މިދިޔަ އަހަރުގެ މޭ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކާއި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމުގެ މައްޗަށް ކުރާ ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރި ކަމުގެ ދައުވާގައި ހެކި ހާމަކުރުމުގެ މަރުހަލާގެ އަޑުއެހުންތައް މިއަދު ފަށައިފި އެވެ.
ކްރިމިނަލް ކޯޓުން އޮތީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފަ އެވެ. އެހެންކަމުން މިއަދު އޮތީ ދެ ފަރާތުން ވެސް ހުށަހަޅާފައި ހެކިތައް ހާމަކޮށް ހެކި ވަޒަން ކުރުމުގެ މަރުހަލާ އެވެ.
އެގޮތުން، ދައުލަތުން ވަނީ ސިއްރު ހެކިންތަކެއް އެ މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފަ އެވެ. އަދި، ދިފާއުގައި އަބްދުﷲ އަލި މަނިކާއި ތަސްލީމުގެ ފަރާތުން ވަނީ ޖުމްލަ 12 ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ޝަފަހީ ހެއްކާއި ކިތާބީ ހެކި ހިމެނެ އެވެ. އަބްދުﷲ އަލިމަނިކުގެ ފަރާތުން ހަތަރު ޝަފަހީ ހެކި ހުށަހެޅި އެވެ. އަދި، ތަސްލީމުގެ ފަރާތުން އަށް ހެއްކެއް ހުށަހެޅި އެވެ.
ދިފާއުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އަލިމަނިކާއި ތަސްލީމުގެ މިޒާޖާއި އުޅުން ކިޔައިދިނުމުގެ ބޭނުމުގައި ހުށަހެޅި ހެކިތަކެއް ހިމެނެ އެވެ. އެ ހެކިތައް ހުށަހެޅުމުގެ ބޭނުމަކީ މައްސަލައިން ބަރީއަވުމަށްޓަކައި ތަސްލީމާއި އަލިމަނިކަކީ ދައުވާގައި ބަޔާންކުރާ ފަދަ ކުށެއް ނުކުރާނެ ބައެއްކަން ކެރެކްޓާ ވިޓްނެސްއެއްގެ ގޮތުގައި އެހެން މީހެއްގެ ބަޔާނުން ކިޔައި ދިނުމެވެ.
އެ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ސިއްރު ހެކިންގެ އިތުރުން މީގެ ކުރިން އޮތް އަޑުއެހުމެއްގައި ފޮރިންސިކް ރިޕޯޓަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފަ އެވެ. އަދި ވީޑިއޯތަކެއް ތަހުގީގަށް ހޯދިފައިވާތީ އެ ތަކެތި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ތަސްލީމުގެ ވަކީލު އަހުމަދު ޔާމީން އަދި އަލިމަނިކުގެ ވަކީލު އިބްރާހިމް ރަމީޒް ވެސް ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކަކާއި ފަރަގުތަކެއް ހުރި ކަމަށާއި އަދި ދައުވާ ސާބިތުކުރެވޭ ފަދަ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް މިއަދު ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އަލިމަނިކު ވަނީ އޭނާ އާއި ތަސްލީމު ބަންދުގައި ބަހައްޓާފައި ހުންނަ މާފުށީ ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ އުފުލައިފަ އެވެ.
އެ ޝަކުވާތަކަށް ރިއާޔަތްކުރައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދައުލަތުގެ މައްޗަށް އެއީ ހަގީގަތެއް ހުރި ޝަކުވާތަކެއްތޯ ކަށަވަރުކުރުމަށް އަންގަވާފަ އެވެ. އަދި، ދިފާއީ ވަކީލުންގެ މައްޗަށް ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރަން އޮންނަ ގޮތަށް އަމަލުކުރަން އިލްތިމާސް ކުރައްވާފަ އެވެ.
ގާޒީ އަލީ އާދަމް ވަނީ މި މައްސަލަ ކުރިއަށް ދާނެ ގޮތުގެ ތާވަލެއް މިއަދު ކަނޑައަޅުއްވާފަ އެވެ. އެ ތާވަލަށް ބަލާއިރު ހުލާސާ ބަޔާން އިއްވައި މައްސަލަ ސާބިތުވުމާ މެދު ގޮތެއް ނިންމާނީ ސެޕްޓެމްބަރު 20 ގެ 10:00 ގައި އޮންނަ އަޑުއެހުމެއްގަ އެވެ.
މައްސަލައިގެ ތާވަލު:
މޭ 26: 11:00 ގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެެއްކުން
- ޖޫން 15: 9:00 ގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން
- ޖުލައި 18: 10:00 ގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން
- އޯގަސްޓު 2: 10:00 ގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން
- އޯގަސްޓު 21: 10:00 ގައި ހުލާސާ ބަޔާން އިއްވުން
- ސެޕްޓެމްބަރު 20: 10:00 ގައި މައްސަލަ ސާބިތުވުމާމެދު ގޮތެއް ނިންމުން
ގާޒީ އަލީ އާދަމް ކަނޑައެޅުއްވި ތާވަލާ އެއްގޮތަށް އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދައުލަތާއި ތަސްލީމުގެ ވަކީލުން އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އަލިމަނިކުގެ ވަކީލު ރަމީޒު ވަނީ އެ ތާވަލާ ދޭތެރޭ މިވަގުތު އެއްޗެކޭ ބުނަން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. ޖަވާބުގައި ގާޒީ އަލީ އާދަމް ވަނީ އިއުތިރާޒެއް އޮތް ނަމަ ދުރާލައި ކޯޓަށް އެންގުމަށާއި ކުރިން އަމުރު ފޮނުވާ ކޯޓަކަށް އިސްކަން ދިނުމަށް ނަސޭހަތްތެރިވެފަ އެވެ.













