ރިޕޯޓުޚުލާސާކޮށް މަޖިލިސް: ހާޒިރީ ދަށް، ކުރު ޖަލްސާއެއް!

ޚުލާސާކޮށް މަޖިލިސް: ހާޒިރީ ދަށް، ކުރު ޖަލްސާއެއް!

ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހަޅާފައިވާ ގިނަ ބިލުތައް ކޮމިޓީ މަރުހަލާގައި ހުރުމުން ތަޅުމުގައި ބަހުސްކުރުމުގެ އެޖެންޑާގައި އޮތީ މަދު ކަންތައްތަކެއް. ވަޑައިގެންނެވި މެމްބަރުންގެ އަދަދާއި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން ޖަލްސާ ކުރުކޮށްލި.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިއަދުގެ ޖަލްސާ ވަަރަށް ކުރު.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިއަދުގެ ޖަލްސާ ވަަރަށް ކުރު.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަދަދާއި ބިލުތަކާއި މައްސަލަތަކަށް ކުރާ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަދަދު މަދުވަމުން އައިސް މިއަދަކީ މިއަހަރުގެ ފުރަތަަމަ ދައުރުގައި ބޭއްވި ގިނަ ޖަަލްސާތަކާ އަޅައި ބަލާއިރު ވަރަށް ކުރު ޖަލްސާއެއް ބޭއްވި ދުވަހެކެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ވެސް މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން މަދުވަމުން އައިސް އިއްޔެގެ ޖަލްސާ ފެށި އިރު ތިއްބެވީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އެންމެ 27 މެމްބަރުންނެވެ. މިއަދު އެއަށް ވުރެ ކުޑަތަންކޮޅެއް އަދަދު އިތުރުވި ނަމަވެސް މިއަދުވެސް ވަޑައިގެންނެވީ އެންމެ 30 މެމްބަރުންނެވެ.

މިއަދުގެ އެޖެންޑާގައި މައިގަނޑު ތިންކަމެއް އޮތް އިރު އޭގެ ތެރޭގައި އޮތީ މިހަފްތާގެ އަނެއް ދެ ޖަލްސާގައި ވެސް ބަހުސްކޮށްފައިވާ، ބިލެއް އެކަންޏެވެ. އެއީ ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލުގެ ބަހުސެވެ.

އެޖެންޑާގައި އޮތް އަނެއް ކަމަކީ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާ ސުވާލުކުރެއްވުމާ ގުޅުން ހުރި ސުވާލުތައް އެހެން މެމްބަރުން ކުރެއްވުމެވެ. ސައީދު ހިމެނޭ ގޮތުން މިނިސްޓަރު މަހްލޫފާ މިއަދު ސުވާލުކުރެއްވީ އެންމެ ނުވަ މެމްބަރުންނެވެ.

ދެވަނަ ކަމަކަށް އޮތީ ލިއުމުން ޖަވާބު ހޯއްދަވާ ގޮތަށް ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު އަބްދުﷲ ރިޔާޒް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ކުރެެއްވި ސުވާލެއްގެ ޖަވާބު އިއްވުމެވެ.

ފިޝަރީޒް މިނިސްޓަރާ އޭނާ ކުރެއްވި ސުވާލަކީ މަސްފެކްޓްރީއެއް ހިންގަން ދޫކޮށްފައިވާ ފުނައްޑުއާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ މި ސުވާލެވެ. އެ ސުވާލަށް ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުންފުނި މިފްކޯއަށް ފުނައްޑޫ ގަނެފައިވާ ކަމަށެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 30 މެމްބަރުން
  • ސަލާމުގައި:05 މެމްބަރުން
  • ރަސްމީ ދަތުރުފުޅުތަކުގައި: 04 މެމްބަރުން

ތ. ތިމަރަފުށްޓާ ދާދި ކައިރީގައި އޮންނަ ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް އަޅަން އެރަށް ދޫކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އެރަށުގައި މަސްފެކްޓްރީއެއް ހަދައިގެން ހިންގާތާ އަަހަރުތަކެއް ފަހުން ބޭންކް އޮފް މޯލްޑިވްސްއަށް އެރަށް ނަގައި ވިއްކައިލަން އިއުލާނު ކުރީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. އެރަށާއި އެހެން ބައެއް ތަންތަން ރަހުނުކޮށްގެން ނަގާފައިވާ ލޯނާއި އެލޯނަށް އިތުރުވި އިންޓަރެސްޓާ އެކު ބޭންކަށް ދައްކަން އޭރު 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އޮތެވެ.

ފުނައްޑޫ ވިއްކައިލަން ބީއެމްއެލް އިން ފުރަތަމަ އިއުލާނު ކުރީ 2013 ވަނަ އަހަރު އެވެ. އެފަހަރު ގަންނާނެ ބަޔަކު ނުވެގެން 2014 ވަނަ އަހަރު ދެވަނަ ފަހަރަށް ވެސް އިއުލާނު ކުރި އެވެ.

އެ ޖަވާބަށް ފަހު ކުންފުނީގެ ބިލަށް މަދު މެމްބަރުން ކުރެއްވި ބަހުސަށް ފަހު މިއަދުގެ ޖަލްސާ ނިންމައިލީ ގަޑިއެއްހާއިރުގެ ތެރޭގަ އެވެ. ވޯޓަށް އަހާ ހިސާބަށް މަސައްކަތް ގެންދެވިފައިވާ ކަމެއް މިއަދުގެ ޖަލްސާގައި ނެތުމުން ވޯޓް ގަޑިއެއް ވެސް މިއަދު ނެތެވެ. އެހެން ނަމަވެސް މަޖިލީހުގެ ކޮމިޓީގެ މަސައްކަތްތައް އޭގެ ފަހުން ވެސް ކުރިއަށް ދިޔަ އެވެ.

ދުވަހުގެ ފޮޓޯ

މިަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންތަކެއް މަޝްވަރާއެއް ކުރައްވަނީ
މިަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންތަކެއް މަޝްވަރާއެއް ކުރައްވަނީ

މިަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންތަކެއް މަޝްވަރާއެއް ކުރައްވަނީ

ދުވަހުގެ ކޯޓޭޝަން

ފުޓްސަލް އޭ ކިޔާފައި އަޅުގަނޑުމެން ހަދައިގެން މިތިބީ މިނީ ފުޓްބޯޅަ ޕިޗްތަކެއް. އެތަަނަށް އަރައި ފުޓްސަލްގެ ގަވައިދާ އެއްގޮތަށް މިކުޅެވެނީ ހަގީގަތުގައި އެހެން އެއްޗެއް-- ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox