ކަތިވަޅިތަކަކުން ހަމަލާދީ 2015 ވަނަ އަހަރު މާލޭގައި މަރައިލި ޖައިލަމް އަހުމަދު ޝާކިރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޖައިލަމް، 20، މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ އިސްމާއިލް އަނީގާއި މުހައްމަދު ހުމައިދާއި އަލީ އިރުފާން އަދި ނަސީބު ސައީދުގެ މައްޗަށެވެ. އޭގެ ތެރެއިން އަނީގް އަދި ހުމައިދުގެ މައްޗަށް ކުރީ މީހަކު މެރުމުގެ ދައުވާ އެވެ. އިރުފާން އަދި ނަސީބު ސައީދުގެ މައްޗަށް އުފުލީ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.

ޖައިލަމް މެރިކަމުގެ ދައުވާ ލިބުނު ހަތަރު މީހުން: ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތައް މި މީހުންނާ ގުޅުވާލެވިފައިނުވާ ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް
އެ މައްސަލައިގައި މިއަދު ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ހާދިސާ ހިނގިތަނުން ނެގި ފޮރެސިން ސާމްޕަލްތަކާއި ފިންގާ ޕްރިންޓްތައް ދައުވާ ލިބޭ ފަރާތްތަކާއި ގުޅުވާލެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ހެކިން ލައްވައި، ފުލުހުން ގަދަކަމުން ބަޔާން ނަގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ މައްސަލައިގެ ވީޑިއޯ ފޫޓޭޖް އެނަލިސިސް ރިޕޯޓު ހާދިސާއާ ގުޅުވާލެވިފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެއީ އެ ފޫޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖައިލަމްގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ކަތިވަޅިން ހަމަލާދީފައި ހުއްޓެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ. ފުލުހުން ބުނީ ޖައިލަމަށް ހަމަލާދިނީ މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށެވެ.
ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ވިނަމަ ސާބިތުވުމުގެ ފުރުސަތު ބޮޑު
އެ މާރާމާރީގައި ހުމައިދުގެ އަތަށް ގެއްލުންވެފައި ވާއިރު، ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއް ތެރޭ، އޭނާ މެޑިކާ ކްލިނިކުންނާއި، ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު، އިތުރު ފަރުވާއަށް ލަންކާއަށް ފުރި ކަމަށް ދައުލަތުން ބުނެ އެވެ. އޭނާ ހޯދަން ފުލުހުން އިއުލާނުކޮށް، ނޫސްތަކުން އޭނާގެ ފޮޓީ ޖަހާފައިވަނިކޮށް ލަންކާއަށް ފުރީ ފިލަން ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، އެ ވާހަކައަށް ބުރަދަން ދިނުމަށް ގާޒީ ނިންމެވި އެވެ.
ނަމަވެސް ހާދިސާ ހިނގި ވަގުތު ހުމައިދު އެ ސަރަހައްދުގައި ހުރިކަން އަންގައި ދެވިފައި ނުވާތީ އޭނާގެ މައްޗަށް ޖައިލަމް މަރާލުމުގެ ދައުވާ ސާބިތުވުމަށް ނުނިންމޭނެ ކަމަށް ގާޒީ ނިންމެވި އެވެ. އެއީ 19 ސީޑީއެއްގައި ފުލުހުން ހުށަހެޅި ސީސީޓީވީ ފޫޓޭޖްތައް ހޯދާފައިވާ ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވުމުނެވެ. އެހެންވެ އެ ހެކި ފުލުހުންގެ ލެބާއި ހަމައަށް ގޮސްފައިވަނީ ސައްހަމަގުންތޯ ސާފުކުރެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދި އެ ވީޑިޔޯ ފޫޓޭޖްތަކުގައި ބައެއް މީހުންގެ މޫނުތައް ފުސް ކަމަށާއި، ހާދިސާ ހިނގި ވަގުތު ނުވަތަ، ހިނގި ސަރަހައްދުން އެމީހުން ފިލާ ވީޑިއޯއެއް ދައުލަތަށް ހުށަހެޅިފައި ނުވާއިރު، އެ ވީޑިޔޯތަކެއް ނެނގި ތާރީހާއި، ވަގުތު ސާފު ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އޭގެ އިތުރުން ދައުވާ ލިބޭ މީހުންގެ ފޮޓޯތަކެއް ދައުލަތުން ހުށަހެޅި ނަމަވެސް، އެއިން ހާދިސާއާއި، ދައުވާ ގުޅުވާ ނުލެވޭކަން ގާޒީ ފާހަގަކުރެއްވި އެވެ.
