މުމްބާއީ، އިންޑީއާ (މާޗް 27) - ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުގެ ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ކޮލްކަތާ ނައިޓް ރައިޑާސް އިން ޗެމްޕިއަން ޗެންނާއީ ސުޕަކިންގްސް ބަލިކޮށްފި އެވެ.
އައިޕީއެލްގެ 15 ވަނަ މުބާރާތުގައި މިފަހަރު 10 ޓީމެއް ވާދަކުރެ އެވެ. އެއީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީގެ އިތުރުން ކޮލްކަތާ، މުމްބާއީ އިންޑިއަންސް، ރޯޔަލް ޗެލެންޖާސް ބެންގަލޫރޫ، ސަން ރައިޒާސް ހައިދްރާބާދު، ޕަންޗާބު ކިންގްސް، ޑެލީ ކެޕިޓަލްސް އަދި މުބާރާތުގައި މިފަހަރު އަލަށް ވާދަކުރާ ގުޖުރާތު ޓައިޓަންސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ.
މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗު ޗެންނާއީއާ ވާދަކޮށް ކޮލްކަތާ ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ކޮލްކަތާ ޓީމުން ނިންމީ ޗެންނާއީ އަށް ބެޓު ކުރަން ފުރުސަތު ދޭށެވެ.
ޗެންނާއީ ކުޅެން އަރައި ފުރަތަމަ 11 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެ ހެދުނީ 61 ލަނޑެވެ. ޗެންނާއީ އަށް މެޗުން އުންމީދެއް ގެނެސްދިނީ އެޓީމްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މަހިންދުރަ ސިންހް ދޯނީ އެވެ. ދޯނީ ކުޅެން ނުކުމެ 38 ބޯޅައިން ނުބައިނުވެ 50 ލަނޑު ހަދައި އެ ޓީމުގެ ޖުމްލަ 131 އަށް އިތުރުކޮށްދިނެވެ އެވެ. މިއީ އައިޕީއެލްގައި އޭނާ ކުޅުނު 15 މުބާރާތުގައި ހެދި 24 ވަނަ ހާފް ސެންޗަރީ އެވެ. އަދި މިއީ 2019 ގެ އޭޕްރީލްގެ ފަހުން ދޯނީ އައިޕީއެލް މެޗެއްގައި ހެދި ފުރަތަމަ ހާފް ސެންޗަރީ ވެސް މެ އެވެ.
ކޮލްކަތާ ޓީމުން މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރަށް ދެ ވިކެޓް ނެގި އުމޭޝް ޔާދަވް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އުމޭޝް މެޗުގައި ނެގި ދެ ވިކެޓަކީ މި އިނިންގްސްގެ އެންމެ މުހިންމު ދެ ވިކެޓެވެ. އެއީ ޗެންނާއީގެ ދެ އޯޕަނިން ބެޓްސްމަނުންގެ ވިކެޓެވެ.
މެޗުގެ ދެ ވަނަ އިނިންގްސްގައި ކުޅެން އަރައި ކޮލްކަތާއިން ރަނގަޅަށް ފެށި އެވެ. މިގޮތުން އެޓީމުގެ ބެޓްސްމަނުން ނިސްބަތުން ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް ހޯދި އެވެ. މިގޮތުން އަޖިންކިޔަ ރަހާނޭ 34 ބޯޅައިން 44 ސްކޯ ކުރި އިރު، ސެމް ބިލިންގްސް 22 ބޯޅައިން 25 ލަނޑު ހެދި އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ބާކީ ނުވަ ބޯޅަ އުކަން އޮއްވަ އެވެ.
މި އިނިންގްސްގައި ޗެންނާއީގެ ޑްވޭން ބްރާވޯ 20 ލަނޑަށް ތިން ވިކެޓު ނެގި އެވެ. މި ތިން ވިކެޓާ އެކު އައިޕީއެލްގެ ތާރީހުގައި އެންމެ ގިނަ ވިކެޓު ނެގި ސްރީ ލަންކާގެ ކުރީގެ އުކުންތެރިޔާ ލަސިތު މަލިންގާގެ ރެކޯޑާއި އަރާ ހަމަކޮށްފަ އެވެ. ދެ ކުޅުންތެރިންވެސް ވަނީ 170 ވިކެޓު އައިޕީއެލްގައި ނަަގައިފަ އެވެ.
އިންޑިއަން ޕްރިމިއާ ލީގުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް ނުުކުންނާނީ ޑެލީ ކެޕިޓަލްސްއާ ދެކޮޅަށެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޕަންޖާބު ކިންގްސް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރެވެ.












