އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި، ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހު ނުވަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އެ އަތޮޅަށް ވަޑައިގެންފައިވަނިކޮށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫއިން މިއަދު ނުވަ މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިނެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އައްޑޫއިން ހައްޔަރު ކުރި ނުވަ މީހުން ހައްޔަރު ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނޭ ކަމަށް، އިތުބާރުހިފޭ މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދިނެވެ.
އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ މިހާރު ބަލަމުންނެވެ.

ނަމަވެސް ހިންގަން އުޅުނު ޓެރަރިޒަމްގެ ހަމަލާއަކީ ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ރޭވި ރޭވުމެއްކަން އަދި ސާފެއް ނުވެ އެވެ.
ރައީސް ސޯލިހު، ދިވެހި ސަރުކާރުގެ އިސްވެރިންނާއެކު މިއަދު އައްޑޫއަށް ވަޑައިގެންނެވީ އެތަނުގެ ޕޮލިސް އެކަޑަމީ ހުޅުވައި، ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކެއް ފެއްޓެވުމުގެ ގޮތުންނެވެ. ރައީސް ސޯލިހާއެކު އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021، މާލޭގައި ގޮއްވާލި ވަރުގަދަ ބޮމަށްފަހު ވެސް އައްޑޫއިން ފުލުހުން ބަޔަކު ހައްޔަރު ކުރި އެވެ. އެފަހަރު ޖުމްލަ އަށް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި، ނަޝީދަށް ދިން ހަމަލާ މާސްޓާމައިންޑު ކުރި ކަމަށް ބެލެވޭ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ހިމެނެ އެވެ.













