ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އިތުރު ކުންފުނިތަކުގެ ހިއްސާ އާއްމުންނަށް ވިއްކުން މުހިއްމު ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެމްޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިިން މަނިކު ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކޭނެ ވަރަށް ރަނގަޅު ކުންފުނިތައް މިހާރު ވެސް އެބަހުރި ކަމަށާއި އެކުންފުނިތަކުގެ ބޭނުން ކެޕިޓަލް މާކެޓަށް ބޮޑު ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ދެކަމަކަށްޓަކަ އެވެ.
"އެއީ ފަގީރުން ބާރުވެރިކުރުވުމަށާއި އެކުންފުނީގެ ރަނގަޅަށް ޓަަކައި، ޓްރާންސްޕޭރެންސީއެއް އަަންނާނީ އަޅުގަނޑަށް ހީވަނީ އެ ޕަބްލިކް ޕާޓިސިޕޭޝަން އައިސްގެން ހެން،" މަނިކު ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކުގެ ގޮތުގައި ކުންފުނިތައް ހުންނަހާ ހިނދަކު އެ ކުންފުނިތަކުގެ ހިންގުމާ މެދު ގިނަފަހަރު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އެހެން ނަމަވެސް ހުރިހާ ކުންފުންޏެއް ނޫން ކަމަށާއި އެކަމަކު އާއްމުކޮށް އެ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިހެން ހުންނަ ރަނގަޅު ކުންފުނިތައް، ޕަބްލިކަށް ވިއްކިދާނެ ކުންފުނިތައް މިހާރުވެސް އެބަހުރި. އެހެންވީމާ އެކުންފުނިތައް ލަސްނުކޮށް ޕަބްލިކަށް ދިއުމަކީ އަޅުގަނޑުމެންގެ ހަމަ ގައިމުވެސް ވަރަށް ބޮޑު އެދުމެއް،" މަނިކު ވިދާޅުވި އެވެ.

ރާއްޖޭގައި ކެޕިޓަލް މާކެޓް ކުރިއަރުވަން ބޭނުން ނަމަ ސަރުކާރަށް ކުރެވެން އޮތް އަނެއް ކަމަކީ އޭނާ ވިދާޅުވިގޮތުގައި ހިއްސާގެ ބާޒާރުގައި މިހާރު ލިސްޓްކޮށްފައި ހުރި ކުންފުނިތަކުން އިތުރަށް ހިއްސާ ވިއްކުމެވެ. މިހާރު ލިސްޓްކޮށްފައި ހުރި ކުންފުނިތަކުގެ ވެސް ގާތްގަނޑަކަށް 80 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގެ ކަމަށާއި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އަދިވެސް އިތުރު ހިއްސާ ވިއްކިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާކެޓަށް އެބައި އަންނަން އެބަ ޖެހޭ އަޅުގަނޑުމެންގެ އާއްމުންގެ ހިއްސާ ބޮޑުކުރާ ކަމަށް ވަންޏާ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްގެ ތެރޭގައި އެކަން ހިމަނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެޕިޓަލް މާކެޓް ކުރިއަރުވަން ކުރެވިދާނެ ތިން ވަނަ ކަމަކީ މަނިކު ވިދާޅުވި ގޮތުގައި ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ވިޔަފާރިކުރަން ހުއްދަ ދޭ އިރު، ހިއްސާ ވިއްކަން މަޖުބޫރުކުރުމެވެ. ބޭރުގެ ކުންފުނިތަކުން އާއްމުންނަށް ހިއްސާވިއްކުމުން ވާ ފައިދާގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އުރީދޫ އެވެ.













