ޔޫކްރެއިން ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިން ދިވެހިރާއްޖެއަށް ކުރާނެ އަސަރު ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވުމަށްފަހު ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ "ކޮވިޑްގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާއިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް އެއަންނަނީ އަޅުގަނޑުމެންގެ ބޯމައްޗަށް އަރަމުން" ކަމަށެވެ.
"މި ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރޭން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ފޫބައްދަން ވެސް އެހާ ދުވަސް ނަގާނެ. އެހެންކަމުން، ޔޫކްރޭން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަނގުރާ ދިގުދެމިގެންގޮސްފި ނަމަ ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުންތަކުގެ އަންދާޒާއެއް ފައިނޭންސް މިނިސްޓްރީން މިހާރު ހަދަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމަށް އަންނަ ބަދަލުތައް ދަނެގަނެ އާ މާކެޓްތައް ހޯދުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޔޫކްރެއިން އަދި ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދަށް ވެސް ގެއްލުންތަކެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ހަނގުރާމައިން އުފެދޭ އިގްތިސާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ގައުމަކަށް އެބަ ފޯރާ. އެކަމުގެ ލޮޅުންތައް ރާއްޖެއަށް ވެސް ފޯރަން ފަށައިފި. ރަޝިޔާ އާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު. އެހެންކަމުން ރާއްޖޭގެ އިގްތިސާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ޔޫކްރެއިންގެ ފުރިހަމަ މިނިވަންކަމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ "ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު" ކަމަށެވެ.
"ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު. ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް. މިއީ، އދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަގްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެއް ވަކާލާތުކުރަމުން މިއަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމަ،" އެމަނިކުފާނު ވިދާޅުވި އެވެ.












