އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިތުރު ނުވަ މީހަކަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި ޕީޕީއެމުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރައިގެ ތެރެއިން ޖުމްލަ 17 މީހަކު ފުލުހުން ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނެ އެވެ.
އެ އެންމެވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ.
އިއްޔެގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ތެރެއިން އަށް މީހަކު ދޫކޮށްލައިފައި ވާއިރު ބާކީ ތިބި ނުވަ މީހުންގެ ތެރެއިން ތިން މީހަކަށް ތިން ދުވަސް، ތިން މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

މުއްދަތު ޖެހި މީހުން:
- ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ( 7 ދުވަސް)
- ޑެޕިޔުޓީ މޭޔަރު ނަރީޝް ( 2 ދުވަސް)
- ކައުންސިލް މެމްބަރު ނަބީލް ޒަމީލް (3 ދުވަސް)
- އަހުމަދު (ދަފްތަރު އެސްސީ- 3 ދުވަސް)
- އަލީ ނަސީމް (ތަކަނޭ - ހަތް ދުވަސް)
- އިބްރާހިމް ރަޒާން - 2 ދުވަސް)
- ޝަޔާން ޝާހިދު - 2 ދުވަސް)
- އަހުމަދު ޝައްމޫން (3 ދުވަސް)
- މުހައްމަދު ޔާފިޔު (2 ދުވަސް)
މުޒާހަރާއިން ހައްޔަރުކޮށް ޝަރުތާއެކު ދޫކޮށްލި މީހުން:
- ޣައްސާން
- 2. ސައީދު
- 3. ޕާޕާ
- 4. ޝިފާޒު
- 5. މާޝް
- 6. އަބުދުﷲ ހަސަން
- 7. ރުކުޝާނާ
މުޒާހަރާ ކުރުން ހުއްޓުވާނެ ކަމަށް ބުނެ ފުލުހުން ކުރިން އިންޒާރު ދީފައި އޮއްވާ އިއްޔެ ބޭއްވި އެ އެއްވުން ހަވީރު 4:00 ފެށިގެން ތިން ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ އެވެ. ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކައިރިން ހިނގާފައި ނިކުމެ ކާނިވާ ސަރަހައްދާ ހަމައަށް މުޒާހަރާގެ ބައިވެރިން ދިޔަ އެވެ. ފުލުހުން މުޒާހަރާގެ ބައިވެރިން ފުލުހުން ހުއްޓުވީ އެހިސާބުންނެވެ.
މުޒާހަރާ ފެށީ އިދިކޮޅު ލީޑާޝިޕުގެ ބައެއް ބައިވެރިން ޕީޕީއެމް ޖަގަހައިން ނުކުމެގެން ބޮޑުތަކުރުފާނު މަގުން އުތުރަށް ހިނގައިގަތުމާއެކުގަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެންމެ ކުރީ ސަފުގައި ތިއްބެވި އެވެ.
މުޒާހަރާގެ ބައިވެރިން އެބޭފުޅުންގެ ފަހަތުން ދިޔައީ "އިންޑިއާ އައުޓް" ޝިއާރުތައް ހަރު އަޑުން ގޮވަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ފަހަނައަޅައި ދިޔުމަށްފަހު ދިޔައީ ކާނިވަލާ ދިމާއަށެވެ.
"އިންޑިއާ އައުޓް، އިންޑިއާ ސިފައިންނަށް މިތާކު ނުތިބެވޭނެ. މިއީ ދިވެހި ފަސްގަނޑު،" މުޒާހަރާގެ ބައިވެރިޔަކު ދިޔައީ ގޮވަމުންނެވެ.
ކާނިވާ ކައިރިން ފުލުހުންގެ ސަފުތައް ފޫއަޅުވަން އުޅުމުގެ ތެރޭ ހަމަނުޖެހުންތަކެއް ހިނގާ ބައެއް މީހުން ހައްޔަރުކުރި އެވެ.











