ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް މަގާމުން ވަކިކުރައްވައިފި އެވެ.
އަހުމަދު މަގާމުން ވަކި ކުރެއްވިކަން، ސަރުކާރު އޮފީހެއްގެ އިސް އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އޭނާ ވަކި ކުރި ސީދާ ސަބަބެއް ނުބުނެ އެވެ. އޭނާ ބުނީ އަހުމަދު އަބްދުﷲ މަގާމުން ވަކި ކުރީ "މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން" ކަމަށެވެ.
އަހުމަދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަން ކުރަން މަސައްކަތް ކުރި ވަކީލުންގެ ޓީމުގެ މެމްބަރެކެވެ. އޭނާއަކީ ކުރިން މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރުމަށް ކުޅަދާނެ ވަކީލެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެކެވެ.
އަހުމަދަކީ ޕްރެކްސިސް ލޯ ފާމުގެ ޕާޓްނަރެކެވެ. އޭނާ ގާނޫނީ ދާއިރާއިން ކިޔެވީ މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީންނެވެ. އަހުމަދަކީ ލިޓިގޭޝަން އަދި އިސްލާމީ ޝަރީއާއަށް ހާއްސަ ވަކީލެއް ކަމަށް ލޯ ފާމުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އަހުމަދު މަގާމުން ވަކިކުރި އިރު އޭނާގެ މައްސަލަތަކެއް އުޅޭ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.














