ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 71 ބިލިއަން ރުފިޔާ ގެއްލުންވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވިކަން އިއުލާން ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މުޅިން ކަހަލަ ގޮތަކަށް ހުއްޓުނު ކަމަށެވެ. މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ބޮޑަށް ދަށަށްދާނެ ކަމަށް އެއިރު ލަފާ ކުރެވިފައި އޮތީ ރާއްޖޭގެ އިގްތިސާދު ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް. މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އިގްތިސާދު ހުއްޓުމަކަށް އައި ދަނޑިވަޅުގައި ސަރުކާރުން މަސައްކަތް ކުރީ "ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކި ނުކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖްތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިސޯޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިހާރު ކުރެވޭ އަންދާޒާތަކަށް ބަލާއިރު، އެންމެ ހަލުވިކޮށް އިގްތިސާދު ކުރިއަރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެނައިއިރު، މިއަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިގްތިސާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ގައުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެ ވެސް ހިމެނޭ. މިކަމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ވަރަށް ބާރަށް ކުރިއަރަމުންދަނީ ވިޔަފާރިވެރިންނާއި ސިއްހީ ހިދުމަތްތެރިން ކުރި މަސައްކަތުން ކަމަށް ވެސް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.
"ހަމައެފަދައިން އިގްތިސާދު އަލުން ކޮޅަށް ޖެހުމުގައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި އަޒުމާއެކު، ވަރުބަލިވުމެއް ނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ދާއިރާގެ އެންމެހައި ހިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ އެންމެ ފުރަތަމަ އިއުލާން ކުރީ މީގެ ދެ އަހަރާއި ދެ ދުވަސް ކުރިންނެވެ. ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ އެންމެ ފުރަތަމަ ގަރާރު ނެރުއްވީ އެއިރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެންމެފަހުން އެ ހާލަތު އިތުރު ކުރެއްވީ މިހާރު ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.













