ދޭ އަހަމިއްޔަތު ކިޔައިދެމުން ޑރ. ނަޒްމާ ބުންޏެވެ.
ޑރ. ނަޒްމާ ބުނީ ނަބާ ބޭނުން ވަނީ މީހުންނަށް ދިވެހި ރާއްޖޭގެ ވާހަކަތަކާއި ދިވެހި ބަސް ވެސް އެނގޭށެވެ. ނަބާގެ ބެލެނިވެރިންގެ ގޮތުގައި މީހުންނަށް އޭނާ އެނގުމަކީ މަންމައެއްގެ ގޮތުގައި އެންމެ ބޮޑު ޝަރަފަކާއި ފަޚުރެއް ލިބޭކަމެއްގެ ގޮތުގައި ޑރ. ނަޒްމާ ވަނީ ބުނެފަ އެވެ.
ގައުމު ދެކެ ލޯބިވުން ނުވަތަ ވަތަން ދެކެ ލޯބިވުން ނަބާ އެ ދައްކައިދެނީ މިސާލުތަކާ އެކުގަ އެވެ. އޭނާގެ ކިބައިން އެ އިވެނީ ގައުމިއްޔަތުގެ ހަންހާރަވެތިކަމާއި ޙުއްބުލްވަޠަނުގެ ސިފަތަކުން ޖަރީވެފައިވާ ކޮންމެ ހިތަކުން ޖަހާ ވިންދުން އިއްވާ ގައުމީ އަޑެވެ. ހަގީގީ ގައުމީ ބަތަލެއްގެ ޖޯޝާއި ފޯރީގައި އޭނާ އެ ހުރީ ގައުމަށް ރީތި ނަމާއި ފަހުރު ހޯދައިދޭން ތައްޔާރަށެވެ. މިއީ ނަބާގެ ކެރިއަރުގައި އެންމެން ވެސް އޭނާ އަށް ސަޕޯޓް ދޭންވީ ވަގުތެވެ.