ގަދަކަމުން ހެކިބަސް ނެނގި ތުހުމަތު
ގިނަ ސިއްރު ހެކިވެރިންތަކެއް ހުށަހަޅާފައިވާ އެ މައްސަލާގައި ސިއްރު ހެކިވެރިޔާ ތިނެއް އަދި ފަހެއްގެ ބަޔާން ތަހުގީގަށް ނަގާފައި ވަނީ ގަދަކަމުން ކަން ދޭހަވާ ކަމަށްވެސް ގާޒީ ފާހަގަކުރެއްވި އެވެ. ގާޒީ އެފަދައިން ވިދާޅުވީ ޝަރީއަތުގައި އެމީހުން ދެއްކި ވާހަކަތަކަށް ރިޔާއަތްކޮށެވެ. އެގޮތުން ހާދިސާ ހިނގިތަނުގައި ތިބި ކަމަށް ބުނާ އެމީހުނަށް ޖައިލަމްގެ ގަތުލުގެ ތުހުމަތުވާ މީހުންގެ ފޮޓޯ ދެއްކުމުން، އެއީ އެ މާރާމާރީ އިން ފެނުނު މީހުންކަން ކަށަވަރު ނުވާ ކަމަށް ބުނި ނަމަވެސް، އެމީހުންގެ އިނގިލީގެ ނިޝާން ބަޔާނެއްގައި ޖެހުމަށް ފުލުހުން އެންގި ކަމަށް ޝަރީއަތުގައި ކިޔައިދީފައިވާކަން ގާޒީ ފާހަގަކުރެއްވި އެވެ. އެހެންވެ އެ ހާދިސާ ފެނުނު މީހުންގެ ގޮތުގައި އެ ދެމީހުން ނުބެލޭނެ ކަމަށާއި އެ ހެކިބަހަށް ބުރަދަން ނުދިނުމަށް ގާޒީ ނިންމެވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި ތަހުގީގުއި ފާހަގަކޮށްފައިވާ ކަންކަމުގައާއި، ޝަރީއަތުގައި ހެކިބަސް ދެމުން ދެއްކި ވާހަކައާ ގުޅުވާލެވިފައި ވަނީ ސިއްރު ހެކިވެރިޔާ 1 ގެ ހެކިބަހެވެ. ތަހުގީގަށް ވުރެ ތަފްސީލުކޮށް، އެ ގަތުލުގެ ތުހުމަތުވާ މީހުންގެ ސިފައާއި ލައިގެން ހުރި އަންނައުނުގެ ކުލަ ޝަރީއަތުގައި އޭނާ ކިޔައިދީފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ހެކިބަސް ދިނީ "މަސްތުގެ ހާލަތުގައި" ހުރެގެން ކަމަށް ބުނެ ހެކި ބަހުން ރުޖޫއަވާން ސިޓީއެއް ފޮނުވުމާ ގުޅިގެން ގާޒީ ވަނީ އޭނާގެ ހެކިބަހަށް ބުރަދަން ދެވޭނެ އިތުރު ގޮތެއް އޮތްތޯ ބައްލަވާފަ އެވެ.
އެގޮތުން ހެކިބަސް ދިނުމުގެ ކުރިން އޭނާގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވެފައިވާއިރު، އެ ހެކިބަސް ދިން ފަހުން ވައްކަމުގެ ދެ މައްސަލަ ސާބިތުވެފައިވާތީ އޭނާގެ އަދުލުވެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށް ގާޒީ ނިންމެވި އެވެ. އެއީ ހާދިސާ ހިނގިތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން އެހާ ތަފްސީލުކޮށް އެއްވެސް ޖެހިލުމެއް ނެތި އެމީހުންގެ ސިފަ އެހާ ފުރިހަމައަށް ކިޔައިދީފައި ވާތީ އެވެ.
ގާޒީ ވިދާޅުވި ގޮތުގައި ސަބަބުވެރި އިންޒާނެއްގެ ވިސްނުމުން ބަލާއިރު އެކަންތައްތައް ހުރުމުން އެ ހެކިވެރިޔާގެ ހެކިބަހަށްވެސް ބަރުދަން ދެވެން ނެތެވެ.
titledesc













