ޅ.ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައިއިލެކްޝަން އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކޮށްފި އެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ ރައީސަކަށް ހުންނެވި އެމްޑީޕީ މެމްބަރު އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ މީގެ ކުރިން ކައުންސިލްގައި ދެ ދައުރު ފުރިހަމަ ކުރެއްވި އިސްމާއީލް މަދީހު އެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވީ ކެންޑިޑޭޓް އަލީ ނަސީމް އެވެ.
މި އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ކުރެންދޫގައި ދެ މަޝްރޫއުއެއް ފަށައި އިތުރު މަޝްރޫއެއްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލާފަ އެވެ.
އެއީ ކުރެންދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އިންތިހާބާ ދިމާކޮށް ސްޕީޑް އަވަސްވީ ގޮނޑޮދޮށް ހިމާޔަތްކުރުމާއި ފެނުގެ ނިޒާމް ގާއިމްކުރުމެވެ. މި ދެ މަޝްރޫއު ބަޖެޓުކޮށް ހަމަޖައްސާފައި ވަނީ މި އަހަރު ތެރޭގައި ފަށާގޮތަށެވެ.

މީގެ އިތުރުން އެ ރަށުގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
މި އިންތިހާބުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެންދު އަށް ވަޑައިގަތެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަޑައިގަތެވެ.











