ބަންގްލަދޭޝާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ކްލަބް ގްރީން ސްޓްރީޓްސްގެ އަހުމަދު ނާހިލް، މާޒިޔާގެ ވައިސް ކެޕްޓަން، ހަސަން ޝިފާޒް (ޑުންގާ) އަދި ކްލަބް އީގަލްސްގެ އަހުމަދު ހަަސަން (އައްމަޑޭ) އަށް ފުރުސަތު ދީފި އެވެ.
ގައުމީ ޓީމުން މިރޭ 28 ކުޅުންތެރިންގެ ސްކޮޑަކާ އެކު ފަރިތަކުރުންތައް ފެށީ ފީފާ ކަލަންޑަރު ތާރީހެއްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށެވެ. މިއީ ގައުމީ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.
ސްކޮޑުން ގިނަ ދުވަސްތަކަށް ފަހު ނޫނީ މުޅިން އަލަށް ފުރުސަތު ދިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ޑުންގާ އާއި ނާހިލް އަދި އައްމަޑޭ ހިމެނެ އެވެ. އައްމަޑޭ އަލަށް ނެގިއިރު، ނާހިލް އާއި ޑުންގާ މި ނެގީ ގިނަ ދުވަސްތަކަކަށް ފަހު އެވެ. ނާހިލް ވަނީ 2019 ވަނަ އަހަރު ފަހު ކޮޅުގައި ޕީޓަ ސެގާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުރި ޕްރެކްޓިސްތަކަށް ނަގައިފަ އެވެ. ޑުންގާ ގައުމީ ޓީމުގައި ހިމެނުނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޓްރެއިނިން ކޭމްޕްގަ އެވެ.
މީގެ އިތުރުން އަނިޔާއިން ރިކަވާވެގެން މި އަހަރު ޖެނުއަރީ މަހު ކުޅުމަށް އެނބުރި އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވެސް ވަނީ ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. އަދި ވެލެންސިއާ ޓީމުގައި ހިމެނޭ ކުރިން ގައުމީ ޓީމަށް ކުޅުނު އަމްދާން އަލީ (އެންޑީ) ވެސް ވަނީ ސްކޮޑުގައި ހިމެނިފަ އެވެ. އެންޑީ އާއި ރިލޭ ގައުމީ ޓީމުން ޖާގަ ހޯދީ ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި ސެގާޓްގެ ކޯޗުކަމުގައި ޓީމުން ފުރުސަތު ހޯދި ޔާނު ވެސް އަލުން މެޗު ސްކޮޑަކުން ފުރުސަތު މި ހޯދީ މެދުކެނޑުމަކަށް ފަހު އެވެ.
އަނިޔާއިން ރިކަވާވަމުން އަންނަ ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ސްކޮޑުގައި ހިމެނުނު ނަމަވެސް އަނިޔާއާ ހެދި މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގެ ފަހުން ކުޅުމާ ދުރުގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑުގައި ނެތެވެ. ލީގުގައި ރަނގަޅަށް ކުޅުނު ކުޅުންތެރިންނަށް ބަލާއިރު، ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ)، ހުސެއިން ފައިސަލް (ފައިޓޯ)، ހިސާމް ސަލީމް (ކޮކީ) ވެސް ނުހިމެނޭއިރު، ގައުމީ ސްކޮޑުން ޖާގަ ދަމަހައްޓަމުން އައި ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ސްކޮޑުގައި ނެތެވެ.
ރާއްޖޭގެ ގައުމީ ޓީމު ސްކޮޑް:
މާޒިޔާ: 13 ކުޅުންތެރިން
ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، އަސަދުﷲ އަބްދުﷲ، ހަމްޒާ މުހައްމަދު (ހަމްޕު)، އަކުރަމް އަބްދުލް ގަނީ (އަކޫ)، ހައިޝަމް ހަސަން (ބިޑި) މުހައްމަދު އިރުފާން (އިރޭ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހުސައިން ޝަރީފް، ހުސައިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)
އީގަލްސް: 5 ކުޅުންތެރިން
އަހުމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ރިޒްވާން (ރިޒޭ)، އަހްމަދު ހަސަން (އަންމަޑޭ)
ވެލެންސިއާ: 4 ކުޅުންތެރިން
އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، އަމްދާން އަލީ (އެންޑީ)، އަބްދުﷲ ޔާމީން (ޔާނު)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް): 2 ކުޅުންތެރިން
މުހައްމަދު ޝަފީއު (ޗެކް)، ޔޫސުފް މީޝަމް
ކްލަބް ގްރީން ސްޓްރީޓްސް: 4 ކުޅުންތެރިން
ރިލްވާން ވަހީދު (ރިލޭ)، ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ސާއިފް، އަހްމަދު ނާހިލް.

ގައުމީ ޓީމުގެ ސްކޮޑު،-- ފޮޓޯ: އެފްއޭއެމް
ބަންގްލަދޭޝް އާ ކޯޗަކާ އެކު، ޓީމަށް ބަދަލުތަކެއް
މިއީ މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ އަތުން މޮޅުވި މެޗަށް ފަހު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް އިން ހޯދި މޮޅަކީ ފާއިތުވި 18 އަހަރު ތެރޭގައި ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބަންގްލަދޭޝްގެ ޒުވާން ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ކޯޗަކީ އަލީ ސުޒޭން އެވެ. ބަންގްލަދޭޝާ ހަވާލުވެހުރީ ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ. އޭގެ އެއް މަސް ފަހުން ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވިއިރު، ބަންގްލަދޭޝްގެ ކޯޗަކީ ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސް އެވެ. އަދި ރާއްޖޭގެ ކޯޗަކަށް ހުރީ މޮރިއޭރޯ އެވެ.
މި ފަހަރު ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް އިން ނެގި ސްކޮޑުގެ މެޖޯރިޓީ އަކީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކުުޅުންތެރިންނެވެ. އެކަމަކު، މިދިޔަ ޖެނުއަރީ މަހު ބަންގްލަދޭޝް އިން ގެނައި ސްޕެއިނުގެ ކޯޗު ހަވިއޭ ކަބްރޭރާ ވަނީ މީގެ ދެ ދުވަސް ކުރިން ބަންގްލަދޭޝްގެ ޕްރެކްޓިސް ފެށިއިރު، އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
ރާއްޖޭން ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ 5-0 އިންނެވެ. ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 21:00 ގަ އެވެ.












