އައްޑޫ ސިޓީގެ އެއްބައިވަންތަކަމާއި ސިޓީގެ ރޫހު ދެމެހެއްޓުމަށް ހަދާފައިވާ 'އައްޑޫ ސްކުއާ' މައިޒާންގެ ބޮޑު ދިދަ ދަށުގައި ހުންނަވައި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވީ އެމަނިކުފާނަށް އެ ސިޓީ ހާއްސަ ކަމާއި ސިޓީގެ ތަރައްގީގެ މުހިންމު ކަމެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވަން, އައްޑޫ ސިޓީ ތަރައްގީ ނުވެ ރާއްޖެ ތަރައްގީއެއް ނުވާނެ, އެއީ ހަގީގަތް, އެ ހަގީގަތުގެ މައްޗަށް ބުރަވެ އަޅުގަނޑުމެން ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ," ރައީސް ސޯލިހު ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުުޅުގައި މި ސިޓީގެ ރައްޔިތުންނަށް އެމަނިކުފާނުގެ ދެކަނބަލުން ވަނީ ހާއްސަ މާހެފުމެއް ބާއްވާފަ އެވެ. އައްޑޫގެ ޝަރަފުވެރި މި މައިދާނުގައި އެކުވެރިކަމާއި ރަށުވަންތަކަމާއެކު, އައްޑޫގެ ރައްޔިތުން ތިބީ ރައީސްގެ އުއްމީދީ ހަބަރުތަކުގެ އިންތިޒާރުގަ އެވެ.
ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން 2018 ގައި ނިންމާލި ޖަލްސާ އައްޑޫ ސިޓީގައި ބޭއްވިއިރު މި ސިޓީ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައި, 'ވައުދުނާމާ' ފޮތެއް އެމަނިކުފާނަށް އެރުވި ކަމަށެވެ. އެ ފޮތުގައި ގިނަ ކަންތައްތަކެއް ރައްޔިތުން ހިމަނާފައިވާއިރު, ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ތަރައްގީ ކުރަމުން ގެންދާނީ އެ ފޮތުގައިވާ ގޮތަށެވެ.
އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.


އައްޑޫ ސްކްއާ ސަރަަހައްދަށް މީހުން އެއްވެ, ރައީސް ވަނީ އުއްމީދީ ހަބަރުތަކެއް ދެއްވާފައި
އައްޑޫ ސިޓީގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކަކީ, ރައްޔިތުންގެ 'ވައުދުނާމާ' ތަންފީޒުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުތައްކަން ރައީސް ފާހަގަ ކުރެއްވި އެވެ. ޖުމްލަ 77 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރައީސް ވަނީ ފައްޓަވާ ދެއްވާފަ އެވެ.
އެއާއެކު, އައްޑޫ ސިޓީގެ 194 ހެކްޓަރު ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނެދަލޭންޑްސްގެ ކުންފުންޏަކާ ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއު ނިމިގެންދާއިރު, ޓޫރިޒަމް ހިންގުމަށް ތިން ރަށް ވެސް އުފައްދާނެ އެވެ. އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާނެ ކަމުގެ ކަންބޮޑުވުންތައް އޮތްކަން އެނގިވަޑައިގަންނަވާ ކަމާއި ނަަމަވެސް, އެއީ ކޮންމެ މަޝްރޫއުއެއްގައި ވެސް ހުންނާނެ ކަންކަމާއި އީއައޭ ރިޕޯޓް ހަދަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއު ގެންދާނީ ތިމާވެއްޓަށް ގެއްލުން އެންމެ ކުޑަވާނެ ގޮތަށް އެ ފިޔަވަޅުތައް އަޅައިގެންނެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު ބިމެއް އިތުރުވެގެން ދާނީ މަރަދޫއަށެވެ. އެ އިތުރުވެގެންދާ ބިމުގައި ބައެއް ހަރަކާތްތައް ހިންގުމަށް އެ އަވަށުގެ ޒުވާނުން މިއަދު ވަނީ ރައީސަށް ހުށަހަޅާފަ އެވެ. ރައީސް މިރޭ ވިދާޅުވި ގޮތުގައި އަލަށް ހިއްކާ ބިން ތަރައްގީ ކުރާއިރު ޒުވާނުން ހުށަހެޅި ކަންކަމަށް ބަލައި, އެ ކަންކަން ފުއްދައިދެއްވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި, އައްޑޫގައި އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ޖެހެ އެވެ. ބިން ހިއްކައި ބަނދަރުތަކާއި އެއާޕޯޓްގެ މަޝްރޫއު ނިމުމުން އިގުތިސޯދީ ހަރަކާތްތައް ފުޅާވެ, ވަޒީފާ އިތުރުވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެ ބިޔަ މަޝްރޫއުތައް ކުރިއަށް ދާއިރު, ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާތަނަށް ވެސް ވަނީ 1.1 ބިލިއަން ރުފިޔާ އައްޑޫއަށް ހަރަދުކޮށްފަ އެވެ.
