އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރިމަތިލީ މީހުންގެ ތެރޭގައި އިސްމާއިލް ޒަރިޔަންދުގެ ނަން ނުހިމެނި މައްސަލައިގައި ސުވާލު އުފެދިގެން އުޅޭ އިއުލާނާ ގުޅިގެން މަޖިލިހުގެ ގާނޫނީ ޓީމުގެ ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.
އެ މައްސަލަ އުފެދުނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލީ މީހުންގެ ނަންތައް ރައީސް އޮފީހުން މަޖިލިހަށް ފޮނުވިއިރު ޒަރިޔަންދުގެ ނަން އެ ލިސްޓުގައި ނެތް ހިސާބުންނެވެ. އޭސީސީ ގާނޫނު ބުނާ ގޮތުން، މަގާމަށް އައްޔަނުކުރަން ރައީސްއަށް ފެނިވަޑައިގަންނަވާ މީހުންގެ ނަންތަކާ އެކު އެ މަގާމަށް ކުރިމަތިލީ އެންމެންގެ ނަންތައް ހިމަނަން ޖެހެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުން ބުނީ ނަން ނުފޮނުވީ މެމްބަރުކަމަށް ކުރިމަތިލާން އެންމެ ފަހުން ކުރި އިއުލާނަށް ޒަރިޔަންދު ކުރިމަތިލާފައި ނުވާތީ ކަމަށެވެ. ފަހުން ކުރި އިއުލާނަކީ ކުރީގެ އިއުލާނުތައް ބާތިލުކޮށްފައި ކުރި އިއުލާނެއް ކަމުން ރައީސް އޮފީހުން ބުނީ މަޖިލިހަށް ހުށަހެޅީ ފަހުން ކުރި އިއުލާނަށް ކުރިމަތިލީ މީހުންގެ ކަމަށެވެ.
އެކަމަކު ޒަރިޔަންދު ވިދާޅުވަނީ ކުރީގެ އިއުލާނު ބާތިލުކުރި ނަމަވެސް، ހުށަހެޅި ލިޔެކިޔުންތަކާއި ދައުލަތާ އެކު ވެފައިވާ އިގުރާރު ދެމިއޮންނާނެ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސްއަށް އެޑްރެސްކުރައްވާ ޒަރިޔަންދު މަޖިލިހަށް ފޮނުވި ސިޓީގައި، އޭނާ ވިދާޅުވީ ލިސްޓުގައި އޭނާގެ ނަން އޮންނަން ޖެހޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވެސް ލަފާދެއްވާފައިވާ ކަމަށެވެ. އަދި ލިސްޓުގައި ނަން ނެތުމަކީ އޭނާގެ ގާނޫނީ ހައްގެއް ނިގުޅައިގަތުން ކަމަށް ދެކޭތީ، މައްސަލަ ބަލައިދީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލީ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމަނައިދޭން އޭނާ އެދިފައިވެ އެވެ.

އެ މައްސަލަ ދިރާސާކުރަމުންދާ ކޮމިޓީގެ ބައްދަލުވުމެއްގައި މި ސިޓީ އިއްވުމަށް ފަހު، ގާނޫނީ ލަފާ ހޯދަން ނިންމީ އިއުލާނު ބާތިލުކުރުމަކީ ލިޔެކިޔުންތަކާއި އިގުރާރު ބާތިލު ވާނެ ކަމަށް ނޫން ކަމަށް ބުނާތީ އެވެ. އަދި، ހަމައެކަނި ރައީސް އޮފީހުން ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމުގެ ބަދަލުގައި ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް އޮންނާނެތޯ ދެނެގަތުން މުހިންމު ކަމަށް ކޮމިޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ އެވެ.
މަޖިލިހަށް ގާނޫނީ ލަފާދެއްވާނީ ކައުންސިލް ޖެނެރަލް، ފާތިމަތު ފިލްޒާ އެވެ.
ލިސްޓުގައި ނަން ހިމަނައިދޭން ޒަރިޔަންދު އެދިފައިވާއިރު، އޭސީސީއަށް މެމްބަރުން އައްޔަނުކުރުމުގެ ކަންކަން ވަނީ ނިމެން ގާތްވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ކޮމިޝަނަށް އައްޔަނުކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ފޮނުއްވެވި ފަސް މީހުންގެ ނަމެވެ. އެއީ:
- ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
- އަބްދުއް ސަލާމް/ ހަވާ، ށ. ނަރުދޫ
- ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިގިލި
- ޝަޒްނާ އާދަމް/ ރިހިވިލު، ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު
އޭސީސީގެ ގާނޫނީ ހުސްކަން ނިމުމަކާ ގާތަށް
އޭސީސީ ގާނޫނު ބުނާގޮތުން ކޮމިޝަނުގެ މެމްބަރަކު އިސްތިއުފާ ދޭތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހެ އެވެ. އެކަމަކު ރައީސް އޮފީހުން މަޖިލިހަށް ނަންތައް ފޮނުވީ މި މުއްދަތު ފަހަނައަޅައިދިޔަ ފަހުންނެވެ.
ޒިންމާ އަދާނުކުރާ ކަމަށް ބުނެ މަޖިލިހުން މައްސަލަ ބަލަން ފެށުމާ ގުޅިގެން އުފެދުނު މައްސަލައިގައި އެންމެ ފުރަތަމަ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އަލީ އަޝްރަފެވެ. އެއީ، މިދިޔަ އަހަރުގެ ޑިސެމްބަރު 2 ގަ އެވެ. ދެން އިސްތިއުފާ ދިނީ އިބްރާހިމް ޝަކީލެވެ. އެއީ ޑިސެމްބަރު 15 ގަ އެވެ.
ބާކީ ތިބި ތިން މެމްބަރުން، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ.
މެމްބަރުން ނެތް މުއްދަތުގެ ތެރޭގައި އޭސީސީއަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާއިރު، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮތުމުގެ ކަންބޮޑުވުން އިދިކޮޅާއި ސަރުކާރު ޒިންމާދާރުވާން ގޮވާލާ މީހުން ހިއްސާކުރި އެވެ.
ވަކިން ހާއްސަކޮށް، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ސަރުކާރުން އިއުލާނުކުރި މަޝްރޫއުތަކުގެ މައްސަލަތައް ނުބެލި އިންތިހާބު ނިމިގެން ދިޔުމުން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.












