ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެއީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޓްރާންސްޕޯޓް ކޯޕަރޭޝަން އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރުމުގެ އެއްބަސްވުމެކެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އަދި މިނިސްޓާ އިންޗާޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަން އެވެ.
ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ އެވެ.
މީގެތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމާއި އަދި މަތިންދާބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގު ކުރުން ހިމެނޭ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ މީގެ ސަބަބުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.
ސިންގަޕޫރުގެ މިނިސްޓަރު ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި މި އެއްބަސްވުމާއެކު ދަތުރުފަތުރުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.












