ރާއްޖޭގެ ވަކި ސަރަހައްދުތަކަކަށް ވަކި ވަގުތުތަކެއްގައި ވާރޭ ވެހޭނެކަން ލަފާކޮށް އެކަން އަންގައިިދޭނެ ހިދުމަތެއް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް)އިން ތައާރަފްކޮށްފި އެވެ.
"ޕްރޮބަބަލް އޭރިއާ އޮފް ރެއިންފޯލް ހާވެސްޓިން"ގެ ނަމުގައި އެ ހިދުމަތް ތައާރަފްކުރީ އިއްޔެ ދުނިޔޭގެ މިޓިއޮރޮލޮޖީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އެ ހިދުމަތަކީ މެޓް އޮފީހުގެ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މެދުވެރިކޮށް ދެވޭ ހިދުމަތެކެވެ.
ގްރީން ކްލައިމެޓް ފަންޑުގެ އެހީގައި ދޭން ފެށި އެ ހިދުމަތުގެ ސަބަބުން ވާރޭ ފެން ނެގުމުގައި އާންމުންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް މެޓް އޮފީހުން ބުނެ އެވެ. އެ ހިދުމަތާއި ގުޅޭގޮތުން އިއްޔެގެ ހަފްލާގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ އެ އެލާޓް ނެރުމުގައި ވަކި ކަންކަމަކަށް އެ އޮފީހުން ބަލާނެ ކަމަށެވެ.
"މި ނޯޓިފިކޭޝަން އަޅުގަނޑުމެން ނެރޭ ސަރަހައްދުގެ ބޮޑު ބަޔަކަށް ވާރޭ ވެހޭނެ ކަމަށް އަޅުގަނޑުމެންނަށް ހައި ކޮންފިޑެންސް ލެވެލްގައި ފޯކާސްޓު ކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެން މި އެލާޓް ނެރޭނީ،" ތަހުމީނާ ވިދާޅުވި އެވެ.
އެލާޓް ނެރުމުގައި އޭގެ އިތުރުން ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރާ ވަގުތަށް ރިއާޔަތްކޮށް އެކަން ވެސް އަންގައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގިނަ ވަގުތަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭނަމަ އެކަން ވެސް އަންގައިދޭނެކަމަށް ތަހުމީނާ ވިދާޅުވި އެވެ.

އަދި އެ އެލާޓް ނެރޭ ސަރަހައްދުުގެ 50 ޕަސަންޓު ރަށްރަށަށް ވާރޭގެ އަސަރުކުރުން ވެސް އެއީ އެލާޓް ނެރުމުގައި ބަލާނެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެލާޓް ނެރޭ ސަރަހައްދުގެ 50 ޕަސަންޓު ރަށްރަށަށް ވާރޭ ވެހުމުގެ ފުރުސަތު އޮންނަންވާނެ. މިކަންތައްތައް ފުރިހަމަވަންޏާ އަޅުގަނޑުމެން މި އެލާޓް ނެރޭނީ،" ތަހުމީނާ ވިދާޅުވި އެވެ.
ވަރޭ ވެހޭނެ ކަމަށް ލަފާކުރާ ހިދުމަތުގެ އިތުރުން އިއްޔެ ވަނީ މެޓް އޮފީހުގެ އާ ވެބްސައިޓު ވެސް ލޯންޗުކޮށްފަ އެވެ. އާ ވެބްސައިޓާއެކު ކުރީގެ ވެބްސައިޓުގައި ހުރި މައްސަލަތައް ހައްލުވެގެންދިޔަ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އަދި އާ އެޕްލިކޭޝަނަކީ އިނގިރޭސި ބަހާއި ދިވެހި ބަހުން ވެސް ބޭނުންކުރެވޭ، ޓެބްލެޓް އަދި ސްމާޓްފޯނުފަދަ އާލާތްތަކަށް ވެސް އެކަށީގެންވާ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ. އާ ވެބްސައިޓުން ވެސް ދިޔަވަރާއި މޫސޫމަށް އަންނަ ބަދަލުތައް ފެންނާނެއިރު، ރާއްޖެ ހިމެނޭ ސަރަހައްދަށް އައިސްފައިވާ ބިންހެލުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް އަންގައިދޭނެ އެވެ.












