ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އިއްޔެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގަ ބޮމެއް ހަރުކޮށްގެން ދިން ހަމަލާގެ މައްސަލައިގައި އިއްޔެ ކުރިއަށް ގެންދިޔައީ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދުގެ އިތުރުން އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.
ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، އެ ތިން ގާޒީންގެ އިންތިފާގުން އިއްޔެ ނިންމެވީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އިސްހާގާއި ތަސްލީމަކީ އެ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ.
އެ ތުހުމަތުތަކާއި ގުޅިގެން އުފުލި ދައުވާތަކަށް އެ އެންމެންވެސް އިންކާރު ކުރެ އެވެ. ނަމަވެސް ދައުލަތުން މި މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކުތަކެއް ހުށަހެޅުމުގެ އިތުރުން، ގާތްގަނޑަކަށް 100 ސޮފްހާގެ މައްޗަށް އެކުލެވޭ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.
އިބްތިދާއީ މަރުހަލާ ނިންމާލުމަށްފަހު، ޝަރީއަތުގެ މަރުހަލާ ފެށުމަށްޓަކައި ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް 15 ދުވަހުގެ ފުރުސަތެއް ދައުވާ ލިބޭ މީހުންނަށް އިއްޔެ ދީފަ އެވެ. ނަމަވެސް، ޝަރީއަތުގެ މަރުހަލާގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ތާރީހެއް ވިދާޅުނުވެ އެވެ.
ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އެ އެންމެންވެސް ވަނީ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އެންމެ މީހަކަށް ކުރި ދައުވާތަކުގަ އެވެ. އެއީ, ރިމޯޓް ބޭނުން ކޮށްގެން ބޮން ގޮއްވާލި އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ބެލެވިގެން އައްޑޫއިން އިއްޔެ ހައްޔަރު ކުރި ހަ މީހަކު ހަތް ދުވަހަށް ބަންދު ކުރުމަށް ސ. ހިތަދޫ ކޯޓުން އަމުރުކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރު އިސްލާމިކް މިނިސްޓްރީން އެކުލަވާލައި އާންމުކުރީ އިއްޔެ އެވެ.
- ރަސްމީކޮށް ނުހުޅުވި ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރުމަށް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފަރާތްތައް ތަހުގީގީ އިދާރާތަކުގައި ތިިބޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަން ދޮގުކުރެއްވުން އެއީ އިތުރުފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހާމަކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ:
"މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމާ މިކަހަލަ ބޮޑެތި ޖަރީމާތަކުގައި މިކަހަލަ ބޮޑެތި ޖަރީމާތަކުގައި ގަސްދުގައި ގޯސްހަދާ ފުލުހުން މުޅި ދުނިޔޭގައި ވެސް އުޅޭކަން އެނގޭ. އެއީ ދެން ދޮގުނުކުރެވޭނެ ވަރުގެ ވާހަކައެއް،"
ދުވަހުގެ ފޮޓޯ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ކ. ގާފަރު އަދި ޏ. ފުވައްމުލަކު، މާލެގަން ޓީމު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ގާފަރު ކުރި ހޯދުމަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފައިނަލުގައި ގާފަރު ނުކުންނާނީ ތ. ތިމަރަފުއްޓާ ދެކޮޅަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ގްލޯބަލް ވާމިން އެންޑް ސްމޯލް އައިލެންޑު ސްޓޭޓްސް: ދަ ސާޗް ފޯ އެންވަޔަރަމަންޓަލް ސެކިއުރިޓީ"
މިއީ ކެނެޑާގެ ޑާލް ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސް ޑިޕާޓްމެންޓުގެ މާސްޓާސް އޮފް އާޓްސް ކޯހަށް 1995 ވަނަ އަހަރު ދިވެހި ދަރިވަރެއް ކަމަށްވާ އަލީ ޝަމީމު ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ދުނިޔެ ހޫނުވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުން ކުރިމަތިލާން ޖެހޭ އެކި ގޮންޖެހުންތަކަށް އެ ގައުމުތައް އެކުގައި މަސައްކަތް ކޮށްގެން ހައްލު ހޯދިދާނެ ގޮތްތަަކާ ގުޅޭގޮތުން މައުލޫމާތު ގެނެސްދީފަ އެވެ.











