ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނެފި އެވެ.
ރައީސް ގައުމާ މުހާތަބު ކުރައްވާ ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އަދި ވާހަކަ ދައްކަވާނެ ވަކި މައުލޫއެއް ވެސް ހާމައެއް ނުކުރެ އެވެ. ހަމައެކަނި ބުނީ މިރޭ 8:00 ޖަހާއިރު އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވަނީ ތައިރޮއިޑް މައްސަލައެއްގައި ސިންގަޕޫރުގައި ހަށިކޮޅުގެ ސާޖަރީއެއް ހެއްދެވިފަހުން ފުރަތަމަ ފަހަރަށެވެ.
ރައީސް ސާޖަރީ ހެއްދެވީ ފެބްރުއަރީ 25، ގަ އެވެ. ސާޖަރީ ތިން ގަޑިއިރަށް ދިގުދެމިގެންދިޔައިރު އެ ވަގުތުކޮޅު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.













