އައްޑޫ ލިންކް ރޯޑްގައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް ކެނޑި މައްސަލައިގެ އިތުރުން ވިލިމާލެ ހޭޅިފަށުން ގިނަ އަދަދެއްގެ މަސްތައްކެއް ކެނޑި މައްސަލަ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބަލަން ފަށައިފި އެވެ.
އައްޑޫއިން ކަނޑާލި ރުއްތަކުގެ އަދަދު 50 އަށް އަރަ އެވެ. އެ ރުއްތައް ނެގި ސަބަބެއް ކަމަށް ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ އެ ރުއްތަކަކީ ގިނަދުވަސްވެފައިވާ ރުއްތަކެއް ކަމަށް ވެފައި، ރޭގަނޑުގެ ވަގުތުގައި ލިންކް ރޯޑް އަނދިރިވެ، އަދި ރުއްތަކުގެ ބައިތައް ވެއްޓިފައި ހުރުމުން، އެ މަގުގައި ދުއްވާ މީހުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާ ކައުންސިލްގައި ކުރުމުން ކަމަށެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް "އަދަދު"އަށް ވިދާޅުވީ އެ ސަރަހައްދުން ރުއް ކެނޑުމަށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރުއްތައް ކަނޑާލާފައިވަނީ އީޕީއޭ އިން ހުއްދަ ދިން ގޮތާ އެއްގޮތަށްތޯ ބަލަމުންދާ ކަމަށް ނައީމް ވިދާޅުވި އެވެ.
އަދި އެކަމަށް ޖަވާބުދާރީ ވާން އައްޑޫ ސިޓީ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށްވެސް ނައީމް ވިދާޅުވި އެވެ.
މީގެ އިތުރުން ނައީމް ވިދާޅުވީ ވިލިމާލޭގެ ހޭޅިފަށުން ގިނަ އަދަދެއްގެ ގަސް ކަނޑާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ވިލިމާލެއިން ގަސް ކެނޑުމުގެ އެެއްވެސް ހުއްދައެއް އީޕީއޭން ދީފައި ނުވާނެ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވިލިމާލެ ހޭޅިފަށުން ގަސް ކަނޑާފައި ވަނީ މާލެ ސިޓީ ކައުންސިލުންނެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.