"1.1 ބިލިއަން ހަރަދުކޮށްފިން. އައްޑޫއަށްޓަކައި, އެއީ ބަޖެޓްގެ ބޮޑު ބައެއް, އެއީ އެކަން ވާން ވެސް ޖެހޭނެ ގޮތް. މަސައްކަތްތައް ގިނަ, އައްޑޫ ބޭނުންވާ ކަންކަން ބައިވަރު އެބަހުރި, މިއީ ބޭކާރު ހަރަދެއް ނޫން. މީގެ ފައިދާ ރައްޔިތުންނަށް ކުރާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ދެން ރައީސް ސޯލިހު ފާހަގަ ކުރެއްވީ އައްޑޫއަށް ކުރިއަށް ރާވާފައި ހުރި މަޝްރޫއުތަކެވެ. އެގޮތުން, ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާ އެހީގައި ވަރަށް އަވަހަށް ބިޑަށްލައި, ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, އެއާޕޯޓްގައި 120 އެނދުގެ ހޮޓަލެއް އަޅައި, އަންނަ އަހަރުގެ މެއި/ޖޫންއަށް އެތަން ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ހޮޓެލްގެ އިތުރުން އައްޑޫގައި ތަރައްގީކޮށްފައި އޮތް, ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ 30 ޕަސެންޓް އޮތް އެ ރިސޯޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.
ރައީސް މިއަދު ހަވީރު ވަނީ ފޭދޫ ސްކޫލަށް ވެސް ވަޑައިގަންނަވާފަ އެވެ. އެ ސްކޫލްގައި ޖާގައިގެ ދަތިކަން އޮތްއިރު, ރައިސް މިރޭ ވިދާޅުވި ގޮތުގައި އެ ސްކޫލް އިތުރަށް ދެން ތަރައްގީ ކުރެވެން ނެތެވެ. އެހެންވެ, އެމަނިކުފާނު ނިންމަވާފައިވަނީ އާ ފޭދޫ ސްކޫލެއް އެޅުމަށް ކަމަށް ވިދާޅުވި އެވެ. އެކަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި, އައްޑޫގެ އިކްއަޓޯރިއަލް ހޮސްޕިޓަލް ވެސް އިތުރަށް ތަރައްގީކޮށް ހިދުމަތް ރަނގަޅު ކުރާނެ އެވެ. މި ދަތުރުފުޅުގައި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާ ބައްދަލުކުރުމުން, އެތަނުގައި ޑޮކްޓަރުންނާއި ނަރުހުން މަދުވެ ރައްޔިތުން އެދޭ ހިދުމަތްތައް ދިނުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަކުރިކަން ރައީސް ހާމަކުރެއްވި އެވެ. އެހެންވެ, ރައީސް މިއަދު ނިންމަވާފައިވަނީ އެ ހޮސްޕިޓަލުން އެދުނު މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށް, އެމްބިއުލާސްގެ ހިދުމަތް ވެސް ރަނގަޅު ކުރާށެވެ.
"...އެ ނޫން ވެސް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަން," 'އައްޑޫ ސްކުއާ' ބޮޑު ދިދައިގެ ދަށުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

ރައީސް އައްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވެސް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ހަތް މަސް ތެރޭ ފެނަކައިން އައްޑޫގައި 47 މެގަވޯޓްގެ ޖަނަރޭޓް ބަހައްޓައި ސެންޓްރަލް ޕަވާހައުސްއެއް އަޅާނެ ކަމަށެވެ. އެއާއެކު, ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ. އޭގެއިތުރުން, ޑްރަގްގެ މައްސަލަ ހައްލު ކުރުމަށް އައްޑޫގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ އަޕްޑޭޓްތަކާއި އުއްމީދީ ގިނަ ވާހަކަތަކަށްފަހު ރައީސް ސޯލިހު އައްޑޫ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ އައްޑޫ މަތިން އެމަނިކުފާނު ހަނދާން ނުނެތޭނެ ކަމާއި, އައްޑޫއަށް ނާދެވުނަސް, ތަރައްގީގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާނެ ކަމެވެ.
"...މި ސިޓީއަށް ގިނައިން އާދެވޭތޯ ވެސް އަޅުގަނޑު މަސައްކަތް ކުރާނަން," ރައީސް ސޯލިހު ވިދާޅުވި އެވެ.












