"ފަނާ"، "އޯމް ޝާންތި އޯމް" ފަދަ ހިންދީ ހިޓް ފިލްމުތަކަށް ލަވަކިޔައިދީފައިވާ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންތަނޫ މުކަރުޖީ (ޝާން)، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޝަރަފުގައި މާދަމާ ރޭ ބާއްވާ ޝޯގައި ލަވަ ހުށަހަޅައިދިނުމަށް މިއަދު ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެ އެވެ.
އެ ޝޯ އޮންނާނީ މާދަމާ ރޭ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގަ އެވެ. ޝޯ ބަލަން އާންމުންނަށް ވަދެވޭނެ އެވެ.
މިރޭ އެކުވެނި ދަނޑުގައި އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ޝަރަފުގައި މާދަމާ ރޭ، ހަމަ އެ ސަރަހައްދުގައި 8:45 ގައި ފަށާ ޝޯގައި ޝާން ގެ އިތުރުން ދިވެހި ފަންނާނުން ވެސް ލަވަ ހުށަހަޅައިދޭނެ އެވެ. މީގެ ތެރޭގައި "ނިޝް ބޭންޑް"، "ސަފޫރާ އިތު ސޯ ބުލޫ" އަދި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުވި ނަޒިއްކޮ ފަދަ ފަންނާނުން ހުށަހަޅައިދޭނެ އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ހަފްލާގައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ އެތުލީޓުންނެއް ބައިވެރިވެ އެވެ. ޔޫތު މިނިސްޓްރީން މިހާތަނަށް އިއުލާނުކޮށްފައިވާ ގޮތުން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.
ޝާން ގެ ބައެއް މަޝްހޫރު ލަވަތައް

ޗާންދް ސި ފާރިޝް - ފަނާ
ބަމް ބަމް ބޯލޭ - ތާރޭ ޒަމީން ޕަރް
ކުޗް ތޯ ހުއާ ހޭ - ކަލް ހޯނާ ހޯ
ވޮ ލަޅުކީ ހޭ ކަހާ - ދިލް ޗާތާ ހޭ
ދާސްތާ - އޯމް ޝާންތި އޯމް
ޖަގް ސޫނާ ސޫނާ ލަގޭ - އޯމް ޝާންތި އޯމް
ޝާން އަކީ ބޮލީވުޑް ރޮމޭންސް ލަވަތައް ކިޔާ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ގުނާލެވޭ ފަންނާނެކެވެ. ޕްލޭބެކް ސިންގިންގެ އިތުރުން މިހާތަނަށް އޭނާ ވަނީ އިންޑިއާގައި މިހާތަނަށް ބޭވި މަޝްހޫރު ގިނަ ލަވަ މުބާރާތްތަކެއްގެ ޖަޖުކަން ވެސް ކޮށްފަ އެވެ.











