ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލައި އޭނާގެ ހަށިގަނޑު ކަނޑުފެއްތި މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.
ލުތުފަރު މަރާލާފައިވަނީ އޭޕްރީލް 21، 2019 ގައި ކުރިމަގު ބޯޓުގައި ނޭވާހާސްކޮށްލައިގެންނެވެ. ލުތުފަރު މަރާލުމަށްފަހު ކަނޑުފައްތާފައި ވަނިކޮށް ފުލުހުން ވަނީ އޭނާގެ ކަށިތައް ކަނޑުއަޑިން ހޯދާފަ އެވެ. އެ މައްސަލައިގައި ދައުވާ ކުރަނީ ބަންގަލަދޭޝްގެ ތިން ރައްޔިތަކަށެވެ. އެއީ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހްތަރެވެ.
ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލާފައިވާއިރު، ތަހުގީގުގެ މަރުހަލާގައި އެ ކުށަށް އެއްބަސްވެ އެކަން ހިނގިގޮތް ކިޔައިދީ އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ޝަރީއަތުގެ މަރުހަލާއަށް އައުމުން އެ ކުށަށް އިންކާރުކުރީ ފުލުހުން އަނިޔާކޮށް ބިރުދައްކާ، މަޖުބޫރުކުރުވި ކަމަށް ބުނެ އެވެ.
ވަކީލަކު ހަމަނުޖެހިގެން ކްރިމިނަލް ކޯޓުގައި މަޑުޖެހިފައިވާ އެ މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، ދިފާއީ ވަކީލުންނަށް ލިޔުންތައް ނުލިބި ވާތީ ދައުވާއަށް ޖަވާބުދާރީވުމަށް އުޒުރުވެރިވި އެވެ. އިބްތިދާއީ މަރުހަލާއަށްފަހު، މިއަދު އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށިއިރު، ކުރިން އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލް ނިޔާވުމާ ގުޅިގެން މިއަދު އަލަށް އައްޔަންވި ދެ ވަކީލުން ވެސް ވަނީ އެ މައްސަލަ ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި، މައްސަލާގައި ހިމެނޭ ލިޔެކިޔުންތައް ހޯދުމަށް ކޯޓުގައި އެދިފަ އެވެ.
އެ ލިޔެކިޔުންތައް ލިބުމުން ދައުވާއަށް ޖަވާބުދާރީވެ، ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ އިއުތިރާޒެއް ވެސް ނެތުމުން މިއަދުގެ އަޑުއެހުން ނިންމާލީ މި މަހުގެ 28 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އަށް އަޑުއެހުމެއް ތާވަލްކުރުމަށްފަހު އެވެ.

ގާޒީ ވަނީ އެ އަޑުއެހުމަށް ދައުލަތުން ހުށަހަޅާފައިވާ ވީހާވެސް ގިނަ ޝަފައީ ހެކިވެރިން ހާޒިރުކުރެވޭތޯ މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެއީ މި މައްސަލާގައި 14 ހެކިވެރިއެއް ދައުލަތުން ހުށަހަޅާފައި ވުމުނެވެ.
އެ މީހުންގެ މައްޗަށް އިއްވި ދައުވާގައި ދައުލަތުން ބުނީ އަލަމިނާއި އިތުރު ދެމީހަކާއެކު 21 އޭޕްރީލް 2019 ވަނަ ދުވަހު 21:30 އެހާކަންހާއިރު، އެމީހުން މަސައްކަތްކުރާ ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ލުތުފަރު ރަހްމާނު މަރާލުމަށްފަހު ށ. ޅައިމަގު ބަނދަރާއި ދިމާލު ބޭރުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރު ހިސާބަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ އެންމެންނަށް 10 އަހަރުގެ ހުކުމެއް އަންނާނެ ކަމަށެވެ.
އެ މައްސަލަ ހިނގި ދުވަސްވަރު، ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަކުރުމަށް މެއި 16، 2016 ގައި އިސްކަންދަރު ކޮށީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމުގައި ދައުވާ ލިބޭ މީހުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.












